ލައިފްސްޓައިލް

ވިސްނުން ތޫނު ކުދިންގެ ލިސްޓުގައި އިންޑިއާ ކުއްޖެއް

ޖޯންސް ހޮޕްކިންސް ސެންޓާ ފޯ ޓެލެންޓެޑް ޔޫތު އިން ނެރުނު ދުނިޔޭގެ އެންމެ ވިސްނުން ތޫނު 1،400 ކުދިންގެ ލިސްޓުގައި އެމެރިކާގެ ނިއު ޔޯކްގައި ކިޔަވާ އިންޑިއާގެ އަށް އަހަރުގެ ފިރިހެން ކުއްޖެއް ކަމަށްވާ އަޑަވޭ މިސްރާ ހިމެނިއްޖެ އެވެ.

މި ކުއްޖާ ހޮވިފައި ވަނީ ގްރޭޑް 2 އިން 8 އާ ހަމަޔަށް ކިޔަވާ 15،000 ކުދިންނަށް ދިން ޓެސްޓުތަކުން އެންމެ މަތީ މާކްސް ހޯދައިގެނެވެ.

އިންޑިއާގެ ނޫސް އެޖެންސީއަށް މިސްރާ ދިން އިންޓަވިއު އެއްގައި ބުނީ ޓެސްޓް ކުޑަކޮށް އުނދަގޫ ކަމަށެވެ. އަނގަބަހުން ސުވާލުކުރާ ބައި ކުޑަކޮށް އުނދަގުލަސް ހިސާބު އިލްމުގެ ބައި އުނދަގޫ ނޫން ކަމަށެވެ.

ޖޯންސް ހޮޕްކިންސް ޓެސްޓަށް މާ ބޮޑެތި ތައްޔާރީތައް ވާން ނުޖެހުނު ކަމަށާއި ބައެއް ޓެސްޓްތަކަށް އަހުލުވެރިވެލަން ކުޑަކޮށް ޕްރެކްޓިސް ކޮށްލި ކަމަށް އޭނާ ބުންޏެވެ. ތައުލީމީ ގޮތުން އޭނާ އެހާ ސްމާޓް ކުއްޖަކަށްވީ މަންމަގެ ކުޅަދާނަ ކަމުން ކަމަށް މިސްރާ ބުންޏެވެ. އެކަމުގެ ހުރިހާ ކްރެޑިޓެއް މިސްރާ ދެނީ އޭނާގެ މަންމަ އަށެވެ.

އެމެރިކާ އާއި ޔޫރަޕް އަދި ދުނިޔޭގެ 70 ގައުމަކުން 15،000 ދަރިވަރުން މި ޓެސްޓްގައި ބައިވެރިވި އެވެ. މިއީ ގްރޭޑް 2 ން 8 އާ ދެމެދުގެ ގްރޭޑުތަކުގައި ކިޔަވާ ދަރިވަރުންނެވެ. ބާރަ މަސް ދުވަހަކަށް ކުރިޔަށް ގެންދިޔަ މި ޓެސްޓް ނިންމާލާފައިވަނީ މިދިޔަ އަހަރުގެ ޖޫން މަހު އެވެ.

މިސްރާ ކަހަލަ 1،400 ކުއްޖަކު ޓޮޕް 9 ޕަސެންޓްގައި ހިމެނުނެވެ.

ހޮޕްކިންސް ސީޓީވައި ސައިޓުގައިވާ މައުލޫމާތުގައިވާ ގޮތުން މި ސެންޓަރުން މި ކަން ފަށައިގަތީ 70ގެ ފަހުކޮޅު އެވެ. އެއީ ބަލްޓިމޯރުގައި ދިރިއުޅުނު ގްރޭޑް 7ގައި ކިޔެވި ފިރިހެން ކުއްޖަކު އެ ކުއްޖާގެ އުމުރުން 13 އަހަރުވީއިރު ހިސާބުގެ ރޮނގުން ކިޔެވެން ހުރި ހުރިހާ އެއްޗެއް ކިޔަވާ ނިންމައި އިތުރަށް ކިޔެވޭނެ އެއްޗެއް ނެތިގެން އުޅޭކަން އެނގުމުން އުފަންވި ޚިޔާލެކެވެ.

ޖޯންސް ހޮޕްކިންސްގެ ސައިކޮލޮޖީ ޕްރޮފެސަރަކަށް މި ކުއްޖާގެ ވާހަކަ އިވިގެން މި ފަދަ އާދަޔާޚިލާފު މޮޅު ކުދިންނަށް ޚާއްސަކޮށް އެކުދިންގެ ގްރޭޑަށް ވުރެ މަތީ ލެވެލް ތަކުގެ ކޯސްތަކެއް ފަރުމާ ކުރީ އެވެ. އަދި ދުނިޔޭގެ ކަންކޮޅުތަކުގައި ތިބި ކިޔެވުމަށް އާދަޔާޚިލާފަށް މޮޅު ވިސްނުންތޫނު ދަރިވަރުންނަށް މި ކޯސްތަކުގައި ބައިވެރިވެވޭ ގޮތް ހެދީ އެވެ.