(28 ޖަނަވަރީ 2021 އާ ގުޅޭ)
"އައްޔޫބު ބުނެފިއްޔާ ނޫނެކޭ ނުބުނާނެ، އެކަމަކު ދަރީންގެ އުފާވެރި ކަމާމެދު ވިސްނުމަކީ މައިންބަފައިންގެ ކަމެއް، އެކުދީން ނުބުނާ ކަންކަން ވެސް އަހަރެމެން ޖެހޭނެ ދެނެގަންނަން." ރޫމާގެ ހިތް އެއްގޮތަކަށް ވެސް ފިރިމީހާއާ އެއްބައި ވާގޮތެއް ނުވިއެވެ.
"އެހެންވީރު ރޫމާ، ﷲ އަށް އެދޭ... މި ކައިވެންޏައިގެން ކުރިއަށް ދިއުންތޯ ރަނގަޅީ ނޫނީ ހުއްޓާލަންވީތޯ، ކޮންމެ ކަމެއް އެންމެ މޮޅަށް ދެނެވޮޑިގެންވަނީ ﷲ، ކަމަކާ ކުރިމަތިލުމުގެ ކުރީން ކަންތައްކު ރަންވީ ގޮތް އިސްލާމް ދީނުގައި އޮވޭ، އެފަދައިން ރޫމާ ކަންތައް ކުރޭ."
އައްޔޫބު ހުށަހެޅީ އެންމެ ފަހު ގޮތެވެ. ރޫމާއަށް ގައިމުވާން އެދޭތީ އެވެ. އައްޔޫބުގެ ހިތަށް ޔަގީންކަން ވަން ގޮތަށް ރޫމާއަށް ވެސް އެ ޔަގީންކަން ލިބެން ބޭނުން ވެއެވެ. އެ ނިންމުމަކީ ކުޑަކުޑަ އާދައިގެ ނިންމުމެއް ނޫނެވެ. ޔަގީނުން ވެސް މީ އެ ދެމަފިރިންނަށް ކުރިމަތިވި ބޮޑު އިމްތިހާނެކެވެ. ﷲ ލޯބިވާ އަޅުން ގިނަގިނައިން އިމްތިހާނު ކުރައްވަ އެވެ. އެ ދެމަފިރިންގެ މި އިމްތިހާނުގެ މެދުވެރިއަކީ ސަބީނާ އެވެ. ޒުވާން އިރުއްސުރެ ބަދަލު ނުވެ އޮތް ގާތް ރަޙުމަތްތެރިކަމާއި އަވަށްޓެރިކަމުގެ ގުޅުމެވެ. މިކަމުގައި އައްޔޫބާއި ރޫމާގެ ދެ ލޮލުގެ ފިނިކަން ގެއްލިދާނެ ކަމުގެ ބިރު އިންތިހާ އެވެ. މަޢުޞޫމް ނޯޔާގެ ދިރިއުޅުން ބަދަލުވާނޭކަން އައްޔޫބަށް ވިސްނެއެވެ. ދުނިޔޭގެ ހުރަސްތަކާއި ދިރިއުޅުމުގެ ދަތިކަމަށް ކުރިމަތިލާނޭ ހިތްވަރު އެ ދަރިފުޅުގެ އެބަހުރިބާ އެވެ. އެ ދަރިފުޅުގެ ވެސް އުނިކަންކަން ހުރެދާނޭކަން ސަބީނާއާއި އަސްލަން ޤަބޫލު ކުރާނެ އެވެ. ހުސް ވެސް ސުވާލެވެ. ﷲ އަށް ވަކީލުކުރާ އަޅަކަށް ދެރަގޮތެއް މިންވަރު ނުކުރައްވާނެއެވެ. އައްޔޫބު ވެސް ނަފްސަށް ވެރިވި ނުތަނަވަސްކަމާއި ހާސްކަމުގެ އިތުރުން ގެންފައި ހުރި ބިރު ދޫކޮށްލީ ﷲ އަށް ޓަކައެވެ. އެކަނލާގެއަށް ފުރިހަމަ އިތުބާރާއެކުއެވެ. އަދި ދުނިޔެއަށް ނޭވާލާހާ ހިނދަކު ދަރީން އެކަނިވިޔަ ނުދޭނެ އެވެ. އެ ދަރީންނަށް ޓަކައި ހެޔޮ ދުޢާ ކުރުން މަތީ އައްޔޫބު ދެމިހުންނާނެއެވެ. އެ ދަރީންނަށް ކުރިމަތިވާ މުސީބާތްތަކުން ދުރުކޮށްދެއްވުން އެދި ޚާލިޤު ވަންތަ އިލާހަށް ދެންނެވުން ހުއްޓައެއް ނުލާނެއެވެ. މައިންބަފައިން ދަރީންގެ މައްޗަށް ކުރާ ދުޢާ އިޖާބަކުރެއްވުން އަވަހެވެ. ހަމައެއާއެކު އަންހެން ދަރިއެއްގެ ނިޢުމަތް ލިބިއްޖެ ބަފައަކީ ނަސީބުވެރިއެކެވެ.
