ދުނިޔެ ބަދަލު ވެއްޖެ އެވެ. މާލީ ނިޒާމް ބަދަލު ވެއްޖެ އެވެ. ކުރިން ގެންގުޅު ނަގުދު ފައިސާގެ ބަދަލުގައި މިހާރު ދުނިޔެ ދަންނަ އެއްޗަކީ "ކޭޝް ލެސް" ކޮށް އުޅުމެވެ. އެކަމަކު ދުނިޔޭގައި މި ފަދަ ސިސްޓަމްތައް ތައާރަފުވެފައި ވަނީ ފުރިހަމަ ނިޒާމު ތަކަކާއެކުގަ އެވެ. ރާއްޖެ ވެސް މިހާރު ދަތުރު މި ކުރަނީ އެ ފަދަ ނިޒާމަކަށް ދިއުމަށެވެ. ގައުމީ ޕޭމަންޓް ސިސްޓަމެއް ގާއިމް ކުރުމަށެވެ. ނުވަތަ އިންސްޓަންޓް ޕޭމަންޓް ސިސްޓަމަކަށް ދިއުމަށެވެ. ރާއްޖެ އަށް ޒަމާނީ ޕޭމަންޓް ސިސްޓަމެއް ބޭނުން ވަނީ ކީއް ވެގެން ހެއްޔެވެ؟ އިންސްޓަންޓް ޕޭމަންޓް ސިސްޓަމަކީ ކޮބައި ހެއްޔެވެ؟
އިންސްޓަންޓް ޕޭމަންޓަކީ އެއް ފަރާތުން އަނެއް ފަރާތަށް ފައިސާ ފޮނުވުމުގައި އެއްވެސް ލަސް ކަމެއް ނެތި 24 ގަޑިއިރު އަހަރުގެ ކޮންމެ ދުވަހަކު ވެސް ބޭނުން ކުރެވޭ ޕޭމަންޓް ހިދުމަތެކެވެ. މި ހިދުމަތުގެ ސަބަބުން އެއް ފަރާތުން އަނެއް ފަރާތަށް ވަގުތުން ވަގުތަށް ފައިސާ ފޮނުވި އަދި އެ ލިބޭ ފަރާތަށް ވަގުތުން އެ ފައިސާ ބޭނުން ކުރެވޭނެ އިންތިޒާމް ހަމަޖެހިފައިވެ އެވެ.
އިންސްޓަންޓް ޕޭމަންޓް ސިސްޓަމެއްގައި ޕޭމަންޓް ހިދުމަތް ދޭ ފަރާތްތައް އެއް ފަރާތުން އަނެއް ފަރާތާ ގުޅާލެވިފައި ވަނީ އިންސްޓަންޓް ޕޭމަންޓް ސެންޓްރަލް އިންފްރާސްޓްރަކްޗާއެއް މެދުވެރިކޮށެވެ. މީގެ ސަބަބުން ބައިވެރިންގެ މެދުގައި ވަގުތުން މުއާމަލާތް ކުރެވިގެންދެ އެވެ.
އަންދާޒާ ކުރެވޭގޮތުގައި ދުނިޔޭގައި މިހާތަނަށް 60 ގައުމެއްގައި އިންސްޓަންޓް ޕޭމަންޓް ސިސްޓަމްތަށް ގާއިމްކޮށް އަދި އިތުރު ގިނަ ގައުމުތަކުގައި މިފަދަ ސިސްޓަމްތަށް ގާއިމް ކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.
ދުނިޔޭގެ އެންމެ ފާހަގަ ކޮށްލެވޭ އިންސްޓަންޓް ޕޭމަންޓް ސިސްޓަމްތައް ގާއިމް ކޮށްފައިވާ ގައުމުތަކުގެ ތެރޭގައި އިންޑިއާ އާއި އޮސްޓްރޭލިއާ އަދި ޑެންމާކުގެ އިތުރުން ޕޮލޭންޑާއި ރޫމޭނިއާ އަދި ސިންގަޕޫރު އަދި ސްވިޑެން ހިމެނެ އެވެ.
