ބޮލީވުޑް

އިންދިރާ ގާންދީގެ ރޯލު ކުޅޭކަން ކަންގަނާ އިއުލާންކޮށްފި

އިންޑިޔާގެ ކުރީގެ ބޮޑުވަޒީރު އިންދިރާ ގާންދީގެ ރޯލު ކުޅޭކަން ފިލްމީ ބަތަލާ ކަންގަނާ ރަނާވަތު އިއުލާން ކޮށްފި އެވެ. އިންދިރާ ގާންދީ ހުންނަ ސިފަޔަށް ހެދުން އަޅައިގެން ބޮލުގެ އިސްތަށިގަނޑު ވެސް އެގޮތަށް ހަދައިގެން ކަންގަނާ ވަރަށް ކުރިން ނެގި ފޮޓޯތަކެއް ޝެއާ ކުރަމުން ކަންގަނާ ކުރި ޓުވީޓެއްގައި ބުނީ އޭނާގެ އެކުވެރި ސައި ކަބީރް އާ ގުޅިގެން މި ފިލްމު އުފެއްދުމުގެ މަސައްކަތް ކުރަން ހަމަޖެހިފައިވާކަން އިއުލާން ކުރުމަކީ ލިބޭ އުފަލެއް ކަމަށެވެ.

ޕޮލިޓިކަލް ޑްރާމާއެއްގެ ގޮތުގައި އުފައްދާ މި ފިލްމު އުފެއްދުމުގެ ޚިޔާލު ކުރާތާ ވަރަށް ގިނަ ދުވަސް ވެއްޖެ ކަމަށް ވެސް ކަންގަނާ ބުންޏެވެ. އަދި އިންދިރާ ގާނދީ ގޮތަށް ހެދުން އަޅައި ބޯ އެގޮތަށް ސްޓައިލްކޮށްގެން ފޮޓޯޝޫޓެއް ކޮށްފައިވަނީ ކެރިއަރުގެ ވަރަށް ޅަފަތުގައި ކަމަށާއި މި އައިކޮނިކް ކެރެކްޓާ ކުޅެލާނެ ފުރުސަތު އެއް ދުވަހަކުން ލިބިދާނެ ކަމަށް އޭރު ޚިޔާލު ވެސް ކޮށްފައި ނުވާ ކަމަށް ކަންގަނާގެ ޓުވީޓުގައި ލިޔެފައި ވެއެވެ.

މިހާރު މި ދުނިޔެ ދޫކޮށްފައިވާ ލިޔުންތެރިއެއް ކަމަށްވާ ކުޝްވަންތު ސިންގް، އިންދިރާ ގާނދީ އާ ބެހޭ ގޮތުން ލިޔެފައިވާ ވަރަށް ރީތި ލިޔުމަކާ އެކު އޭނާ ޝެއާ ކޮށްފައި ހުރި އިންދިރާ ގާނދީގެ ފޮޓޯތަކެއް ވެސް ކަންގަނާ ޝެއާ ކޮށްފައި ވެއެވެ.

"އޭނާއަކީ ވަރަށް ރީތި އަންހެނެއް. މި އުޅޭ އާދައިގެ އަންހެންކުދިން ކަހަލަ ރީތކަމެއް ނޫން. އޭނާގެ މޫނުގައި އެހެރަ ރީތި ކަމަކީ ރަސްކަލެއްގެ އަމުރަށް ހުރިހާ ކަނޑިތައް އުރައިން ދަމައިގަނެ ދިމާކޮށްލީމަ އެ ސިފަވާ ކަހަލަ ރީތިކަމެއް،" ކަންގަނާ ޝެއާ ކުރި ކުޝްވަންތުގެ ލިޔުންކޮޅެއްގައި ވެއެވެ.

ކަންގަނާ ބުނެފައިވާ ގޮތުގައި އެ ޕްރޮޖެކްޓްގެ މަސައްކަތް އެމީހުން މިހާރު ވަރަށް ބާރަށް ކުރިޔަށް އެބަ ގެންދެ އެވެ.

"ސްކްރިޕްޓް ވެސް އޮތީ ފައިނަލް ސްޓޭޖުގައި. އަހަރެން އުފައްދަނީ އިންދިރާ ގާންދީގެ ބައޮޕިކް އެއް ނޫން. ވަރަށް ބޮޑު ޕްރޮޖެކްޓެއްގެ ގޮތުގައި އުފައްދާ ތާރީޚީ ފިލްމެއް މިއީ. މި ޕޮލިޓިކަލް ޑްރާމާއަކީ އެ ޒަމާނުގައި އިންޑިޔާގެ ސިޔާސީ މަސްރަހު އޮތް ގޮތް އަހަރެމެން ޖެނެރޭޝަންގެ މީހުންނަށް ވަރަށް ރަނގަޅަށް އޮޅުން ފިލާނެ ފިލްމެއް،" ކަންގަނާ ބުންޏެވެ.

މި ފިލްމުގައި ނަން މަޝްހޫރު ގިނަ އެކްޓަރުންތަކެއް ބައިވެރިވާނެ ކަމަށް ވެސް އޭނާ ބުނެފައި ވެއެވެ. އަދި އިންދިރާ ގާންދީގެ ރޯލު ކުޅެލަން ކެތްތެރިކަމެއް ނެތި އިންޒާރުކުރާ ކަމަށް ކަންގަނާ ބުނެފައި ވެއެވެ.

ކަންގަނާ ދާދިފަހުން ވަނީ އިންޑިޔާގެ ސިޔާސީ ލީޑަރެއްގެ ބައޮޕިކްގެ މަސައްކަތް ނިންމާލާފަ އެވެ. "ތަލައިވީ" ނަމަކަށް ކިޔާ މި ފިލްމުގައި ކަންގަނާ ކުޅެނީ ޓެމިލް ނާޑޫގެ ކުރީގެ ޗީފް މިނިސްޓަރު ޖަޔަލަލީތާގެ ރޯލެވެ. މިހާރު އޭނާ މަސައްކަތް ކުރަމުން ދަނީ "ދާކަޅް" ކިޔާ ފިލްމެއްގަ އެވެ. މި ފިލްމުގައި އޭނާއަކީ މީހުން މެރުމުގައި އިސްކޮށް ހުންނަ އަންހެނެކެވެ.