* * * * *
ތިން ދުވަސް ފާއިތުވެއްޖެ އެވެ. ހެދިކާ ނުހަދާތީ ރޫމާއާ ސަބީނާ ބައްދަލެއް ނުވެއެވެ. އައްޔޫބުގެ ހާލު ބަލާލަން ދާން ވެސް ސަބީނާ ހުރީ ނުކެރިފަ އެވެ. އެހެން ނަމަވެސް އޭނާ ރޫމާއަށް ފޯނުން ގުޅައެވެ. އައްޔޫބު ކިހިނެއްތޯ އާއި ރޫމާގެ ހާލު އޭނާ އޮޅުން ފިލުވައެވެ. ރޫމާގެ ވާހަކަތައް އިންތިހާއަށް ކުރެވެ. އޭނާ ޖަވާބު ދެނީ ސަބީނާ ކުރާ ސުވާލަކަށް އެކަންޏެވެ. ދެމެދުގައި އޮތް ގާތްކަމުގެ ވާފަށް ހިމަވެ ވާންވަމުން ދާކަން މާބޮޑަށް ވެސް ސަބީނާއަށް އިޙްސާސް ކުރެވެއެވެ. އިތުރަށް ވާންވަމުން އަންނަ ކަމަށް ވަންޏާ ދެން ދާނީ ކަނޑައިގެންނެވެ. އަލުން ގޮއްޖެހި ނަމަވެސް ކުރީން ހެނެއް ނުވާނެއެވެ.
މީރު އެއްޗެއް ގޭގައި ތައްޔާރު ކޮށްފިނަމަ ރޫމާއަށް ނުދީ ސަބީނާ ނުކާނެ އެވެ. ޚާއްޞަކޮށް ހުކުރު ދުވަހު މެންދުރަށް ތައްޔާރު ކުރާ ބާވަތްތަކުން ރޫމާއަށް ބަޔެއް އެޅުމަކީ ސަބީނާ އާދަވެފައި ހުރި ގޮތެވެ. މިއަދު ވެސް އޭނާ ތަށިބަރި ތައްޔާރުކުރީ އެހެންވެ އެވެ. ނަމަވެސް އެ ހިފައިގެން ދިއުމާމެދު ދެ ފިކުރެއްގައި ހުއްޓެވެ. ރިދާން އެ ގެއަށް ދާކަން އެނގިފައި އޮތުމުން، އެކުއްޖާއާ ތަށިބަރި ހަވާލު ކުރުމުގެ ވިސްނުމެއް ސަބީނާ ގެންގުޅުނެވެ. އެ ޚިޔާލާ މެދު ވެސް ގަޔާ ނުވެވުނެވެ.
"އަހަރެންނަށް ޅައެއްޗެއް އެޅުނީ، އެއީ ރޫމާ... އަހަރެންގެ އެންމެ ގާތް ރަޙުމަތްތެރިޔާ، އޭނާ ހިތް ބަރުކޮށްފިނަމަ އެހިތް ރުއްސޭނީ އަހަންނަށް، އަހަރެން ވެސް ނުކެރިފަ ހުރިއްޔާ ފަހުން ހިތާމަ ކުރަން ޖެހިދާނެ، ވަގުތު ފާއިތުވުމުން ނަމައަކުން ލިބޭނެ ހިތްހަމަޖެހުމެއް ނޯންނާނެ... އިސްވެ މަޢާފަށް އެދެން ޖެހޭނީ އަހަރެންނަށް..." އަމިއްލަ ހިތާއި ޟަމީރު ވެސް އެއްބަސް ކިޔެވެ. ކަބަޑުމަތީ ހުރި ތަށިބަރީގެ އަތްގަނޑުގައި ސަބީނާގެ ކަނާއަތްތިލައިން ހިފާލީ ސާބިތު ކަމާއެކު އެވެ. ހިތް އަވަސްވެފައި ހުރެއެވެ.
ގެއިން ނުކުމެ ދޮރުމަތީ ހިނދުކޮޅަކަށް ސަބީނާ މަޑުކޮށްލި އެވެ. ކުރިމަތިން ފެންނަން ހުރި ފެހިއާބާދުގެއަށް ބަލަހައްޓައިގެންނެވެ. ފުން ނޭވާއެއް ދޫކޮށްލާފައި ކުރިޔަށް ފިޔަވަޅު އެޅިއެވެ. މަގު ހުރަސްކޮށް އެގޭ ދޮރޯށީގެ ތަޅު ހުޅުވަން ސުވިޗަށް އޮބާލި އެވެ. ގިނައިރެއްނުވެ ދޮރޯށި ހުޅުވައިފި އެވެ. އެތެރެއަށް ވަދެގެން އައި ސަބީނާ ހުއްޓުނީ އައްޔޫބާއި ރޫމާ ދިރިއުޅޭ ބައިގެ ދޮރު ކުރިމަތީ އެވެ. ބެލްޖެހުމުން ދޮރު ހުޅުވާލީ ނޯޔާ އެވެ. ސަބީނާ ލައިލައި ހުރި ނޭވާ ހުއްޓުނު ކަހަލައެވެ. އެކުއްޖާގެ ތުންފަތުގައިވި ލުއި ހިނިތުންވުން ސަބީނާއަށް ހާލަތު ވިސްނައިދީފި އެވެ. އޭނާ ދެއްކި ވާހަކަ ރޫމާ އަމިއްލަ ނަފްސަށް ބޭއްވީއޭ ސަބީނާ ހިތަށް އެރިއެވެ.