ދުނިޔޭގެ ގިނަ ގައުމުތަކުން އިންސްޓަންޓް ޕޭމަންޓް ސިސްޓަމްތައް ގާއިމް ކުރުމުގެ މައިގަނޑު މަގްސަދުތަކުގެ ތެރޭގައި ފައިނޭންޝަލް އިންކްލޫޝަން އިތުރު ކުރުމާއި ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކުން އިގްތިސޯދީ ހަރަކާތްތަކުގައި ބައިވެރި ކުރުން އިތުރުކުރުން ހިމެނެ އެވެ. މީގެ އިތުރުން ވެސް އިންސްޓަންޓް ޕޭމަންޓް ސިސްޓަމްތަކަކީ ތަފާތު އީޖާދީ ފަސޭހަތައް ބޭނުންކުރާ ފަރާތްތަކަށް ލިއްބައިދޭ ވަސީލަތެކެވެ. އޭގެ ތެރޭގައި ހުރިހާ ބޭންކް އެކައުންޓް އެއްތަނަކުން ބަލާލައި މެނޭޖް ކުރެވުން އެހެން މީހަކަށް ފައިސާ އަށް ރިކުއެސްޓް ކުރެވުން ޕޭމަންޓް ޝެޑިއުލް ކޮއްލެވުން ހިމެނެ އެވެ.
ރާއްޖޭގެ އިންސްޓަންޓް ޕޭމަންޓް ސިސްޓަމް
ރާއްޖޭގެ ގައުމީ ޕޭމަންޓް ސިސްޓަމެއް ގައިމް ކުރުމުގެ މައިގަނޑު މަގުސަދަކީ ރާއްޖޭގެ ކޮންމެ ރައްޔިތަކަށް ވެސް ކޮންމެ ރަށެއްގައި ހުރި ނަމަވެސް އަދި ކޮންމެ މާލީ ހިދުމަތްދޭ ފަރާތެއް ބޭނުން ކުރި ނަމަވެސް އެއް ފަރާތުން އަނެއް ފަރާތަށް ވަގުތުން ފައިސާ ފޮނުވާ ލިބިގަތުމުގެ ނިޒާމެއް ގާއިމް ކުރުމެވެ. މީގެ އިތުރުން މާލީ ނިޒާމާއި ބީރައްޓެހި، ނުވަތަ ބޭންކް އެކައުންޓް ފަދަ ވަސީލަތްތަށް ބޭނުން ނުކުރާ ފަރާތްތަކަށް ވެސް މާލީ ނިޒާމުގެ ފައިދާތަށް ފޯރު ކޮށްދިނުން އޭގެތެރޭގައި ހިމެނެ އެވެ. ހަމައެއާއިއެކު، މި ސިސްޓަމްގެ ސަބަބުން ދިވެހިރާއްޖޭގައި ފައިނޭންޝަލް އިންކްލޫޝަން އިތުރުކޮށް އާންމު ރައްޔިތުންނާއި ކުދި އަދި މެދު ފަންތީގެ ވިޔަފާރި ތަކަށް ޑިޖިޓަލް ވަސީލަތްތައް މެދުވެރިކޮށް މާލީ ހިދުމަތްތަކަށް އެކްސެސްވެވި އަދި ފަސޭހަ ކަމާއެކު އެ ޚިދުމަތްތައް ބޭނުން ކުރެވޭނެ އިންތިޒާމް ހަމަޖެއްސުން ހިމެނެ އެވެ.
މީގެ އިތުރުން ވެސް ގައުމީ ޕޭމަންޓް ސިސްޓަމް މެދުވެރިކޮށް ޒަމާނީ، އީޖާދީ ޕޭމަންޓް ސޮލިއުޝަންތައް ތައާރަފް ވެގެން ދިއުމަކީ އެމްއެމްއޭގެ އަމާޒެކެވެ. މިފަދަ ހިދުމަތްތަށް ތައާރަޕް ވެގެން ދިއުމަކީ ނަގުދު ފައިސާ އާއި ޗެކް ފަދަ ވަސީލަތްތަކަށް ބަރޯސާވުން ކުޑަ ވެގެންދާނެ ކަމެކެވެ.
