ލޯކަލް ކައުންސިލްތަކުގެ އިންތިހާބު

ފެބްރުއަރީ 8 ގެ ކުރިން ރަށްވެހިކަން ބަދަލުކުރަން ޖެހޭ

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި ވޯޓް ދިނުމުގެ ހައްގު ލިބިފައިވާ މީހުންގެ ފައިނަލް ލިސްޓް އެކުލަވައިލުމުގެ މަސައްކަތް ކުރަމުންދާތީ ރަށްވެހިކަން ނުވަތަ ދާއިމީ އެޑްރެސް ބަދަލު ކުރަން ބޭނުންވާ މީހުން އަންނަ މަހުގެ އަށް ވަނަ ދުވަހުގެ ކުރިން އެކަން ކޮށް ނިންމުމަށް އިލެކްޝަންސް ކޮމިޝަނުން އެދެފި އެވެ.

ލޯކަލް ކައުންސިލް އިންތިހާބު އަންނަ އޭޕްރީލް މަހުގެ 10 ވަނަ ދުވަހު ބާއްވަން ވަނީ ނިންމާފަ އެވެ. އަންނަ ހަފުތާގައި އިންތިހާބީ ތައްޔާރީތައް ފަށަން ކޮމިޝަނުން ވަނީ ނިންމާފަ އެވެ.

އެ ކޮމިޝަނުން ބުނީ ކައުންސިލް އިންތިހާބުގައި ވޯޓް ދިނުމުގެ ހައްގު ލިބިފައިވާ މީހުންގެ ފައިނަލް ލިސްޓް އެކުލަވާލުމުގެ މަސައްކަތް ކުރަމުންދާތީ ރަށްވެހިކަން ނުވަތަ ދާއިމީ އެޑްރެސް ބަދަލު ކުރަން ބޭނުންވާ މީހުން އަންނަ މަހުގެ އަށް ވަނަ ދުވަހުގެ ކުރިން އެކަން ކޮށް އައިޑީކާޑު ހަދާ ނިންމުމަށް އެދޭ ކަމަށެވެ.

އަދި ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބަށް ކުރިމަތިލާފައިވާ ކެންޑިޑޭޓުންގެ ނަން އަނބުރާ ގެންދިއުމުގެ ފުރުސަތު ފެބްރުއަރީ 11 ވަނަ ދުވަހު ބަންދު ކުރާނެ ކަމަށް ވެސް ވަނީ ބުނެފަ އެވެ. ކެނޑިޑޭޓު ކަމަށް ކުރިމަތިލާފައިވާ މީހުންގެ ނަންތައް އަނބުރާ ގެންދިއުމުގެ ފުރުސަތު ހުޅުވާލީ ޖޫން 23، 2020 ގައެވެ. މި މިދިޔަ މުއްދަތުގައި ގިނަ ކެންޑިޑޭޓުންތަކެއް ވަނީ ނަން ނަގާފައެވެ. އިންތިހާބުގައި ވާދަކުރަން ފޯމް ހުށައެޅި 4،089 ކެންޑިޑޭޓުންގެ ތެރެއިން 166 ކެންޑިޑޭޓުން މިހާރު ވަނީ ނަން ގެންގޮސްފައެވެ. ކައުންސިލް އިންތިހާބަށް 2،338 ކެންޑިޑޭޓުން ކުރިމަތިލިއިރު 103 ކެންޑިޑޭޓުން ނަން ގެންގޮސްފި އެވެ. އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީތަކުގެ އިންތިހާބަށް 1،751 ކެންޑިޑޭޓަކު ކުރިމަތިލިއިރު އޭގެ ތެރެއިން 63 ކެންޑިޑޭޓުން ނަން ގެންގޮސްފި އެވެ.

މިއީ މިފަހުން އިންތިހާބެއްގައި އެންމެ ގިނަ ކެންޑިޑޭޓުން ނަން ގެންދިޔަ އިންތިހާބަށްވާނެ އެވެ.