"މަންމާ، ސަބިއްތަ އައީ... އަވަހަށް އާދޭ އެތެރެއަށް، މަންމަ ވެސް ތަށިބަރި ރެޑީ ކުރަނީ." ބަދިގޭގައި ހަރަކާތްތެރިވާ ރޫމާއަށް އަޑު އިވޭނޭ ވަރަށް ނޯޔާ ބުނެ ސަބީނާގެ އަތުގައި ހިފައި ގޭތެރެއަށް ވެއްދި އެވެ. އޭރު އެގޭ ތެރެއިން އެ ޢާއިލާގެ ހުރިހާ އެންމެންނާ ސަބީނާ ބައްދަލުވިއެވެ.
"ސަބީ... ކިހިނެއް؟" ސޯފާގައި އިން އައްޔޫބުގެ ހިތްހެޔޮ އަޑު އިވުނެވެ.
"އަލްޙަމްދުލިﷲ... ރަނގަޅު." ލުއި ހިނިތުންވުމަކާއެކު ސަބީނާ ބުންޏެވެ.
"ސަބިއްތަ ކޯއްޗެއްތަ ހެދީ." ސޯފާގައި އިން ނެހާ ތެދުވެގެން ކާ މޭޒު ކައިރިއަށް އައެވެ.
ހިމޭން ކަމުގެ ބެލުމެއް ރޫމާއާއި ސަބީނާއާ ދެމެދު ބަދަލު ކޮށްލެވުނެވެ. ތަށިބަރީގައި ހުރި އެއްޗެއް ބަލަން ނެހާއާއި ނޯޔާ ގާތު ސަބީނާ ބުންޏެވެ. އޭނާ އައިސް ހުއްޓުލީ އުނދުން ކައިރީ ހުރި ރޫމާގެ ވައަތް ފަރާތުން ނުހަނު ގާތުގައެވެ. ރޫމާގެ ވައަތު ކުޑަހުޅާ ހިސާބު ސަބީނާ ހިފަހައްޓާލި އެވެ. މަޑުމަޑުން އަތްތިލަ ބާރުކޮށްލަމުން އޭނާ ރޫމާއަށް ބަލަން ހުއްޓެވެ. އެހިނދު ރޫމާ ވެސް ނަޒަރު ސީދާކޮށްލައިފި އެވެ.
"އަހަންނަށް މައާފު ކުރޭ." ސަބީނާ ވާހަކަ ދެއްކީ ކިރިޔާ ރޫމާއަށް އަޑު އިވޭނޭ ވަރަށެވެ. ރޫމާ އެއްޗެކޭ ބުނަން އުޅުންހެން ހީވިއެވެ. ނަމަވެސް ބަހެއް ނުބުންޏެވެ. އެ ދެ ލޮލުން ފާޅުވީ މޮޅީގެ އަސަރެވެ.
"ފަހުން ވާހަކަ ދައްކާލަން އަންނާނަން." ސަބީނާ ބުންޏެވެ. އެއާއެކު ރޫމާ މަޑުމަޑުން ބޯ ޖަހާލި އެވެ. އަދި ތައްޔާރު ކުރި ތަށިބަރު ސަބީނާގެ އަތް ހިއްލާލައި އަތަށް ލައިދިނެވެ. އެ ހިފައިގެން ދާށޭ ރޫމާ ބުނަން ބޭނުންވީ ކަހަލައެވެ.
އެ އެޕާޓްމެންޓުން ނުކުމެ ސިޑިއާ ދިމާއަށް އައިއިރު ސަބީނާގެ ތުންފަތަށް ހިނިތުންވުމެއް ވެރިވެއްޖެ އެވެ. ރޫމާގެ އަސަރުތައް ދެނަގަންނަން ނޭނގުނަސް އޭނާ ސަބީނާ ކުށްވެރިކުރާ ކަމުގެ ނިޝާނެއް ނުފެނުނެވެ. އެއީ ލިބުނު ހިތްހަމަޖެހުމެވެ. ދެ މީހުންނަށް ހަމަޖެހިގެން ވާހަކަ ދައްކާލާނޭ ފުރުޞަތު ލިބުމުން، އެ ދެމެދަށް ވެރިވި އުދާސްކަން ނެތިގެން ހިނގައިދާނެ އެވެ. އެކަން ސަބީނާއަށް ޔަގީން ވެއެވެ.
* * * * *
ކާ މޭޒުމަތި ތައްޔާރު ކުރީ ރިދާނެވެ. ސަބީނާ ދޭ ވަރަކަށް ތަށިތައް ގެނެސް މޭޒުމަތީ އޭނާ އަތުރަ އެވެ. ދެ ވައްތަރެއްގެ ސަޓަނި ތައްޔާރު ކުރީ ވެސް ރިދާނެވެ. ސަބީނާއަށް އެހީވުމުގައި އެންމެ ކުޑައިރުން ފެށިގެން ބަދިގެއަށް ރިދާން ވަންނަން ފަށައިފި އެވެ. އަމިއްލައަށް ފެނިގެން އެކަހަލަ ކިތަންމެ ގޮތަކުން ސަބީނާއަށް ރިދާން އެހީ ވެއެވެ.
