ވިޔަފާރި

ސްޓެލްކޯ މަޝްރޫއުތަކުގައި މަސައްކަތް ކުރަން ބޮޑު ތަރުހީބެއް

Jan 31, 2021

ސްޓެލްކޯ މަޝްރޫއުތަކުގައި ކޮންޓްރެކްޓް އުސޫލުން މަސައްކަތް ކުރަން ގިނަ އަދަދެއްގެ ދިވެހިން ކުރިމަތިލަމުންދާ ކަމަށް އެ ކުންފުނިން ބުނެފި އެވެ.

ސްޓެލްކޯގެ އޮފިޝަލަކު އަވަސް އަށް މިއަދު ވިދާޅުވި ގޮތުގައި "މިނިވަން މަސައްކަތްތެރިން" ގެ ގޮތުގައި އެ ކުންފުނީގައި މަސައްކަތް ކުރަން އިއުލާނު ކުރުމުން ގިނަ އަދަދެއްގެ ޒުވާނުން ކުރިމަތިލަމުންދާ ކަމަށެވެ. ނަމަވެސް އިތުރު ޒުވާނުން އަދި ވެސް ބޭނުންވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"މިގޮތަށް ކޮންޓްރެކްޓް އުސޫލުން ރަށްރަށުގައި ވެސް ނަގާނެ. އަޅުގަނޑުމެން 35 ރަށުގައި ހިދުމަތްދޭ. މި ރަށްރަށުގައި ހިންގާ ޕްރޮޖެކްޓްތަކުގައި ވެސް އެހީތެރިވާން މި މީހުން ހަރަކާތްތެރިވާނެ. އަޅުގަނޑުމެންގެ މަގުސަދަކީ މިގޮތަށް މަސައްކަތް ކުރާ ދިވެހިންގެ ދަފުތަރެއް އެކުލަވާލުން. އޭރުން ކަރަންޓު ނަރު ވަޅުލުން ފަދަ ކަންކަމުގައި މަސައްކަތް ކުރާނީ މި މީހުން،" އޮފިޝަލް ވިދާޅުވި އެވެ.

ސްޓެލްކޯގެ އިޖުތިމާއީ ޒިންމާގެ ދަށުން ކުރި އަށް ގެންދާ މި މަސައްކަތް ފެށުމުގެ މަގުސަދަކީ މިހާރު ޕްރޮޖެކްޓްތައް އައުޓްސޯސް ކޮށްގެން ބިދޭސީން ލައްވާ ކުރުވުމުގެ ބަދަލުގައި 100 ޕަސެންޓް ދިވެހި ޒުވާނުންނަށް އާމްދަނީއެއް ލިބޭނެ ގޮތް ހެދުމެވެ. މިގޮތަށް ކޮންޓްރެކްޓް ބޭސިސްކޮށް ނަގަނީ 18 އަހަރާ 45 އަހަރާ ދޭތެރޭގެ ފުރައިގެ މީހުންނެވެ. މި ވަޒީފާގެ ހަމައެކަނި ޝަރުތަކީ އަސާސީ ފެންވަރު ހުރުމެވެ. އަދި ކުށުގެ ރެކޯޑް ހުށަހަޅަން ނުޖެހޭއިރު އުޖޫރައިގެ ގޮތުގައި ދޭނީ ދުވާލަކު 425ރ. އެވެ. އަދި ކޮންމެ ދުވަހަކު ކޮއްތު ފައިސާގެ ގޮތުގައި 175 ރުފިޔާ ދޭނެ އެވެ. މި ވަޒީފާ އަށް ނަގާ މީހުންނަށް މުސާރަ ދޭނީ ހަފުތާއަކު އެއް ފަހަރު އެވެ.