އަބްދުﷲ ޝާހިދު

ބައެއް ގައުމުތަކުގެ މިނިސްޓަރުންނާއި ޝާހިދު މަޝްވަރާ ކުރައްވައިފި

ތިން ގައުމެއްގެ ފޮރިން މިނިސްޓަރުންނާއި މިނިސްޓަރު އަބްދުﷲ ޝާހިދު އިއްޔެ ފޯނުން ގުޅުއްވައި މަޝްވަރާ ކުރައްވައިފި އެވެ.

އެމަނިކުފާނު ފޯނުން ވާހަކަ ދެއްކެވީ ސިއޭރަލިއޯންގެ ފޮރިން މިނިސްޓަރު ނަބީލާ ތޫނިސް އާއި މެލޭޝިއާގެ ފޮރިން މިނިސްޓަރު ހިޝާމުއްދީން ހުސެން އަދި ބްރޫނާއީ ދާރުއްސަލާމްގެ ފޮރިން މިނިސްޓަރު ދާތޯ އެރިވަން ޔޫސުފް އާއެވެ. ވަކިވަކިން ކުރެއްވި މި ފޯންކޯލްތަކުގައި އެ ގައުމުތަކާއެކު އޮންނަ ގުޅުން އިތުރަށް ބަދަހިކޮށް، ބައިނަލްއަގުވާމީ މަސްރަހުގައި ގުޅިގެން މަސައްކަތް ކުރުމާ ބެހޭ ގޮތުން މިނިސްޓަރި ޝާހިދު މަޝްވަރާ ކުރެއްވިއެވެ.

މީގެ އިތުރުން މިދިޔަ ހަފްތާގައި މިނިސްޓަރު ޝާހިދު ވަނީ ބޭރުގެ ބައެއް ގައުމުތަކުން ރާއްޖެއަށް ކަނޑައަޅާފައި ތިއްބަވާ ސަފީރުންނާއެކު ވާޗުއަލް ބައްދަލުވުންތަކެއް ބާއްވަވާފައެވެ. އެގޮތުން ޔޫރަޕްގެ އިއްތިހާދުން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ޑެނިސް ޗައިބީއާއި ބައްދަލުކުރައްވައި، ރާއްޖޭގެ މަހުގެ ބާވަތްތައް ޔޫރަޕްގެ މާކެޓްތަކަށް ބޭރުކުރުމުގައި ފަސޭހަ ގޮތްތަކެއް ހޯދުމާ ބެހޭ ގޮތުން މަޝްވަރާ ކުރެއްވިއެވެ. އަދި ތިމާވެއްޓާއި ކައުންޓާޓެރަރިޒަމްގެ ދާއިރާއިންވެސް ދެބޭފުޅުން މަޝްވަރާ ކުރެއްވިއެވެ.

ފަރަންސޭސީވިލާތުން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ލެވާޓޫ އެރިކް އާއިވެސް ޝާހިދު ވަނީ މިދިޔަ ހަފްތާގައި ބައްދަލުކުރައްވައި، މޫސުމީ ބަދަލުތަކާއި ކައުންޓާ ޓެރަރިޒަމްގެ ދާއިރާއިން ގުޅުން ބަދަހިކުރުމުގެ އިތުރުން، ރާއްޖޭގެ މަހުގެ ބާވަތްތައް ޔޫރަޕްގެ މާކެޓަށް ބޭރުކުރެވޭނެ އިތުރު މަގުތަކާ ބެހޭ ގޮތުން މަޝްވަރާ ކުރައްވާފައެވެ.