ހިޔާ މަޝްރޫއު

ހިޔާ ފްލެޓްތަކަށް ކަރަންޓް ދިނުމުގެ މަަސައްކަތް ފަށައިފި

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި އިމާރާތް ކޮށްފައިވާ ހިޔާ ފްލެޓްތަކަށް ކަރަންޓް ދިނުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ކަރަންޓް ކުންފުނި ސްޓެލްކޯއިން ބުނެފި އެވެ.

އެ ކުންފުނިން މިއަދު ބުނީ ހުޅުމާލެ ފޭސް ދޭއްގައި އަޅާފައިވާ 7000 ހައުސިން ޔުނިޓަށް ކަރަންޓު ދިނުމަށްޓަކައި އިންސްޕެކްޓް ކުރުމުގެ މަސައްކަތްތައް ކުރިޔަށް ދާ ކަމަށެވެ. މި އިންސްޕެކްޝަން ތަކަށްފަހު ކަރަންޓު ދިނުމުގެ އަމަލީ މަސައްކަތްތައް ލަސްތަކެއްނުވެ ފެށޭނެ ކަމަށްވެސް ބުންޏެވެ. އަދި ފްލެޓްތައް ދޫކުރުމަށް ހަމަޖެހިފައިވާ ތާރީހުގެ ކުރިން ކަރަންޓުގެ ހިދުމަތް ފޯރުކޮށްދީ ނިންމާލެވޭނެ ކަމަށް ސްޓެލްކޯއިން ވަނީ ބުނެފައެވެ.

ހިޔާ މަޝްރޫއުގެ ދަށުން ކުރީ ސަރުކާރުން 7،000 ފްލެޓް އިމާރާތްކޮށްފައިވެއެވެ. އެއީ 16 ޓަވަރެވެ. ހިޔާ ފްލެޓްތަށް ލިބޭނެ މީހުން އެ ސަރުކާރުން ކަނޑައަޅާ ލިޔުން ދިން ނަމަވެސް އެއީ އިންސާފުން ކޮށްފައިވާ ކަމެއް ނޫން ކަމަށް މި ސަރުކާރުން ދެކެއެވެ. އެހެން ކަމުން އިންސާފުވެރި ކޮށް ފްލެޓް ދިނުމަށް ފްލެޓް ކޮމެޓީ އެއް އުފައްދާ މަސައްކަތް ވަނީ ފަށާފައެވެ. އެ މަަސައްކަތް މި މަހު ނިންމާ ދާއިމީ ލިސްޓް އިއުލާނު ކުރަން ދަނީ މަސައްކަތް ކުރަމުންނެވެ.

ފްލެޓް ކޮމެޓީން ވަނީ ޑޮކްޓަރުންނާއި ނަރުހުންނަށް ހާއްސަކުރި އެޗް4 ކެޓަގަރީ އާއި ޓީޗަރުންނަށް ހާއްސަ އެޗް5 ކެޓަގަރީ އާއި މާލެ ރައްޔިތުންނަށް ހާއްސަ އެޗް8 ކެޓަގަރީ އާއި ނުކުޅެދުންތެރިކަން ހުންނަ ކުދިންނާއި މީހުންނަށް ހާއްސަ ކުރި އެޗް10 ކެޓަގަރީ އާއި މާލެ މުނިސިޕަލްޓީ ހާއްސަ ދަފްތަރުގައި ހިމެނިފައިވާ މީހުންނަށް ހާއްސަ އެޗް9 ކެޓަގަރީގެ އިތުރުން ކައިވެނި ކޮށްގެން އުޅޭ މީހުންނަށް ހާއްސަ ކުރި އެޗް7 ކެޓަގަރީގެ ވަގުތީ ލިސްޓް އާންމުކޮށްފައެވެ. ވަގުތީ ލިސްޓްތަކާއެކު ކުރީ ސަރުކާރުން ފްލެޓް ދޭނެ ކަމަށް ލިޔުން ލިބުނު އެތަށް ބަޔަކަށް ފްލެޓް ނުލިބޭނެ ކަން ވަނީ ޔަގީންވެފައެވެ. އެހެން ކަމުން އެ މީހުން ވަނީ ގިނަ ޝަކުވާތަކެއް ހުށައަޅާފައެވެ.