ކުޅިވަރު

އޭޝިއާގެ ކްރިކެޓްގެ އެކްސްކޯއަށް ފައިސަލް

އޭޝިއަން ކްރިކެޓް ކައުންސިލްގެ އެގްޒެކެޓިވް ކޮމިޓީގެ ޑައިރެކްޓަރުގެ މަގާމަށް ރާއްޖޭގެ ކްރިކެޓް ބޯޑުގެ ރައީސް މުހައްމަދު ފައިސަލް، އޭސީސީން ހަމަޖައްސައިފި އެވެ.

ރާއްޖެއިން ޗައިނާއަށް ފޮނުވި ސަފީރުގެ މަގާމު ކުރިން އަދާ ކުރެއްވި ފައިސަލް އެސީސީގެ އެކްސްކޯގެ ޑައިރެކްޓަރުގެ މަގަމަށް ވެވަޑައިގެންނެވީ އޭސީސީގެ އެސޯސިއޭޓް މެންބަރު ގައުމުތަކުގެ ފަރާތުންނެވެ. އެ މަގާމަށް އޭނާ އިންތިހާބުވެ ވަޑައިގެންނެވީ އެސޯސިއޭޓް ހުރިހާ މެންބަރު ގައުމެއްގެ ވޯޓާ އެކު އެވެ.

ފައިސަލް ވެގެންދާނީ އިންޓަނޭޝަލް ކްރިކެޓްގެ އެގްޒެކެޓިވް މަގާމެއް މިވަގުތު ފުރުއްވާ ރާއްޖޭގެ ދެ ވަނަ ފަރާތަށެވެ. ކްރިކެޓް ބޯޑުގެ ކުރީގެ ރައީސް މުހައްމަދު އަފްލާހް އަކީ އިންޓަނޭޝަނަލް ކްރިކެޓް ކައުންސިލްގެ އޭޝިއާގެ ރީޖަނަލް ރެޕްރެޒެންޓޭޓިވް އެވެ. އެ މަގާމަށް މިދިޔަ އަހަރު ދެ ވަނަ ދައުރަކަށް އޭނާ ވަނީ އިންތިހާބު ކޮށްފަ އެވެ.

ފައިސަލް އަކީ، ރާއްޖޭގެ ކްރިކެޓް މާކެޓް ކުރުމަށް ކުރިން އިސް މަސައްކަތްތަކެއް ކުރައްވާފައިވާ ބޭފުޅެކެވެ. އޭނާގެ ބެލުމުގެ ދަށުން އެކުލަވާލެއްވި މަސައްކަތް އިންޓަނޭޝަނަލް ކްރިކެޓް ކައުންސިލުން ބަލައިގަނެ އަގުވަޒަން ކުރުމުގެ އެވޯޑްވެސް ރާއްޖޭގެ ކުރިކެޓަށް ދިނެވެ.

ކުރީގެ ޖެނަރަލް ސެކެޓްރީ ކަމާއި ބޯޑުގެ ނައިބުރައީސްކަން ކުރެއްވި ފައިސަލް ކްރިކެޓް ބޯޑުގެ ރައީސްކަމަށް ވަޑައިގެންނެވީ، މިދިޔަ އަހަރު ބޭއްވި އިންތިހާބުގަ އެވެ.