ހުކުރު ދުވަހަކީ ޢާއިލާގެ ހުރިހާ މެންބަރުން މަންމަ ދިރިއުޅޭ ފަންގިފިލާއަށް ޖަމާވާ ދުވަހެކެވެ. އަރީންގެ ކުދީންނާއި އޭގެ ދެމަފިރިން ވެސް އައެވެ. އެއްގަޑި ބައިވަންވާއިރަށް އެންމެން ކާމޭޒު ދޮށުގައި ހަމަވެއްޖެއެވެ. އާދައިގެ މަތިން އަރީންގެ ފާޑު ކިޔުން ފެށުނެވެ.
"މަންމައަށް ނޭނގޭނެ ތަންކޮޅެއް ހަވާދު މަދުކޮށް ކައްކާކަށް، އަޅާލާފަ އޮންނަހާ ކިރު... މިވެސް ހުސް ތެޔޮ." ތައްޓަށް އަޅާވަރު މަދުނުވިޔަސް އަރީންގެ ދޫ ތަންފުކެއް ވެސް ދޫ ނުކުރެއެވެ.
"ތިހާ ކަމުނުދާއިރު ދޮންތަ ތި ހުރިހާއެއްޗެއް އެޅީ ކީއްކުރަން، މިތާ އެބަހުއްޓެއްނު ސެލެޑް ވެސް." ރިދާން ބުންޏެވެ.
"ހުކުރު ދުވަހު މަންމަ ކޮންމެހެން ވެސް ސެލެޑް ތައްޔާރު ކުރަނީ އަރީނަށް." މިފަހަރު ފަވާދު ވެސް އެއްބައިވީ ރިދާންއާއެވެ.
"އަރީން ބޭނުންވާ އެއްޗެއް ބުނީމައެއްނު ތައްޔާރު ކުރަން އެނގޭނީ... ގެންނަންތަ ފެނުކެއްކި ތަކުރާރީ ކޮޅެއް." ސަބީނާ ބުންޏެވެ.
"ގެނޭ ތިތަށި މަށަށް... ދޮންތަ ކައި މަންމަ ގެންނަ ތަރުކާރީކޮޅު." ރިދާން އަތްދިއްކޮށްލި އެވެ. ވަގުތުން ނުދޭނަމޭ ބުނާހެން އަރީންގެ ހަރަކާތްކޮށްލި އެވެ.
"މަންމަ ބުނާނެ އެހާވަރުން ހެދީމަ ވެސް އަހަރެން ދިޔައީ ނުކަޔޭ، އެންމެ ދުވަހަކު މި ހަވާދުތައް ކެވޭތޯ ބެލުން މައްސަލައެއް ނޫން." ބަތްތަށި މޮޑެމުން އަރީން ބުންޏެވެ. އޭނާ ބަހަނާ ދައްކާ ފާޑުކިޔަނީ ކޮންމެހެން ނުކާކަށް ނޫނެވެ. އެފަދައިން ކަންތައް ނުކުރާނަމަ ކާއެތިކޮޅު ހަޖަމްނުވަނީ ކަމަށް ވެދާނެއެވެ.
އަސްލަން އިނީ އަރީނަށް ބަލާށެވެ. އޭގެ ތިން މީހުން ބޮޑުވީ ސަބީނާ ކައްކާ އެއްޗެހި ކައިގެންނެވެ. ބޭރުން ކާއެއްޗެހި ގެނައުމަކީ އެއްވެސް އިރަކު ސަބީނާ އެހާ ތަރުހީބު ދޭ ކަމެއް ނޫނެވެ. އޭނާ އާ ރެސިޕީތައް ބަލައިގެން ކުދީންނަށް ކަމުދާ ތަފާތު ބާވަތްތައް ތައްޔާރު ކުރެއެވެ. އަމިއްލަ ފައިމައްޗަށް ތެދުވެވެން ދެން މަންމަގެ އަތުން ހަދާ ކޮންމެ އެއްޗަކީ އެންމެ މީރު ކެއުމެވެ. ވީއިރު އަރީން މިހާ ބަދަލުވާން ޖެހުނު ސަބަބެއް އަސްލަންއަކަށް ނުވިސްނެ އެވެ. ހުކުރު ދުވަހަށްވާތީ ޚާއްޞަކޮށްލުމަށް މީހެއްގެ އެހީއަކާ ނުލާ މަންމަ އެތައް ވައްތަރެއް ތައްޔާރުކޮށްފައި ހުރިތަން ސުފުރާ މަތިން ފެނެއެވެ. އަރީންގެ އެފަދަ ބަސްތަކަށް އާދެފައި ވިޔަސް މަންމަގެ ވެސް ހިތެއް އޮންނާނޭކަން އަސްލަންއަށް އެނގެއެވެ. ދެރަވިޔަސް އެ މަންމަގެ މޫނުމައްޗަކުން ނުދައްކާނެއެވެ. ދަރީންނަށް ވިޔަތީ ކަންފަތަށް އެފަދަ ބަސްތައް އިވޭ ވަގުތު ހަމަ އެހިނދުން މަޢާފުކުރާނެއެވެ.
