ލައިފްސްޓައިލް

ގިނަ އަދަދެއްގެ ފައިދިގު މަކުނު ފެނިގެން ޝޮކެއް

ކުޑަ އަންހެން ދަރިފުޅެއްގެ ނިދާ ކޮޓަރީގެ ފަންގިފިލާ އިން ފަޅައިގެން ގޮސްފައިވާ ތަނަކުން ކޮޓަރީގެ ހުދު ފާރަށް ފައިބައިގެން އުޅޭ ގިނަ އަދަދެއްގެ ފައިދިގު މަކުނުތަކެއް ފެނިފައި މަންމައަކަށް ބޮޑު ޝޮކެއް ލިބިއްޖެ އެވެ.

މި މަކުނުތައް އެ ކޮޓަރީގެ ކުޑަދޮރެއްގެ ވަށައިގެން ޖަމާވެފައި ތިބިތަން ފެންނަ ފޮޓޯތަކާއި ވީޑިއޯ މިހާރު ސޯޝަލް މީޑިއާގައި ވައިރަލް ވެފައި ވެއެވެ. އެ ފޮޓޯތަކުން ފެންނަނީ ހަންޓްސްމޭން ސްޕައިޑާ ކިޔާ ވައްތަރުގެ ކުދިކުދި ފައިދިގު މަކުނުތަކުގެ އެތައް ޑަޒަން އެއްޗެއް އެ ކުޑަދޮރުގެ ތޭރިތަކުގެ ދޭތެރޭގައި ތިއްބަ އެވެ.

މި ރިޕޯޓުގައިވާ ގޮތުން ހަންޓްސްމޭން ސްޕައިޑާ އަކީ ވަރަށް ބޮޑެތިވާ ނަމަވެސް އިންސާނުންނަށް އޭގެ ގެއްލުން ވަރަށް ކުޑަ އެއްޗެކެވެ. މިސޮރުމެން ފަޔެއްގައި 12 އިންޗި ހުންނަ ވަރަށް ވެސް ބޮޑެތިވާ ކަމަށް ވެއެވެ. މިސޮރުމެން އާންމުކޮށް ކައި އުޅެނީ ގޭގޭގައި އުޅޭ ކުދިކުދި ހޯނު ފަދަ އެއްޗިއްސެވެ.

މި ވީޑިއޯގައި އެ ކުއްޖާގެ މަންމަ ކުއްޖާގެ ކޮޓަރިއަށް ގޮސް ފައިދިގުމަކުނުތައް ފެނިގެން އެކަމާ ހައިރާން ވެގެން ކުޑަ އަންހެންކުއްޖާ ކައިރީ އެ ވާހަކަ ދައްކާ އަޑު އިވެ އެވެ. އަދި ކުޑަ ކުއްޖާ ވެސް މަންމަ ކައިރީ އެ މަކުނުތަކުގެ ވާހަކަ އަހާ އަޑު އިވެ އެވެ.

އަދި އެމީހުން އެ ގެއިން އެހެން ގެއަކަށް ދާންވީ ބާއޭ ނުވަތަ ގެ އެއްކޮށް އަންދާލަންވީ ބާއޭ ކުއްޖާގެ މަންމަ ވަރަށް ކަންބޮޑުވެފައި ހުރެގެން އެ ކުއްޖާ ކައިރީ ބުނާ އަޑު އިވެ އެވެ.

އޮސްޓްރޭލިޔާގައި ހިނގި މި ހާދިސާގެ މަންޒަރުތައް ވީޑިއޯކުރީ އަންހެންމީހާގެ އެކުވެރިއެކެވެ. އެ މަންޒަރުތަކުގެ ވީޑިއޯ އާއި ފޮޓޯ ޝެއާ ކުރަމުން ޕެޓީ އާރް ނަމަކަށް ކިޔާ މީހާ ބުނެފައިވަނީ މިއީ ސިޑްނީގައި ދިރިއުޅޭ އޭނާގެ އެކުވެރިޔަކަށް ހަގީގަތުގައި ވެސް ދިމާވި ކަމެކެވެ.