ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

ދަރިވަރުން ހާޒިރުކޮށްގެން ކިޔަވައިދޭން ޣިޔާސުއްދީނަށް އަންގައިފި

އޮންލައިން ކްލާސްތައް ކެންސަލްކޮށް ދަރިވަރުން ސުކޫލަށް ހާޒިރު ކޮށްގެން ކިޔަވައިދޭން ޣިޔާސުއްދީން އިންޓަނޭޝަނަލް ސުކޫލަށް އެޑިއުކޭޝަން މިނިސްޓްރީން އަންގައިފި އެވެ.

ކޮވިޑް-19 އިން ރައްކާތެރިވުމަށް އެ ސުކޫލުގެ ގްރޭޑް އެކަކުން ނުވަޔަކަށް އޮންލައިނުކޮށް ކިޔަވައިދޭން ފެށީ މިދިޔަ ހަފުތާގެ ބުދަ ދުވަހު އެވެ. ސުކޫލަށް ހާޒިރު ކޮށްގެން ކިޔަވައިދޭން ނިންމީ ހަމައެކަނި ގްރޭޑް 10 ގެ ދަރިވަރުންނަށެވެ.

ނަމަވެސް އެޗްޕީއޭގެ ގައިޑްލައިން ފޮލޯ ކުރުމާއެކު ހުރިހާ ދަރިވަރުން ސުކޫލަށް ހާޒިރުކޮށްގެން ކިޔަވއިދިނުމަށް އެ ސުކޫލަށް އެޑިއުކޭޝަން މިނިސްޓްރީން އަންގާފައިވާ ކަމަށް އެ ސުކޫލުން ނެރުނު ނޫސް ބަޔާނެއްގައި ބުނެ އެވެ.

އެ ބަޔާނުގައި ބުނެފައި ވަނީ މާދަމާއިން ފެށިގެން ކުރިން ވެސް ކިޔެވުން ކުރިއަށް ގެންދިޔަ ގޮތަށް ކުރިއަށް ދާނެ ކަމަށެވެ. އަދި މިގޮތަށް މިނިސްޓްރީން އެންގި ނަމަވެސް ދަރިވަރުންގެ ރައްކާތެރިކަމަށްޓަކައި އެޅެން ހުރި ހުރިހާ ފިޔަވަޅެއް އެންމެ މަތީ ލެވެލްގައި އަޅާނެ ކަމަށެވެ.

ޣިޔާސުއްދީނުގެ 13 މުވައްޒަފެއްގެ އިތުރުން 17 ދަރިވަރަކު މިހާރު ވެސް ތިބީ ކަރަންޓީނުކޮށްފަ އެވެ. އެ ސުކޫލުން ގްރޭޑް 10 ފިޔަވައި އެހެން ގްރޭޑްތައް އޮންލައިންކޮށް ކިޔަވައިދޭން ފެށީ އެހެން ސުކޫލުތަކުގެ ދަރިވަރުން ކޮވިޑަށް ޕޮޒިޓިވް ވެ، ސުކޫލުގެ ދަރިވަރުން ޕޮޒިޓިވް ވާ މީހުންނާ ޑައިރެކްޓް ކޮންޓެކްތައް ގިނަވާން ފެށުމުންެވެ.