ޖޯން ލޭ ކެރޭގެ ސްޕައި ޑްރާމާ "ދަ ނައިޓް މެނޭޖާ" ގެ ހިންދީ ވާޝަންގެ ލީޑް ރޯލް ރިތިކް ރޯޝަން ކުޅޭ ގޮތަށް ހަމަޖެހިއްޖެ އެވެ. މިއީ ނެށުމާއި އެކްޝަން މަންޒަރުތަކަށް އެފަދަ ދެ ވަނަ އެއް އެކްޓަރު ޑިޖިޓަލް ސީރީޒް އެއްގައި މަސައްކަތްކުރާ ފުރަތަމަ ފަހަރެވެ. ހަ އެޕިސޯޑްގެ މައްޗަށް އެކުލެވޭ މި ސީރީޒްގެ ޝޫޓިން ވަރަށް އަވަހަށް ފަށަން ވަނީ ހަމަޖެހިފަ އެވެ.
ބީބީސީ އާއި އޭއެމްސީއިން 2016 ގައި ދެއްކި މިސީރީޒްގައި ޖޯން ޕައިންގެ ކެރެކްޓާ ކުޅުނީ ޓޮމް ހިޑްލެސްޓޮން އެވެ.
މި ސީރީޒްގެ ޝޫޓިން އަންނަ އެޕްރީލްގައި މުމްބައިގައި ފެށުމަށް ހަމަޖެހިފައިވާއިރު ބޭރުގެ ބައެއް ގައުމުތަކުގައި ވެސް ބައެއް ޝޫޓިން ޝެޑިއުލްތައް ކުރިޔަށް ގެންދާނެ އެވެ.
ސީރީޒް ރަސްމީކޮށް އަދި އިއުލާން ނުކުރި ނަމަވެސް މި ސީރީޒް ސްޓްރީމްކުރަން ހަމަޖެހިފައިވަނީ ޑިޒްނީ ޕްލަސް ހޮޓްސްޓާ އިން ކަމަށް އިންޑިއާގެ ނޫސްތަކުން ބުނެފައި ވެއެވެ.
ސީރީޒްގެ ޑައިރެކްޓަރަކީ ޑިޒްނީ ހޮޓްސްޓާގައި ވަރަށް މަގްބޫލުކަން ހޯދި ސީރީޒް އެއް ކަމަށްވާ "އާރްޔާ"ގެ ކޯ-ޑައިރެކްޓަރު އަދި ކްރިއޭޓާ ސަންދީޕް މޯދީ އެވެ.
"ދަ ނައިޓް މެނޭޖާ" އަކީ 1993 ގައި އިނގިރޭސި ލިޔުންތެރިޔާ ޖޯން ލެ ކެރޭ ލިޔެފައިވާ ވާހަކައެކެވެ. ލިޔުންތެރިޔާ ވަނީ މިދިޔަ ޑިސެމްބަރުމަހު މި ދުނިޔެ ދޫކޮށްފަ އެވެ.
މި ވާހަކަ ބިނާކޮށްފައިވަނީ މަޝްހޫރު ބޮޑު ހޮޓަލެއްގެ ނައިޓް މެނޭޖަރެއްގެ ގޮތުގައި މަސައްކަތްކުރާ މީހަކަށެވެ. ޖޯން ޕައިން ނަމަކަށް ކިޔާ މި މީހާ އަކީ ކުރިން ސިފައިންގެ ތެރޭގައި މަސައްކަތް ކޮށްފައި ހުރި މީހެކެވެ. ހަގީގަތުގައި ޖޯން ޕައިން އަކީ ޖާސޫސެކެވެ. ވަގަށް ހަތިޔާރުގެ ވިޔަފާރިކުރާ ބަޔަކު ހޯދުމަށް ސަރުކާރުން ފޮނުވާފައިހުރި މީހެކެވެ.
ޓޮމްގެ އިތުރުން އޮލީވިއާ ކޯލްމަން، ހިއު ލޯރީ، އެލިޒަބަތު ޑެބިސްކީ ފަދަ އެކްޓަރުން މި ސީރީޒްގައި ހަރަކާތްތެރިވި އެވެ. މި ސީރީޒް އަށް ވަރަށް ގިނަ އެވޯޑުތައް ލިބިފައި ވެއެވެ. އޭގެ ތެރޭގައި އެންމެ މޮޅު ސީރީޒްގެ ގޯލްޑަން ގްލޯބްސް، ބަފްޓާ އަދި ޕްރައިމްޓައިމް އެމީސް ހިމެނެ އެވެ.
ރިތިކް އެންމެ ފަހުން ކުޅުނީ 2019 ގައި ރިލީޒްކޮށްފައިވާ "ވޯ" އެވެ. މިހާރު ސޮއިކޮށްފައިވަނީ ދީޕިކާ ޕަދުކޯން އާއެކު ކުޅޭ "ފައިޓާ" އާއި "ކްރިޝް 4" އަދި ތަމަޅަ ކްރައިމް ތުރިލާ "ވިކްރަމް ވެދާ"ގެ ހިންދީ ރިމޭކްގަ އެވެ.