"މަންމާ... ވަރަށް މީރު..." ލުއި ހިނިތުންވުމަކާއެކު މަންމައަށް ބަލާލަމުން އަސްލަން ބުނީ އާދައިގެ މަތިންނެވެ. ޖެހިގެން އިން މަލްސާ ބައްޕައާ ބައިވެރި ވެލިއެވެ. މާމަގެ ކުކުޅު ރިހަކަން އެންމެ މީރީ އެކުއްޖާ ބުންޏެވެ. ރިދާން އާއި ފަވާދުގެ ތަޢުރީފު އިއްވާލިއެވެ. ސަބީނާއަށް ހީނލެވުނީ ބޭއިޚްތިޔާރުގައެވެ. އަރީންގެ ވާހަކަތައް ފޫބައްދަން އެހެން ދަރީން ކުރާ މަސައްކަތް އެނގި ހުރެއެވެ. އެއީ ވެސް ތަފާތު އުފާވެރިކަމެއް އޭނާއަށް އިޙްސާސްކޮށްދިން ވަގުތުކޮޅެކެވެ.
* * * * *
އަސުރުން ފޭބި އައްޔޫބު އެނދުގައި މަޑުކޮށްލި އެވެ. މަޑުމަޑުން މޭގައި ފިރުމާލި އެވެ. ފުންކޮށް ނޭވާލި އެވެ. މޭގައި ނުރިއްސާތީ އޭނާއިނީ މަޣްރިބު ނަމާދަށް މިސްކިތަށް ދިއުމުގެ ފިކުރުގައެވެ. އޭރު އަދި ރޫމާ މުސައްލަ މަތިން ނުފައިބަ އެވެ. އެހެންވިޔަސް ރޫމާ އެގޮތުގައި މުސައްލަ މަތީ އިންނަތާ ގިނައިރު ވެއްޖެކަން އައްޔޫބަށް ފާހަގަވި އެވެ. ޒިކުރުތަކާއި ހަވީރަށް ޚާއްޞަ ދުޢާތައް ކިޔުމުގައި އިނީއޭ އައްޔޫބު ހީކުރިއެވެ. އެހެންވެ ހިމޭނުން އިނދެ އޭނާ ވެސް ތަސްބީހަ ނެގީއެވެ.
"ރޫމާ... ރޮނީތަ؟" ފުރަގަހަށް ވާހެން ރޫމާ އިނަސް އޭނާ ލޯ ފުހޭކަން އައްޔޫބަށް އެނގުނީ އެވެ.
"ﷲއަށް ޓަކައި، ސަބީއަށް އަހަރެމެންގެ ނޯޔާ ދޭން އައްޔޫބު ބުނީ، އަހަރެން ވެސް ﷲ އަށް ޓަކައި، އައްޔޫބުގެ އަތްމައްޗަށް ހުރިހާ ކަމެއް ދޫކޮށްލައިފިން." ރޫމާގެ އަޑު ވެސް އޭނާ ރޮނީކަން ބުނެދީފި އެވެ.
"ދެން ކީއްވެ ތި ރޮނީ، އޭރު ސަބީ ކީކޭ ބުނީ؟ އެ ވާހަކަ އަދި ކިޔައެއް ނުދެމެންނު."
ރޫމާ ދެ ލޯ ފުހެލި އެވެ. ފިރުކިފައި އައިހެން އެނދު ކައިރީ އިން ފިރިމީހާގެ ފައިކައިރީ މަޑުކޮށްލިއެވެ. އައްޔޫބުގެ ކަކުލުގައި ބޯޖައްސާލިއެވެ. އެ ބޮލުގައި ނުހަނު އަވަހަށް އައްޔޫބު ފިރުމާލަ ދިނެވެ.
"ތަށިބަރި ހިފައިގެން އައިސްފަ ސަބީ މަޢާފަށް އެދިފަ ދިޔައީ، ފަހުން ވާހަކަ ދައްކާނީއޭ ބުނި... އަސުރަށް އެރުމުގެ ކުރީން ގުޅީ ނުހުރެވިގެންނޭ ބުނީ، ނޯޔާއާ ގުޅުވައި ދެއްކުނު ވާހަކައާ މެދު ނުވިސްނާށޭ ބުނީ، އެހެން ބުނެވުނަސް އެގޮތަށް އެކަން ވާން ނުޖެހެޔޭ ބުނި، އަހަރެމެން ދެމީހުންނަކީ ހިތަށް އަރާ ކޮންމެ އެއްޗެއް ބުނެވޭވަރުގެ ގާތް މީހުންކަން ސަބީ ހަނދާންކޮށް ދިނީ، އުފެދު ޚިޔާލެއް ހަމައެކަނި ފާޅުކޮށްލީއޭ... އެކަމާމެދު އަހަރެން ނުވިސްނާށޭ ބުނި..." ރޫމާ ވާހަކަ ހުއްޓާލާފައި ނޭފަތް ދަމާލި އެވެ. އޭނާ ހުރީ އަދި ދުވަސްކޮޅަކަށް ހުރިހާކަމެއް ފަސް ކުރެވި ދާނޭ ހީކޮށްގެންނެވެ. ނަމަވެސް ސަބީނާ އެގެއަށް އައީއެވެ. އިސްވެ މަޢާފަށް ވެސް އެދުނީއެވެ. ކިތަންމެ ވަރަކަށް ހިތް އެދުނަސް އެގޮތަށް ކަންތައްތައް ނުވާނޭކަން ރޫމާއަށް ވިސްނުނީއެވެ.
"ރޫމާ ރޯންޖެހުނީ ކީއްވެ؟" ބޮލުގައި ފިރުމާލާފައި އަނބިމީހާ ނަގައި ގާތުގައި ބައިންދަމުން އައްޔޫބު ސުވާލު ކުރި އެވެ.
