ބޮލީވުޑް

"ޕަޓާން"ގެ އެކްޝަން މަންޒަރުތަކެއް ޑުބާއީގައި ކުރިޔަށް

ޝާހްރުކް ޚާން މިހާރު ކުޅެމުންދާ "ޕަޓާން"ގެ ވަރަށް ވަރުގަދަ އެކްޝަން މަންޒަރުތަކެއް ޑުބާއީގެ ޑައުންޓައުންގައި މިހާރު ކުރިޔަށް އެބްދެ އެވެ.

ހުކުރު ދުވަހު ޑައުންޓައުން އަށް ޒިޔާރަތްކުރި ގިނަ ބަޔަކަށް މި ފިލްމުގެ ޝޫޓިން އެތަނުގައި އޮންނަ ކަމެއް ނުވެސް އެނގެ އެވެ. އެހެންވެ އެތަނުގައި ފިލްމުގެ ޝޫޓިންގަށް ތައްޔާރުކޮށްފައި އޮތް ތަން ފެނިފައި އެމީހުން ވަރަށް ހައިރާންވެގެން އުޅުނެވެ.

އެ މަންޒަރުތައް ޝޫޓްކުރި ހިސާބާ ކައިރީގައި ހުރި އުސް އިމާރާތްތަކުގައި ދިރިއުޅޭ މީހުން ވަނީ ބައެއް މަންޒަރުތައް ވީޑިއޯކޮށް ފޮޓޯނަގައި ސޯޝަލް މީޑިއާގައި ޝެއާ ކޮށްފަ އެވެ. އެގޮތުން ޑަވޭ ނަމަކަށް ކިޔާ މީހަކު ކުރި ޓުވީޓެއްގައި ޝެއާ ކުރި ފޮޓޯއެއްގައި ފެންނަނީ ދުއްވަމުން ދިޔަ ޓްރަކެއް މަތީގައި ދެ މީހަކު ވަރަށް ގަދަޔަށް ތަޅާފޮޅާ ތަނެވެ.
އަދި މަންޒަރުތައް ޝޫޓުކުރަމުންދިޔަ މީހުން އެ ވެހިކަލްގެ ފަހަތުން ދަތުރުކުރާތަން ފެނިފައިވާ ކަމަށް އެ މީހާ ލިޔެފައި ވެއެވެ.

"ޕަޓާން" އަކީ ޔާޝް ރާޖް ފިލްމުސް އިން ޕްރޮޑިއުސްކުރާ ފިލްމެކެވެ. މި ފިލްމުގައި ނުބައިބައި ކުޅެނީ ޖޯން އަބްރަހަމް އެވެ. ބަތަލާ އަކީ ދީޕިކާ ޕަދުކޯން އެވެ.

ފިލްމުގެ ބޮޑުބައެއް އިންޑިއާގެ މުމްބައިގައި ވެސް ވަނީ ފުރިހަމަ ކޮށްފަ އެވެ.

ފިލްމު ރިލީޒްކުރާ ތާރީޚު އަދި އިއުލާން ނުކުރި ނަމަވެސް މިއަހަރުގެ ނިމޭ ހިސާބުގައި ފިލްމު ރިލީޒްކުރާނެ ކަމަށް ވަނީ ލަފާ ކޮށްފަ އެވެ. މިއީ 2018 ގައި ޝާހްރުކް ކުޅުނު "ޒީރޯ" ފްލޮޕް ވުމަށްފަހު ގިނަ ދުވަސްތަކަކު ފިލްމު ނުކުޅެ ހުރެފައި ޝާހްރުކް އަލުން ފިލްމީ މައިދާނަށް އެނބުރި އަންނަ ފިލްމެވެ.