ވާހަކަ

އަހުނާ

(ދެވަނަ ބައި)

ދެއަހަރު ފަހެވެ. ނަޒީރަށް އުނދަގޫތަކެއް ވާތީ އުޅޭތާ ދެތިން ދުވަސްވީއެވެ. މީހާ ވަރުބަލިވެ ނިދި އަންނާތީ ކަމެއް ކުރާހިތެއް ނުވެއެވެ. އަބަދުވެސް ބޭނުންވަނީ އަރާމު ކުރާށެވެ. އޮށޯވެ އޮންނާށެވެ. ހިނގައިލިޔަސް ހީވަނީ ވެއްޓެން އުޅޭ ހެންނެވެ. ތަނަކު އިށީނދެލިޔަސް ލޯ މަރައިލެވެއެވެ. ލޯ މަރައިލައިފި ނަމަ ހުޅުވާ ހިތެއް ނުވެއެވެ. ތެދުވާ ހިތެއް ނުވެއެވެ.

"އަހަންނަށް ހީވަނީ މާބޮޑުވަރު ނުވަނީސް ޑޮކުޓަރަށް ދައްކަން ވެއްޖެހެން." ޕެނަޑޯލް ގުޅައަކާއި ފެންތަށްޓެއް ދިއްކޮށްލަމުން އަމްރާ ބުންޏެވެ.

"މިދެން އެހާ ބޮޑު ކަމެއް ނޫނޭ. މާ ބުރަ ދުވަސްކޮޅެއްވީމަ ވާގޮތެއް ކަންނޭނގެ. ނިދައިލީމަ ހަމައަކަށް އެޅިދާނެ." ވަރުބަލިވެ މާނޭވާލެވޭ ކަހަލަ ގޮތަކަށް ނަޒީރު ބުނެލިއެވެ.

"ތިހެން ކިޔާތާ ވެސް ތިން ދުވަސްވީ. ތިޔަ އުނަގަނޑުގެ ރިހުމަކަށް ބޮލަށް އުނދަގުވުމަކަށް ބަދަލެއް ނައެއްނު. އަނެއްކާ މިހާރު ތި އުޅެނީ ބަނޑަށް ވެސް އުނދަގޫވާތީ. ބުރަކަށީގައި ވެސް ރިއްސާތީ. އަހަންނަށް ހީވަނީ ހައްތަހާ ގޯސްވާހެން." ނަޒީރު ދިއްކޮށްލި ތަށީގައި ހިފައިލަމުން އަމްރާ ބުނެލިއެވެ.

"އާނ! މާދަމާ ތިކަމާ އުޅެންވީ." އެންމެ ފަހުން ނަޒީރު އެއްބަސްވިއެވެ.

ޖެހިގެން އާ ދުވަހެވެ. ނަޒީރާއި އަމްރާ ތިބީ ޑޮކުޓަރަށް ދައްކަން ކިއުގައެވެ. ޑޮކުޓަރު ހަދަން ހަވާލުކުރި ޓެސްޓުތައް އޮތް ސިޓީ އުރަތައް ހިފައިގެންނެވެ. ނަޒީރަށް އިރުކޮޅަކާ ބަލައިލެވެނީ ޑޮކުޓަރުގެ ކޮޓަރިއަށް އަރަމުންދާ ނަންބަރު ތަކަށެވެ. އޭނާ ލޯހުޅުވާލެވެނީ ނަންބަރު ބަދަލުވާކަން އަންގައިދޭ އަޑުންނެވެ. ގޮނޑީގައި އިން އިރުވެސް އޭނާ އިނީ ވަރުބަލިވެފައެވެ. މާނޭވާލެވޭ ގޮތްވެފައެވެ. ލޯ ހުޅުވާލެވެނީ ގަދަކަމުންނެވެ. ބައެއް ފަހަރު އަރިއަޅައިލައެވެ. އެކަން އަމްރާއަށް އެނގެއެވެ. އެހެންވެ އަމްރާ އިންނަނީ އޭނާގެ ގައިގައި ހިފަހައްޓައި ގެންނެވެ. މުލައްދަނޑިއަށް އަތް މަހައިލައިގެންނެވެ. ވިއްސަކަށް މިނެޓުފަހުން އެމީހުންގެ ނަންބަރު ދިއްލުނެވެ. ނަޒީރުގެ މުލައްދަނޑީގައި ހިފައިގެން އަމްރާ އެތެރެއަށް ވަނެވެ.