"މިކަމުގައި އޮތް ހެވެއް ވިސްނޭ ވަރަށްވުރެ އަހަރެންގެ ދަރިފުޅަށް ވާނޭ ގޮތަކާމެދު ކަންބޮޑުވެ ގަންނަ ބިރު ބޮޑީ." ރޫމާ ތެދު ހާމަކުރިއެވެ. އައްޔޫބު ބަދަލު ކޮށްލީ ލުއި ހިނިތުންވުމެކެވެ.
"ތީ މަންމަ، ދަރީން ދޫކޮށްލަން ޖެހުމުން އެންމެ ފުންއަސަރެއް ކުރާނީ މަންމަގެ ހިތަށް، ނުވަމަސްވަންދެން އެ ދަރީން އުފުލީ ތިހަށިގަނޑުގައި، އޭރުއްސުރެ ތި ހިތް އެ ދަރީންގެ މައްޗަށް އެތައްގުނައަކަށް ތަނަވަސްވެގެންވޭ، އެކުދީން އަހަންނަށް ކުރާ ޤަދަރަކީ ރޫމާ އަހަންނަށް ދެމުން އައި ޤަދަރާއި ޢިއްޒަތް، އެހެންވީމަ އެންމެ ކުއްޖަކުވެސް ދުރުގައި ދިރިއުޅުމެއް ފެށުމަކީ މަންމަގެ ހިތަށް އެތައް ވަހުމެއް ވަންނާނޭކަމެއް، ޚާއްޞަކޮށް ނޯޔާއަށް ޓަކައި އަހަރެމެން މި ނިންމާ ނިންމުން، މިހާރަކީ އެކަކުއަނެކަކު އެނގި، ލޯބިވެގެން ކައިވެނި ކުރާ ޒަމާން." އައްޔޫބުގެ އަޑުގައިވި އޯގާތެރިކަން ރޫމާއަށް އިޙްސާސް ވެއެވެ.
"އެކަމަކު... ސަބީ އެ ބުނީނު އެއީ އެހެން ބުނި ވާހަކައެއް ނޫނޭ، ނިންމުން ބަދަލު ކުރާނޭ ފުރުޞަތެއްނު މި ލިބުނީ، އެކަކަށް ވެސް އަދި ނޭނގެއެއްނު." ރޮމުން ރޫމާ ބުންޏެވެ.
"ރޫމާ، މަގޭ ލޯބިވާ އަނބިމީހާ... އަހަރެމެން މި ނިންމުން ނިންމީ ކިހިނެއްކަން ހަނދާން ކުރޭ، މީހަކަށް ނޭނގޭނޭ ބުނެ، ކުޑަކުދީން ދައްކާ ކަހަލަ ވާހަކަ ނުދައްކާ، ﷲ ހެކިކޮށް، އެކަލާނގެއަށް ވަކީލު ކުރުމަށްފަހު، ނިންމުން ބަދަލު ކުރަންވީތަ؟" އައްޔޫބުގެ ވާހަކައިން ރޫމާއަށް ތިރީ ތުންފަތުގައި ދަތްއަޅާލެވުނެވެ. ﷲ އަށް ސިއްރު ވެގެން އެއްވެސް ކަމެއް ނުވެއެވެ.
"ނިމުނިއްޔާ މުސައްލަ ނަގައި، ރޫމާ، އަހަރެމެން ނޯޔާއާ ވާހަކަ ދައްކަންވީ ވަގުތު ޖެހިއްޖެ، އެމަންޖެ ގޮވައިގެން އާދެބަލަ." ރޫމާގެ އަތްތިލައިގަ ފިރުމާލާފައި އައްޔޫބު ވާހަކަދެއްކިއެވެ. ރޫމާގެ ކޮނޑުގައި ހިފައި ކުރިމަތިވާނޭހެން އަނބުރާލި އެވެ. ތެމިފައިވާ ދެ ކޯތާފަތް އައްޔޫބު ފުހެލަދިނެވެ. މިއަދު އޭނާއަށްވުރެ ރޫމާ ހިތްވަރުގަދަކަން އެނގިއްޖެއެވެ. ހިތަށް ކުޅަދާނަނުވެގެން ރޮވޭއިރު ވެސް އޭނާ ﷲ އަށް ޓަކައި ފިރިމީހާގެ ނިންމުމާ ޚިލާފެއް ނުވިއެވެ.
މަންމަގެ ލޮލުގައި ހުރި މަޑު ރަތްކަން ނޯޔާގެ ހިތަށް ހާސްކަން ވެރިކުރުވި އެވެ. މަންމައާއި ބައްޕަ އެކުގައި ތިބެ އެންމެންފަހުން އޭނާއާ ވާހަކަދެއްކީ މެލޭޝިއާއަށް ފުރަން އޮއްވަ އެވެ. އެ ދުވަހު ދެމީހުން ވަރަށް ގިނަ ނަޞޭޙަތް ދިނެވެ. މަންމައަށް ރޮވެން ވެސް ރޮވުނެވެ. މިފަހަރު އޭނާ އެމީހުންގެ ކުރިމައްޗަށް ހާޟިރު އެކުރީ ކީއްވެކަން ލަފާކޮށްލަން ވެސް ނޭނގެއެވެ. އެހެންވިޔަސް ކޮންމެވެސް ކަމެއް ވެއްޖެޔޭ ނޯޔާގެ ހަވަނަ ޚިއްސު ބުންޏެވެ.
