އަދާލަތު ޕާޓީ

900 ވޯޓުން އިމްރާން އިންތިހާބު ކާމިޔާބުކޮށްފި

އަދާލަތު ޕާޓީގެ ރައީސް ކަމަަށް އެ ޕާޓީގެ މިހާރުގެ ރައީސް އިމްރާން އަބްދުﷲ އިންތިހާބު ކޮށްފި އެވެ.

ދާލަތުގެ އެތެރޭގެ އިންތިހާބުގައި ތިން ވަނަ ދައުރަށް އެޕާޓީގެ ރައީސް ކަމަށް އިމްރާން އިންތިހާބު ކޮށްފަ އިވަނީ މިއަދު ބޭއްވި އެ ޕާޓީގެ އިންތިހާބުގަ އެވެ. އިންތިހާބުގެ ވަގުތީ ނަތީޖާ މިރޭ ވަނީި އިއުލާނު ކޮށްފަ އެވެ. ރައީސް ކަމަށް ވާދަ ކުރެއްވީ އިމްރާނައި އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު އަލީ އެވެ. އިމްރާންގެ ރަނިން މޭޓަކީ އަހުމަދު ޝަރީފެވެ. ޒާހިރުގެ ރަނިން މޭޓަކީ އަހުމަދު ނަޝީދެވެ.

އިމްރާނަށް ލިބިވަޑައިގެންފައި ވަނީ 921 ވޯޓެވެ. އެއީ ވޯޓްލީ މީހުންގެ 84 ޕަސެންޓެވެ. ޒާހިރަށް ލިބިވަޑައިގެންފައި ވަނީ 167 ވޯޓެވެ. އެއީ ވޯޓްލީ މީހުންގެ 15 ޕަސެންޓެވެ.

މެންބަރުންގެ ގޮތުގައި 6،866 މީހުން ތިބި އަދާލަތު ޕާޓީގެ އެތެރޭގެ އިންތިހާބުގައި ވޯޓްލާފައިވަނީ 1،088 މީހުންނެވެ. އެ ޕާޓީން އިންތިހާބުގައި ވޯޓް ލުމަށް 4،556 މީހުން ރަޖިސްޓްރީ ކުރި ކަމަށެވެ.

މިއަދުގެ އިންތިހާބާއި ގުޅިގެން ނުވަ ޝަކުވާއެއް ހުށައަޅާފައިވާއިރު ތިން ދުވަސްތެރޭ ދާއިމީ ނަތީޖާ އިއުލާނު ކުރާނެ އެވެ.

އަދާލަތުގެ ލީޑާޝިޕާމެދު ޕާޓީގެ އާންމު މެންބަރުންގެ ވަރަށް ބޮޑު ކަންބޮޑުވުމެއް އޮތްއިރު މިއީ މި ފަހުން ޕާޓީއަކުން ބޭއްވި އެތެރޭގެ އިންތިހާބެއްގައި މިހާ މަދުން މެންބަރުން ވޯޓްލީ ފަހަރެވެ.