ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ދުނިޔެ

އިންޑިއާއިން 500،000 ޑޯޒް ލަންކާއަށް ހަދިޔާކޮށްފި، މިއަދު ވެކްސިންދޭން ފަށަނީ

އިންޑިއާއިން 500،000 ޑޯޒް ކޮވިޝީލްޑް ވެކްސިން ލަންކާއަށް ހަދިޔާ ކޮށްފި އެވެ. އިންޑިއާއިން އަވަށްޓެރި އަދި ގާތް އެކުވެރި ގައުމުތަކަށް ވެކްސިން ހަދިޔާ ކުރުމަށް ހިންގާ ޕްރޮގްރާމްގެ ދަށުން ލަންކާއަށް ފޮނުވާފައި ވަނީ އެސްޓްރަޒެނެކާ-އޮކްސްފޯޑް ވެކްސިނެވެ. މިއީ އިނގިރޭސިވިލާތުގައި އީޖާދުކޮށް އިންޑިއާ ސީރަމް އިންސްޓިޓިއުޓްގައި އުފައްދާ ވެކްސިނެކެވެ.

އިންޑިއާއިން ދިން މި އެހީ ލިބުމާއެކު ލަންކާ ރައީސް، ގޮތަބަޔާ ރާޖަޕަކްސަ ވިދާޅުވީ ސިއްހީ ދާއިރާގައި މަސައްކަތްކުރާ އޮފިޝަލުންނަށް ވެކްސިންދިނުން އަވަސް ކުރައްވާނެ ކަމަށާއި، މިއަދު ޕްރޮގްރާމް ފައްޓަވާނެ ކަމަށެވެ.

ލަންކާއިން ބުނީ ވެކްސިން ދޭން ފެށެން ދެން ރައްކާކޮށްފައި ބެހެއްޓުމަށްޓަކައި ވަސީލަތްތައް ތައްޔާރަށް ހުރި ކަމަށާއި ގުދަންކޮށްފައި ބަހައްޓާނީ 2 – 8 ޑިގްރީ ސެލްސިއަސްގައި ކަމަށެވެ.

އިންޑިއާއިން ހަދިޔާރުކުރި 500،000 ކޮވިޝީލްޑް ލިބިވަޑައިގެން ލަންކާ ރައީސް އިންޑިއާއަށް ޝުކުރުއަދާކޮށް ކުރެއްވި ޓްވީޓް

ލަންކާގައި މިއަދު ވެކްސިން ދޭން ފަށާއިރު މިކަމަށް ހަ މަރުކަޒެއް ވަނީ ހާއްސަކޮށްފަ އެވެ. ވެކްސިން ދޭ ތަރުތީބަކީ 150،000 ސިއްހީ އެހީތެރިން، 120،000 ސިފައިނާއި ފުލުހުން އަދި މަގަތު ސަފުތަކުގައި މަސައްކަތްކުރާ ސެކިއުރިޓީ އޮފިޝަލުން ހިމެނެ އެވެ.

ޗައިނާއިން ވެސް ވަނީ ލަންކާއަށް 300،000 ޑޯޒް ސިނޮފާމް ވެކްސިން ފޯރުކޮށްދީފަ އެވެ. އެއީ ލަންކާ ރައީސް ގޮތަބެޔާގެ ޚާއްސަ އެދިލެއްވުމަކަށް ޗައިނާއިން ދިން ހަދިޔާއެއް ކަމަށް، ރައީސްގެ ޗީފް އެޑްވައިޒާ. ލަލިތު ވީރަތުންގާއާ ހަވާލާދީ ލަންކާ ނޫސްތަކުން ބުނެ އެވެ.

ލަންކާގައި އާންމުންނަށް ވެކްސިންދޭ ފެށި ނަމަވެސް މަޖުބޫރުކަމެއް ނެތް ކަމަށް ވީރަތުންގާ ވިދާޅުވި އެވެ. އެއީ އެމީހެއްގެ އިޚުތިޔާރު ކަމަށާއި ވެކްސިންޖަން ބޭނުން ނޫން ނަމަ ވެކްސިން ނުޖެހުން އެއީ އެއްވެސް މައްސަލައެއް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.