ލައިފްސްޓައިލް

އިންތިހާއަށް ދަހި އަންހެނެއްގެ މިލްކުގައި 5.3 މިލިއަން ޑޮލަރު

މުއްސަނދި މިލިއަނަރަކަށް ވެއްޖިއްޔާ ހަދާނީ ކިހިނެއް ހެއްޔެވެ؟ ދެކެމުން އައި ހުވަފެންތައް ހަގީގަތަކަށް ހަދަން ގިނަ ބަޔަކު މަސައްކަތް ކުރާނެކަން ޔަގީނެވެ. ރީތި ތަންތަން ބަލާލަން އެކި ގައުމުތަކަށް ޒިޔާރަތްކޮށް ހިތް އެދޭ މީރު ކާނާތައް ކާން އެކި ރެސްޓޯރަންޓްތަކަށް ގޮސް ފައިސާ ޚަރަދު ކުރާނެ މީހުން ވެސް ތިބޭނެ އެވެ. ނަމަވެސް އައިމީ އެލިޒަބަތު ނަމަކަށް ކިޔާ މި އަންހެންމީހާ ހާ ދަހި މީހަކަށް އެއްވެސް މީހަކު ވާނެ ކަމަކަށް ގަބޫލެއް ނުކުރެވެ އެވެ.

އައުމީ އަކީ މުއްސަނދި މިލިއަނަރެކެވެ. ނަމަވެސް އޭނާ މުއްސަނދި މީހުން އުޅޭ ދިރިއުޅުމެއް ނޫޅެ އެވެ. އަދި އޭނާގެ މުށް ބާރެވެ. ފައިސާ ޚަރަދުކުރަނީ ވަރަށް ބަލައިގެން އަދި ކޮންމެހެން ކުރަން ޖެހޭ ޚަރަދެއް އެކަންޏެވެ.
އައިމީ އަމިއްލައަށް ވެސް ގަބޫލުކުރަނީ އޭނާ އަކީ "ދުނިޔޭގައި ހުރި އެންމެ އަގުހެޔޮކޮށް އުޅޭ މަލްޓި-މިލިއަނަރު" ކަމަށެވެ. އޭނާ ބުނާ ގޮތުގައި އަލަށް އެއްވެސް އެއްޗެއް އޭނާ ނުގަނެ އެވެ. އަދި ޚަރަދުތައް ކުޑަކުރުމަށްޓަކައި އޭނާ ކައި އުޅެނީ ވެސް ކެޓް ފުޑް ނުވަތަ ބުޅަލުގެ ކާނާ އެވެ.

އެމެރިކާގެ ލަސް ވެގަސްގައި ދިރިއުޅޭ އައިމީ، 50، ގެ މުއްސަނދިކަން 5.3 މިލިއަން ޑޮލަރަށް އަރަ އެވެ. ނަމަވެސް މަހަކު 1000 ޑޮލަރަށް ވުރެ އެންމެ ޑޮލަރެއް ވެސް އިތުރަށް ޚަރަދުކުރަން އޭނާ އިންކާރު ކުރެ އެވެ. އެއްވެސް ހާލެއްގައި އެއަށް ވުރެ އޭނާގެ ބަޖެޓު އިތުރެއް ނުކުރެ އެވެ.

މުށްބާރުކަމަށް މަޝްހޫރު މި އަންހެންމީހާ ބުނާ ގޮތުގައި އޭނާ އެއްގޮތަކަށް ވެސް އާ އެއްޗެތި ގަނެއެއް ނޫޅެ އެވެ. އަދި ކެއްކުމަށް އެއްޗެތި ގަތުމުން ޚަރަދު ބޮޑުވާތީ ކައި އުޅެނީ ބުޅަލަށް ޚާއްސަކޮށް ތައްޔާރުކޮށްފައި ހުންނަ ކާނާ އެވެ.

