ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19 އިގެ މަރުތައް

ކޮވިޑުގައި ރާއްޖޭން މަރުވި މީހުންގެ އަދަދު 52 އަށް

ކޮވިޑް-19 ބަލީގައި އިތުރު ދިވެއްސަކު މަރުވެއްޖެ އެވެ. އެ ބަލީގައި މިރޭ މަރުވެފައިވަނީ އުމުރުން 88 އަހަރު ދިވެހި ފިރިހެނެކެވެ.

މިއީ ކޮވިޑްގައި ރާއްޖެއިން މަރުވި 52 ވަނަ މީހާއެވެ. މި މަހު އެކަނިވެސް ތިން މީހަކު މި ބަލީގައި މަރުވެއްޖެ އެވެ. އެއީ ޖަނަވަރީ ހަތްވަނަ ދުވަހު މި ބަލީގައި މަރުވި 60 އަހަރުގެ ދިވެހި ފިރިހެނަކާއި 21 ވަނަ ދުވަހު މަރުވި 77 އަހަރުގެ ދިވެހި ފިރިހެނަކާއި އޭގެ ފަހުން މަރުވި 86 އަހަރުގެ ދިވެހި ފިރިހެނެކެވެ.

އަހަރު ފެށުނު ފަހުން ކޮވިޑްގެ ބަލި މީހުން ފެންނަ ނިސްބަތް ދަނީ އިތުރުވަމުންނެވެ. އެންމެ ދުވަހެއްވެސް ފަންސާހުން ދަށެއް ނުވެއެވެ. މިދިޔަ ހަފްތާގައި ކޮވިޑް ކޭސްތައް ވަނީ ކޮންމެ ދުވަހަކު 100 އިން މަތީގައެވެ. ބައެއް ދުވަސް ދުވަހު 145 ގައިވެސް ޕޮޒިޓިވް ކޭސްތައް ފެނެއެވެ.

އެޗްޕީއޭއިން މިއަދު ބުނީ މިދިޔަ ހަފްތާގައި ކޭސްތަކުގެ އަދަދު ކޮންމެ ދުވަހަކު 100 އިން މަތީގައި ހުރުމަކީ ނުރައްކަލުގެ އިންޒާރެއް ކަމަަށެވެ. މިގޮތަށް ކޭސްތައް އިތުރުވާނަމަ ސިއްހީ ހިދުމަތްދޭ ތަންތަނަށް ނުކަތާވަރު ވެދާނެ ކަމަށްވެސް ބުންޏެވެ. އަދި އެކަމުގެ ސަބަބުން ކޮވިޑް-19 ނޫން އެހެން ބަލިތަކަށް ފަރުވާ ދިނުމަށްވެސް ބުރޫއަރާނެ ކަމަށެވެ. އެޗްޕީއޭއިން ވަނީ ރައްކާތެރިކަމުގެ ފިޔަވަަޅުތަކަށް އިތުރަށް ސަމާލުވުމަށް އިލްތިމާސް ކޮށްފައެވެ.

ރާއްޖޭގައި ކޮވިޑް ބަލި ޖެހޭ މީހުންގެ ނިސްބަތް އިތުރުވާން ފެށުމުން އެޗްޕީއޭއިން ވަނީ ފިޔަވަަޅުތައް ވަރުގަދަ ކޮށްފައެވެ. ރެއިން ފެށިގެން މާލެ، ހުޅުމާލެ އަދި ވިލިމާލޭގައި ރޭގަނޑު 12 އިން ފެށިގެން ފަތިހު ހަތަރަކަށް އެއްގަމު އުޅަނދުފަހަރު ދުއްވުމާއި މަގުމައްޗާއި އާންމު ތަންތަނަަށް ނިކުމެ އުޅުން މަނާކޮށް ކާފިއު ހިންގަންވެސް ވަނީ ނިންމާފައެވެ. މީގެ އިތުރުން ޕާޓީތަކާއި ހަފްލާތައް އަދި ރަސްމިއްޔާތުތައް ބޭއްވުންވެސް ވަނީ މަނާކޮށްފައެވެ. އެއީ މާލެ، ވިލިމާލެ އަދި ހުޅުމާލޭގައެވެ. ފަތުރުވެރިން ފިޔަވައި ރާއްޖެއިން ބޭރުން އަންނަ މީހުން 10 ދުވަހުގެ މުއްދަތަށް ކަރަންޓީނުކުރުމަށްވެސް ވަނީ ނިންމާފައެވެ.