ޑޮކުޓަރު ބަލައިލީ ނަޒީރުގެ މޫނަށެވެ. އަމްރާއަށް ބަލައިލެވުނީ ސީދާ ޑޮކުޓަރުގެ މޫނަށެވެ. ކަމެއް ގޯސްވެއްޖެ ކަމަށް އަމްރާގެ ހިތް ބުނެލިއެވެ. ޑޮކުޓަރުގެ މޫނު މައްޗަށް އަރައިފައިބަމުން ދިޔަ ކުލަވަރު ފެނިފައި އަމްރާ ހިތް ބާރުބާރަށް ތެޅިގަތެވެ. އޭނާގެ ނޭވާ ހިނގުން އަވަސްވިއެވެ. އަތްފައި ފިނިވާން ފެށިއެވެ.

"އާއިލާގައި ކިތައް ބޭފުޅުންތޯ ތިއްބަވަނީ؟" ޑޮކުޓަރު އަބުއި ރާގެއްގައި ސުވާލުކޮށްލިއެވެ.

"ނަޒީރުގެ އާއިލާގައި އެކަކު ވެސް މިހާރު ނެތް." އަމްރާ ޖަވާބު ސީދާވެފައި ކުރެވެ.

"މިދެންނެވީ ދެމަފިރިންގެ؟" ޑޮކުޓަރު ބަލައިލީ ސީދާ އަމްރާއާ ދިމާއަށެވެ.

"ތިން ކުދިން. ދެ ފިރިހެން ކުދިންނާއި އަންހެން ކުއްޖެއް." އަމްރާ އިނގިލިތަކާ ކުޅެމުން ސުވާލުކޮށްލިއެވެ.

"އުމުރު؟" ޑޮކުޓަރު ލުއި ގޮތަކަށް ބަލައިލިއެވެ.

"ދޮށީ ކުއްޖާއަށް ވިހި އަހަރުވަނީ، ދެން ސަތާރަ އަހަރުގެ ކުއްޖަކާ ފަނަރަ އަހަރުގެ ކުއްޖެއް،" އަމްރާ ލަސްލަހުން ބުނެލިއެވެ. "ކިހިނެއްތޯވީ އަނެއްކާ؟"

"މިހާރު ހާލަތު ގޮސް އޮތް ހިސާބުން..،" ޑޮކުޓަރުން ފުން ނޭވާއެއް ދޫކޮށްލިއެވެ. "ޓެސްޓުތަކަށް ބަލާއިރު ނަޒީރުގެ ދެ ކިޑުނީ ވަނީ ފެއިލްވެފަ. ވަރަށް ނާޒުކު ހާލަތެއްގައި މީހާ ހުރީ. މިހާރުން މިހާރަށް ވެސް އެޑްމިޓްކޮށް ފަރުވާ ދޭން ޖެހޭ އެބަ."

ޑޮކުޓަރުގެ ޖުމުލަތައް އަމްރާގެ ކަންފަތާހަމައަށް އައީ ދަމާފައި ދޫކޮށްލި އަލިފާން ތީރުތަކެއްގެ ސިފައިގައެވެ. ކޮންމެ ލަފުޒަކުން އޭނާގެ ހިތް ތޮރުފާން ފެށިއެވެ. އަމްރާއަށް ހިފައިލެވުނީ ނަޒީރުގެ އަތުގައެވެ. ތުރުތުރު އަޅާ ހާލުގައެވެ. ޑޮކުޓަރު ބަލައިލީ ސީދާ އަމްރާގެ މޫނަށެވެ.

