ކުޅިވަރު

ބޮލޯނިއާ ބަލިކޮށް މިލާން މޮޅުވުމުގެ ރޭހަށް

ބޮލޯނިއާގެ މައްޗަށް 2-1 ގެ ނަތީޖާ އަކުން ކާމިޔާބު ހޯދައި އޭސީ މިލާން އަލުން މޮޅުވުމުގެ ރޭހަށް އެނބުރި އަތުވެއްޖެ އެވެ.

ރޭ ގެ ކުޅުނު މެޗުގެ ކުރިން މިލާން ކުރިން ކުޅުނު ދެ މެޗުން އެ ޓީމު ވަނީ ބަލިވެފަ އެވެ. ސެރީ އާގައި އެޓަލާންޓާ އާ ދެކޮޅަށް ކުޅުނު މެޗުން މިލާން ބަލވީ 3-0 ންނެވެ. މިދިޔަ ހަފުތާގައި އިޓާލިއަން ކަޕްގައި ވާދަވެރި އިންޓަ މިލާން އާ ދެކޮޅަށް ކުޅެ އެ މުބާރާތުން ކެޓީ 2-1 ން ބަލިވުމުންނެވެ.

ރޭ ގެ މެޗު މިލާނަށް ކާމިޔާބު ކޮށްދިނުމުގައި އެންމެ މުހިންމު ދައުރެއް އަދާ ކުރީ ގޯލްކީޕަރު ޖިއާންލުއީޖީ ޑޮނަރުންމާ އެވެ. މެޗުގައި މިލާންގެ ފުރަތަމަ ލަނޑު އެންޓޭ ރެބިޗް ކާމިޔާބު ކުރީ ޒްލަޓާން އިބްރަހިމޮވިޗް ފޮނުވާލި ޕެނަލްޓީ، ބޮލޯނިއާގެ ކީޕަރު ލޫކަސް ސްކޮރޮޕްސްކީ ދިފާއު ކުރުމުން ރީބައުންސްވި ބޯޅަ ގޯލްގެ ތެރެއަށް ފޮނުވާލައިގެންނެވެ.

ފުރަތަމަ ހާފު ނިމުމުގެ ކުރިން ބޮލާނިއާ އަށް ވަނީ ނަތީޖާ ހަމަހަމަ ކުރުމަށް ރަނގަޅު ތިން ފުރުސަތެއް ލިބިފަ އެވެ. ނަމަވެސް ޑޯނަރުންމާ ވަނީ އެ ފުރުސަތުތައް ހުއްޓުވާފަ އެވެ. މެޗުގެ 55 މިނެޓްގައި މިލާނަށް އިތުރު ޕެނަލްޓީއެއް ލިބުނެވެ. މިފަހަރު ޕެނަލްޓީ ފޮނުވާލައި ލަނޑު ކާމިޔާބު ކުރީ ފްރެން ކެސީ އެވެ.

ބަދަލު ކުޅުންތެރިޔެއްގެ ގޮތުގައި ކުޅެން ނުކުތް އެންޑްރެއާ ޕޮލީ ވަނީ 81 ވަނަ މިނެޓްގައި ބޮލޯނިއަށް ލަނޑު ޖަހައިދީފަ އެވެ. އެހެން ނަމަވެސް މެޗު އެއްވަރު ކޮށްލާނެ ފުރުސަތެއް އެ ޓީމަކަށް ނުލިބުނެވެ.

މިލާން ވަނީ މެޗުން މޮޅުވެ، ވާދަވެރި އިންޓަ މިލާންގެ މައްޗަށް ފަސް ޕޮއިންޓްގެ ލިޑެއް ނަގާފަ އެވެ. މިލާން އެއް ވަނައިގައި އޮތީ 46 ޕޮއިންޓް ހޯދައިގެންނެވެ. ސަމްޕްޑޯރިއާ އާ ދެކޮޅަށް ރޭ ކުޅުނު މެޗު ޔުވެންޓަސް ކާމިޔާބު ކުރީ 2-0 ންނެވެ. އެ ޓީމުގެ ލަނޑުތައް ކާމިޔާބު ކުރީ ފެޑެރީކޯ ކިއޭޒާ އަދި އާރޮން ރަމްސީ އެވެ. ޔުވެންޓަސް އޮތީ ތިން ވަނައިގަ އެވެ.