އިނގިރޭސި ވިލާތުގެ "ދަ ސަން" ނޫހުގައިވާ ރިޕޯޓުގައިވާ ގޮތުން ޚަރަދު ކުޑަކުރަން ވެގެން މި އަންހެންމީހާ އެއްގޮތަކަށް ވެސް ވޯޓާ ހީޓަރު ވެސް ނުޖައްސަ އެވެ.

"އަހަރެން ވޯޓާ ހީޓަރު ބަހައްޓަނީ ނިއްވާލާފައި. ހެނދުނު ހޭލައިގެން 22 މިނިޓަށް ޖައްސާލަނީ. އޭރުން އަހަރެން ފެން ވަރާވަރަށް ފެން ހޫނުވާނެ. އެހާއިރުވީމަ ނިއްވާލަނީ. އިތުރަށް އެންމެ މިނިޓެއް ވެސް އެ ފެން ހީޓަރު ޖައްސާފައި ބަހައްޓައިގެން ފައިސާ ބޭކާރު ކުރާކަށް އަހަރެން ބޭނުމެއް ނޫން،" އައިމީ ބުންޏެވެ.

އޭނާ ބުނި ގޮތުގައި މިގޮތަށް ވޯޓާ ހީޓާ އޯފް ކޮށްފައި ބެހެއްޓުމުން އޭނާއަށް މަހެއްގެ މައްޗަށް 58 ޑޮލަރު ސަލާމަތް ކުރެވެ އެވެ. އަދި އެއްވެސް އާ އެއްޗެއް ނުގަންނާތީ އަހަރަކު 200،000 ޑޮލަރު ސަލާމަތް ކުރެވެ އެވެ.

މި ރިޕޯޓުގައިވާ ގޮތުން ތަށިދޮންނަން ގެންގުޅޭ އިސްޕަންޖުކޮޅު ވެސް ހަލާކުވެގެން ގޮސް ފުނޑުފުނޑުވެގެން ދަންދެން އެ އަންހެންމީހާ ބޭނުންކުރެ އެވެ. އަދި ބަދިގޭގައި ވެސް ގެންގުޅެނީ އެންމެ ވަޅި އެކެވެ. އެ ވަޅި ބޭނުންކޮށްފައި ބާއްވާއިރު ވެސް ދޮވެވެސް ނުލަ އެވެ. އެއީ ވަޅި ދޮންނަން ވެސް ފެން ޚަރަދުވާނެތީ އެވެ.

އައިމީ ދިރިއުޅެނީ ވަރަށް މުއްސަނދިން ދިރިއުޅޭ ކަހަލަ ޒަމާނީ އެޕާޓްމަންޓެއްގަ އެވެ. މިހާ ދަހިކޮށް އުޅޭ މީހަކު މިފަދަ ތަނެއްގައި އުޅެނީ ކީއްވެތޯ ބަޔަކު ސުވާލުކޮށްފާނެ އެވެ. ހަގީގަތުގައި އެ އެޕާޓްމަންޓަކީ އައިމީގެ ކުރީގެ ފިރިމީހާ މައިކަލް މުރޭ އޭނާ ވަރިކުރިއިރު ދީފައި ހުރި ތަނެކެވެ. އެ ތަން ސާފުކޮށްދިނުމާ ވެސް ހަވާލު ވެފައިވަނީ މައިކަލް އެވެ. އެއީ ސާފުކުރަން އައިމީ އަތުން ފައިސާ ޚަރަދުކުރަން ޖެހުނު ނުދިނުމަށެވެ.

ގެއަށް އަންނަ މެހެމާނުންނަށް ވެސް އައިމީ ކާން ދެނީ ބުޅަލުގެ ކާނާ އެވެ.

"އަހަރެން އެގޮތަށް ކަންތައް ކުރާތީ ބައެއް މީހުން އަހަރެން ދެކެ ވަރަށް ރުޅިވެސް އާދޭ. އެކަމަކު އަހަންނަށް ވަރިހަމަ. އެހެން ހެދީމަ އަހަރެންނަށް ވަރަށް ގިނަ ފައިސާ ސަލާމަތް ކުރެވޭ،" އައިމީ ބުންޏެވެ.