"މީ ހިތްވަރު ކުރާންވީ ވަގުތު، ކެތްތެރިކަން އިސްކުރާންވީ ވަގުތު. ﷲވޮޑިގެންވަނީ ކެތްތެރީންނާއެކު." ނަޒީރުގެ މޫނަށް ބަލައިލަމުން ޑޮކުޓަރު ހިތްވަރުދޭން ފެށިއެވެ.

"ދެން ކިހިނެއްތޯ ހަދަން ޖެހޭނީ؟" ނަޒީރުގެ ލޮލުން ކަރުނަ ހިލިގަތެވެ.

"ޓްރާންސްޕްލާންޓް ކުރުން އޮތީ. މި ބުނީ ކިޑްނީއެއް ހަދިޔާކުރާނެ މީހަކު ހޯދައިގެން ގުޅޭ ކިޑްނީއަކަށް ބަދަލުކުުރުން،" ޑޮކުޓަރު އޮޅުންފިލުވާދިނެވެ. "ގުޅޭ ކިޑްނީއެއް ހޯދުން އެ ވަރަށް އުނދަގޫ ކަމެއް. ގިނަ ފަހަރު އާއިލާ ތެރޭގައި ގުޅޭ މީހަކު ހުރުމުގެ ފުރުސަތު ވަރަށް ބޮޑު."

ކިޑުނީ ބަދަލުކުރުމާ ގުޅޭ މައުލޫމާތު ވަރަށް ސާފުކޮށް ޑޮކުޓަރު އޮޅުންފިލުވާދިނެވެ. ޑޮކުޓަރުގެ ނަސޭހަތާއި ހިތްވަރު ދިނުމުގެ ސަބަބުން އަމްރާއާއި ނަޒީރަށް ކޮންމެވެސް ވަރެއްގެ ތަސައްލީއެއް ލިބިގެން ދިޔައެވެ. އެމީހުން ނުވެސް ވިސްނާ ތިއްބާ ކުއްލިއަކަށް ބޯމައްޗަށް ބިންދާލީ ބޮޑު ރާޅެކެވެ. ލިބުނު ޚަބަރާއެކު އަމްރާ ވެސް ބިއްޖެހި ނެގިމަޑުވާ ގޮތްވާން ފެށިއެވެ. ބަސްމަދުވެ ލޮލުން ކަރުނަ ހިލިހިލި ހުންނަ ގޮތްވާން ފެށިއެވެ.

"ދޮންތާ! ކުދިންގެ ކަންތައް އަހަރެން ބަލަހައްޓާނަން. ދޮންތަ އެކުދިންގެ ކަންތަކާ މާ ބޮޑަށް ހާސްނުވޭ. ދޮންތަބެއަށް ރަނގަޅު ގޮތެއް ވޭތޯ އުޅޭ." އަމްރާގެ ކޮއްކޮ އަނީސާއަށް ޚަބަރު ލިބުމާއެކު ހޮސްޕިޓަލަށް ދިޔައެވެ.

ނަޒީރު އެނދުމަތިކޮށްފައިވާ އެނދުކައިރީ ހުރި ގޮނޑީގައި އިށީނދެ އިނދެ ނަޒީރަށާއި އަމްރާއަށް ހިތްވަރު ދިނެވެ. ކެތްތެރިވާން ލަފާދިނެވެ. ނަސޭހަތްދިނެވެ.

"އެކަމަކު ކާކު އަހަރުމެންނަށް ކިޑްނީއެއް ޑޮނޭޓް ކުރާނީ؟ ކޮންތާކުން އެކަމަށް ފައިސާ ހޯދާނީ؟" ފެންކަޅިވެފައިވާ ހާލު އަމްރާ ބަލައިލީ ސީދާ އަނީސާގެ މޫނަށެވެ.

"އުނދަގޫ ކޮންމެ ކަމަކަށް ވެސް ހައްލެއް އޮންނާނެ. ކޮންމެވެސް މަގެއް ފެންނާނެ. އަހަރެން ވެސް ތިކަމާ އުޅެދޭނަން. ސަރުކާރުގެ އެހީއެއް ހޯދޭތޯ ވެސް ބަލައިދޭނަން. އަރީޝާއި އަހަރުމެން މި ތިބީ މިކަމުގައި ވާންޖެހުނު ކޮން ގުރުބާނެއް ވާން ތައްޔާރަށް." އަނީސާ ހިތްހެޔޮ ކަމާއެކު ބުނެލިއެވެ.

