ދުނިޔެ

ހޯދާތާ 20 އަހަރު ފަހުން އިންޑިޔާގެ ގޭންގު ލީޑަރަކު އަތުލައިގެންފި

Oct 27, 2015

ޖަކާޓާ (ބީބީސީ) - ވިހި އަހަރު ވަންދެން ފިލައިގެން އުޅުނު އިންޑިޔާގެ މާފިޔާ ޑޮން އެއް އިންޑޮނޭޝިޔާ ފުލުހުން ހައްޔަރު ކޮށްފިއެވެ.

ރާޖެންދްރާ ސަދާޝީވް ނިކަލްޖޭ އަކީ އެތައް ބަޔަކު މެރުމުގެ ކުށުގައި ވޯންޓެޑް ލިސްޓްގައި އޮވެ ހޯދަމުންދާތާ 20 އަހަރުވެފައިވާ މީހެކެވެ. އޭނާއަށް އިންޑިޔާ މީހުން ޗޯޓާ ރާޖަން ނުވަތަ "ކުޑަ ރާޖަން" އޭ ވެސް ކިޔައެވެ.

އިންޑޮނޭޝިޔާ ފުލުހުން އޭނާ ހައްޔަރު ކުރީ އޮސްޓްރޭލިޔާގެ ސިޑްނީން ފުރައިގެން ބާލީއަށް އައިތަނުން އެއާޕޯޓު ތެރެއިންނެވެ.

އިންޑޮނޭޝިޔާ ފުލުހުންނަށް އޭނާގެ މައުލޫމާތު ދީފައި ވަނީ އޮސްޓްރޭލިއާ ފުލުހުންނެވެ. އޮސްޓްރޭލިއާ ފުލުހުން ބުނީ ރާޖެންދްރާ ސިޑްނީގައި ދިރިއުޅެމުން އައީ އެހެން ނަމެއްގައި ކަމަށެވެ.

އުމުރުން 55 އަހަރުގެ ރަޖެންދްރާގެ މައްޗަށް 17 މީހަކު މަރާލި ކަމުގެ ތުހުމަތު ކުރެވެއެވެ. އޭނާ ހޯދުމަށް އިންޑިޔާ ފުލުހުން ވަނީ ބައިނަލް އަގްވާމީ ފުލުހުންގެ ގުޅުން، އިންޓަޕޯލް ގައި އެދިފައެވެ. އިންޓަޕޯލުން އޮންނަނީ އޭނާ ހޯދުމަށް ރެޑް ނޯޓިސް ނެރެފައެވެ.

ހައްޔަރު ކުރި ވަގުތު ރާޖެންދްރާ އެއްވެސް ވަރަކަށް ދެކޮޅުހަދައި ގަދަކަން ނުދައްކާ ކަމަށް އިންޑޮނޭޝިޔާ ފުލުހުން ބުންޏެވެ. އަދި އޭނާ ހައްޔަރު ކުރީ އެންމެ ފުލުހަކު ގޮސް ކަމަށް ވެސް ވެއެވެ. އިންޑޮނޭޝިޔާ ފުލުހުން މިހާރު މަސައްކަތް ކުރަނީ އިންޑިޔާއާއި ގުޅިގެން އޭނާ ޑީޕޯޓް ކޮށްލައި އިންޑިޔާއާއި ހަވާލު ކުރުމަށެވެ. މިހާރު އޭނާ ހުރީ ބާލީގެ ވަގުތީ ޖަލެއްގައެވެ.