އައްޔޫބުގެ ވާހަކަ އަޑު އަހަން ނޯޔާ އިނީ ބުނާނޭ އެއްޗެއް ނޭނގިފައެވެ. އިރުއިރުކޮޅާ މަންމައަށް ބަލާ ލެވެއެވެ. ނަމަވެސް އިސްޖެހި ގޮތަށް މަންމަ އިސްއުފުލާލީ ބައްޕަގެ ވާހަކަ ނިމުނީމައެވެ. އައްޔޫބު ކުރިއަށް ޖެހިލައި ނޯޔާގެ ކަނާއަތްތިލައިގަ ހިފާލިއެވެ. ނޯޔާއަށް ބަސްބުނުގެ އިޚްތިޔާރު ދިނެވެ.
"ބައްޕަގެ ޔަގީންކަމާމެދު ސުވާލެއް ނުކުރާނަން، މަންމައާއި ބައްޕަ ރުހޭ ގޮތެއް އޯކޭ... އެކަމަކު... މަންމައެއްގެ ޒިންމާ އަދާ ކުރެވޭނެ ކަމުގެ ޔަގީންކަމެއް ނެތް، ކުދީން ބަލާނީ ކިހިނެއްކަމެއް ކުޑަކޮށް ވެސް ނުވިސްނޭ." ނޯޔާ އިސްޖަހާލައިގެން އިނދެ ވާހަކަދެއްކިއެވެ.
"ރޫމާ..." އައްޔޫބު ގޮވާލީ ނޯޔާއަށް ވިސްނައިދިނުމުގައި އޭނާއަށް އެއްބާރުލުން ދޭން އެދޭ ފަދައިންނެވެ.
"މާޝާﷲ! މަންމަގެ ނޯޔާއަކީ ވަރަށް ހުސިޔާރު ކުއްޖެއް، ކަންކަން ވަރަށް އަވަހަށް ނަގައިގަނޭ، އަންހެނަކަށް ނޫނީ މަންމައަކަށް ނުވެވޭނެ، އަހަރެމެން އަންހެނުންނަކީ އުފެދުމުގައި ވެސް މައިވަންތަކަމުގެ އިޙްސާސް ލައްވާފައިވާ ބައެއް، ދަރިއަކު ހުރެގެންނެއްނޫން އެ ލޯބި އުފެދެނީ، ސަބިއްތަ ވެސް ހުންނާނެ ނޯޔާއަށް އެހީވާން، މަންމައެކޭ ތަފާތެއް ނުވާނެ، އެކަން މަންމައަށް ޔަގީން." ރޫމާގެ ވާހަކައަށް މަޑުމަޑުން ނޯޔާ ބޯޖަހާލިއެވެ. އެއްވެސް ޔަގީންކަމެއް އޭނާގެ އަމިއްލަ ނަފްސަކަށް ނެތެވެ.
ސަބީނާއަށް އެ ޚަބަރު ދޭން ގަސްދުކުރާކަން އައްޔޫބު ބުންޏެވެ. އެކަމަށް ވެސް ނޯޔާ ބޯޖަހާލީއެވެ. މަންމައާއި ބައްޕަގެ އެ ނިންމުމާމެދު ވިސްނަން އިނދެއެވެ. އިތުރު ވާހަކައެއް ދައްކަން ނެތުމުން ނޯޔާ ނުކުމެގެން އައީ ކޮޓަރިއަށެވެ. އެ މޫނަށް އުދާސްކަން ވެރިވެފައި ހުރި ހާލުގައެވެ.
ފައި ކުރުކޮށްލައިގެން އެނދުގައި ނޯޔާ އިނެވެ. އެނދުމަތިން ކުޝަންއެއް އުނގަށް ލައިގެން އޭގައި ހިފަހައްޓާލައިގެންނެވެ. ފުރަތަމަ ފަހަރަށް އަސްލަންއާ މެދު އޭނާ ވިސްނާލި އެވެ. އެ ދެމީހުންނެކޭ ބީރައްޓެހިންނެކޭ ތަފާތެއް ނެތެވެ. އޭނާ ހުންނަ ގޮތެއް ވެސް ނޯޔާއަށް ސިފައެއް ނުކުރެވުނެވެ. ދެމެދުގައި އުމުރުގެ ފަރަގު ހުންނާނޭކަން ނޯޔާއަށް ގައިމު ވެއެވެ. ދެން އޮތީ އޭނާގެ ތިން ދަރީންނެވެ. މަންމައާއި ބައްޕަ އެކުދީން ކުޑައޭ ބުންޏަސް އެތަނުން ދެ ކުދީން ތިބީ ދުނިޔެމަތީ ވާނުވާ އެނގޭވަރު ވެފައޭ ނޯޔާގެ ހިތް ބުންޏެވެ. އޭނާއަށް އެ ދެބެން އެގޭ ތެރެއިން ފެނިފައި ހުރީމައެވެ.