ނަޒީރު ހޮސްޕިޓަލުގައި އެނދުމަތިކުރިތާ ހަފުތާއެއް ފާއިތުވެ ދިޔައެވެ. ނަޒީރަށް ކޮންމެ ވެސް ވަރެއްގެ ލުއިކަމެއް ލިބިގެން ދިޔައެވެ. އަނީސާއާއި އޭނާގެ ފިރިމީހާގެ އަރީޝްގެ އެހީތެރިކަން އިންތިހާއަށް ލިބެމުން ދިޔައެވެ. ސަރުކާރުގެ އެހީތެރިކަން ވެސް ހޯދިއެވެ. ހެޔޮއެދޭ ފަރާތްތަކަށް ލިޔެގެން ކޮންވެސް ވަރެއްގެ އެހީތެރިކަމެއް ވެސް ލިބިގެން ދިޔައެވެ. އެހެންވެ އެމީހުން ނިންމީ އިންޑިޔާއަށް ގޮސް ކިޑްނީ ޑޯނާއެއް ހޯދާށެވެ. އެ ދެމަފިރިންނާއެކު ދިޔައީ އަރީޝެވެ.

"ދެން އިތުރު ގޮތެއް ނެތް ދޮންތާ! ވަރަށް މަސައްކަތް ކުރެވިއްޖެ." އަރީޝް މާޔޫސްކަމާއެކު ކަރުއެލުވާލިއެވެ.

"އެބައޮތް ގޮތެއް." އަމްރާ ވިސްނަން އިނދެފައި ބުނެލިއެވެ.

"ކޮބާ؟" އަރީޝް އަވަސްއަވަހަށް އަހައިލިއެވެ.

"އަހަރުމެން ޗެކުކުރުން. އަހަރެން މިހުރީ ކިޑްނީ ދޭން ތައްޔާރަށް. ދެން ނުވެއްޖެނަމަ. ދަރިން ވެސް ބަލާނީ." އަމްރާ އެއް ނޭވާއެއް އަމުނާލިއެވެ.

"ހޫމް ތި ދެން އޮތް ގޮތަކީ؟ އެކަމަކު ކުޑަކުދީން ވީމަ މައްސަލަތަކެއް ނުކުންނާނެ. އަށާރަ އަހަރު ނުފުރޭ ކުދިންވީމަ މައްސަލައަކީ،" އަރީޝް ވިސްނައިލުމަށް ފަހު ބުނެލިއެވެ. "މި ބުނީ ލީގަލް އިޝޫތަކެއް ހުންނާނޭ. އެހެންވީމަ މެޗު ވިޔަސް އެކަން، މިކަން އޮންނާނެ. މިބުނީ ކުޑަކުދިންގެ ހައްގުތައް ރައްކާކުރުމާ ގުޅޭ މައްސަލަތައް ނުކުންނާނޭ."

"އަހުނާ އެ ހުރީނު. އޭނާއަކީ މިހާރު ވިހި އަހަރުގެ މީހެއް." އަމްރާ ވިސްނަން އިނދެފައި ބުނެލިއެވެ.

"އެ ވެސް ބޮޑު އިޝޫއަކަށް ނުވާނެބާ؟" އަރީޝް ދެ ފިކުރެއްގައި އިނދެބުނެލިއެވެ.

"އެ ކީއްވެ؟" އަމްރާ ދެ ލޯ ބޮޑުކޮށްލިއެވެ.

"ނުކުޅެދުންތެރިކަން ހުންނަ ކުއްޖެއްވީމަ." އަރީޝް އޮޅުން ފިލުވާދިނެވެ.

"ދެން؟" އަމްރާ ސުވާލުން ފުރިގެންވާ ގޮތަަކަށް އަރީޝަށް ބަލައިލިއެވެ.

(ނުނިމޭ)