ހަބަރު

އޭޑީކޭގައި އެޑްމިޓް ކުރުން ހުއްޓާލައިފި

ރާއްޖޭގައި ކޮވިޑް-19 އަށް ޕޮޒިޓިވް ވާ މީހުންގެ އަދަދު އަނެއްކާވެސް މައްޗަށް ދާތީ، ރައްކާތެރި ފިޔަވަޅުތައް އެޅުމުގެ ގޮތުން އަމިއްލަ ހޮސްޕިޓަލް، އޭޑީކޭއިން ބައެއް ހިދުމަތްތަކަށް ބަދަލު ގެނެސް ފިޔަވަޅުތައް ހަރުދަނާކޮށްފި އެވެ.

އެ ހޮސްޕިޓަލުން މިއަދު ވަނީ ކަންކަން ސާފުކޮށް ދޭން ނޫސް ބަޔާނެއް ނެރެފަ އެވެ. އެ ބަޔާން ބުނާ ގޮތުގައި ވަގުތީ ގޮތުން އެ ހޮސްޕިޓަލުގައި އެޑްމިޓްކުރުން މިއަދުން ފެށިގެން ހުއްޓާލާފައިވާ ކަމަށެވެ. އަދި ޑޮކްޓަރަށް ދެއްކުން އޮންލައިންކޮށް "އިލެކްޓިވް ސާޖަރީ" ތައް ވެސް ވަނީ މިވަގުތަށް މަޑުޖައްސައިލާފައިވަ ކަމަށް ބަޔާނުގައި ވެއެވެ.

މީގެ އިތުރުން މިވަގުތު އެޑްމިޓްކޮށްފައި ތިބި މީހުނަށް ޒިޔާރަތް ކުރުން ހުއްޓާލަން ވެސް އެ ހޮސްޕިޓަލުން އެދެ އެވެ.

އޭޑީގެ ބައެއް މުވައްޒަފުން ވެސް ކަރަންޓީނުގައި އެބަތިއްބެވެ. އެހެންވެ އެ ހޮސްޕިޓަލުން ފިޔަވަޅު އެޅީ ކޮވިޑް ކޭސްތައް އިތުރުވަމުން ދާތީ މިއީ މިވަގުތަށް ރަނގަޅު ގޮތް ކަމަށް ބަލައިގެނެވެ. ކޮންމެހެން ހޮސްޕިޓަލަށް ދާން ޖެހިގެން ނޫނީ ހޮސްޕިޓަލަށް ނުދިޔުމަށާއި، ބަލި މީހާ ގާތުގައި އެކަކު ހުރުމަށް ވެސް ބަޔާން މެދުވެރިކޮށް އެދިފައި ވެއެވެ.