މި ގާއިމް ކުރާ ޕޭމަންޓް ސިސްޓަމްގައި ހުރި ފައިދާތަކުގެ ތެރޭގައި އެކައުންޓް ނަމްބަރުގެ ބަދަލުގައި ފަސޭހައިން ހިއްސާކޮށްލެވޭ، ކަސްޓަމަރުންނަށް ހަނދާން ކުރަން ފަސޭހަ އައިޑެންޓިފަޔާތައް ފައިސާ ފޮނުވުމުގައި ބޭނުން ކުރެވޭނެ އެވެ. މީގެ ތެރޭގައި މޮބައިލް ނަމްބަރާއި ސޯޝަލް މީޑިއާ އައިޑީ ފަދަ އައިޑެންޓިފަޔާތައް ހިމެނޭނެ އެވެ. މިއާއެކު، ޕޭމަންޓް ހެދުމަށްޓަކައި ކަސްޓަމަރުންގެ ބޭންކް އެކައުންޓް ނަމްބަރު ފަދަ ސެންސިޓިވް މައުލޫމާތު ހިއްސާ ކުރުމަށް ނިމުމަކަށް އަންނާނެ އެވެ.
ގައުމީ ޕޭމަންޓް ސިސްޓަމް ފަރުމާ ކޮށްފައި ވަނީ އީޖާދީ ޕޭމަންޓް ހިދުމަތްތައް ތަޢާރަފު ކުރަން ބޭނުންވާ ފަރާތްތަކަށް ވީހާވެސް ކުޑަ އިންވެސްޓްމަންޓަކާ އެކީ އަދި މިހާރަށް ވުރެން ލުއި ފަސޭހަ ކޮށް، ސެންޓްރަލް އިންފްރާސްޓްރަކްޗާ އެއް މެދުވެރިކޮށް އެ ފަދަ ހިދުމަތްތައް ތައާރަފު ކުރުމަށް މަގުފަހި ވެގެންދާނެ ގޮތަކަށެވެ.
ރާއްޖޭގެ ގައުމީ ޕޭމަންޓް ސިސްޓަމް މެދުވެރިކޮށް އާންމު ފަރުދުންގެ ގެ އިތުރުން ވިޔަފާރި ތަކާއި ސަރުކާރުގެ އިދާރާތަކަށް ވެސް ލުއި ފަސޭހަ ކަމާއެކީ ފައިސާގެ މުއާމަލާތްތައް ކުރެވޭނެ އިންތިޒާމް ހަމަޖެހިގެން ދާނެ އެވެ.
ދިވެހިރާއްޖޭގެ ގައުމީ ޕޭމަންޓް ސިސްޓަމެއް ގާއިމް ކުރުމުގެ އެއްބަސްވުމުގައި ބޭރުގެ ކުންފުންޏަކާ އެކީ ސޮއި ކުރީ އޮކްޓޯބަރު 2020 ގަ އެވެ. މި ސިސްޓަމްގެ މަސައްކަތް ނިމި އާންމުކޮށް ބޭނުން ކުރަން ހުޅުވާލެވިގެން ދާނެ ކަމަށް ބެލެވެނީ މި އަހަރުގެ ފަހު ކުއާޓަރުގަ އެވެ. ރާއްޖޭގެ ގައުމީ ޕޭމަންޓް ސިސްޓަމްގެ ސަބަބުން ރާއްޖޭގެ އިގްތިސޯދުގައި ހިމެނޭ ވިޔަފާރިތައް ކުރިއެރުމަށް އިތުރަށް މަގުފަހި ވެގެންދާނެ އެވެ. މައިގަނޑު ސަބަބަކީ ފައިސާ ފޮނުވުމުގައި އާއި ލިބިގަތުމުގެ ފަސޭހަ ތަކާއިއެކު އެކަންކަމަށް ހޭދަ ކުރާ ވަގުތާއި އިންވެސްޓްމަންޓް މަދުވެގެން ދިއުމެވެ.