ސިޓިންރޫމުގައި އައްޔޫބާއި ރޫމާ ތިބީ އެއް ސޯފާގަ އެވެ. އަރިމަތީ ހުރި ސޯފާ ގޮނޑީގައި އިނީ ސަބީނާއެވެ. ރޫމާ ކިޔައިދީފިކަން އައްޔޫބު ހާމަ ކުރުމުން ސަބީނާ ލަދުގަތެވެ. ވަގުތުން އެއީ އެހެން ދެއްކުނު ވާހަކައެއް ނޫންކަން ސަބީނާ ބުނަން ފެށިއެވެ.
"ސަބީ ބޭނުންނަމަ އަހަރެމެންގެ ނޯޔާ ގެންދަންވީ، އެކަމަކު އަސްލަން ވެސް ރުހެންޏާ." އައްޔޫބު ބުންޏެވެ.
"މަޑުކޮށްބަލަ... ހަމަ ރަނގަޅަށްތަ މަށަށް މި އަޑުއިވުނީ، ރޫމާ! ހެޔޮނުވާނެ..." ސަބީނާއަށް ޤަބޫލު ކުރަން ދަތިވި އެވެ.
"ސަބީއަށް އިތުބާރުނުކޮށް ދެން އަހަރެން އިތުބާރުކުރަން ހުރީ ކާކަށް، އަހަރެންގެ ދަރިފުޅު ސަބީ ގެންދަން ބޭނުންވިއިރު، އެކުއްޖާ ހުރިހާ ކަމަކަށް ވެސް ވަރަށް އާވާނެކަން ދަންނަންވާނެ، އަހަރެންގެ ދަރީން ބޮޑެތިވީ ކިހިނެއްކަން ސަބީއަށް އެންމެ ރަނގަޅަށް އެނގޭނީ، އެކުދީންނަކީ ބަދިގެއަށް ވަދެ އުޅުނު ކުދިބައެއް ނޫން، އަސްލަން ޖެހޭނެ ވަރަށް ކެތްތެރި މީހަކަށް ވާން." ރޫމާގެ ޖަޒުބާތުތައް އެ މޫނުން ފާޅުވޭވޭ ހުއްޓެވެ. ލުއި ހިނިތުންވުމަކާއެކު ސަބީނާ ގޮނޑިން ތެދުވި އެވެ. ހަލުވިކޮށް އައިސް ރޫމާގެ ގާތުގައި އިށީނެވެ. އޭނާގެ ދެއަތުގައި ހިފަހައްޓާލިއެވެ.
"ވަޢުދުވަން... ރޫމާ، ކަންބޮޑު ނުވޭ، އަހަރެން ވަޢުދުވަން، އަހަރެންނާ ހަވާލުވާ ހިސާބުން އެވީ އަހަރެންގެ ވެސް އަންހެން ދަރިއަކަށް، ގާތުގައި ދަސްކޮށްދޭން، އެހީވާން... އަހަރެން ހުންނާނަން، ރޫމާ... އަހަރެން... ތި ހެޔޮކަމަށް ޝުކުރިއްޔާއަކުން ނުފުދޭނެ، އެކަމާ އެއްވަރުވާވަރުގެ ލަފުޒެއް އަހަރެންގެ ދުލާ ހަމައަކަށް ނާދޭ، އެކަމަކު ތީ... ތީ ދެދުނިޔޭގެ އެކުވެރިއެއް، އަހަރެންގެ ހެޔޮ ދުޢާ އަބަދުވެސް ރޫމާއާއި ތިޢާއިލާއާއެކުވޭ." ސަބީނާގެ ހިނިތުންވުން ފުޅާވެފައިވާއިރު ރޫމާގެ ދެ ލޮލުން ކަރުނަ ނިރާލައިފަ ވެއެވެ.
"އަހަރެން ހަމަ މިހާރު ގޮސް އަސްލަންއާ ވާހަކަ ދައްކަން ބޭނުން ވަނީ." ކެތްތެރިކަން ކުޑަވެފައި އިންހެން ސަބީނާ ބުންޏެވެ.
"އަވަހަށް ދޭ." އައްޔޫބު ހުއްދަ ދިނެވެ.
* * * * *
"ނޫން... ނުވާނެ ތިކަމެއް." ސަބީނާގެ ވާހަކައަކަށް ވަގުތުން އަސްލަން ދެކޮޅު ހެދި އެވެ.
"ނަސީބު އައިސް އަތުގައި ހިފީމާ ވެސް ފުރަގަސްދެނީތަ؟ ނޯޔާއަކީ އަހަރެމެންނަށް އެނގޭ ކުއްޖެއް، މަންމަ ލޮލުންބޮލުން ރުހޭ ކުއްޖެއް، ރޫމާ ހަމަ ހުރެފަ އެއްބަސްވިއްޔޭ އަސްލަންއަށް ހީވަނީތަ؟ އަހަރެން ދުށީން އޭނާގެ ދެ ލޮލުން ކަރުނަ ހިލިފައި ހުރިތަން، އެކަމަކު އަސްލަންގެ ކުދީންނަށް ޓަކައި، އަހަންނަށް ޓަކައި... އެ ދެމަފިރިން އެއްބަސްވީ."
"ނޯޔާ... ނޯޔާ އެއްބަހެއް ނުވާނެ، އޭނާ މާ ކުޑަވާނެ..." އަސްލަންއަށް ދެފަރާތަށް ބޯ ހޫރާލެވުނެވެ. (ނުނިމޭ)