ކުރިޔަށް އޮތް ދުވަސްތަކުގައި ވެސް އާ ދާއިރާތަކުން ރާއްޖެއަށް އެހީތެރެވެ ދީ ރާއްޖެ ކުރި އަރުވައި ދޭން ޗައިނާއިން މަސައްކަތް ކުރާނެ ކަމަށް ރާއްޖޭގައި ހުންނަވާ ޗައިނާ ސަފީރު ވިދާޅުވެއްޖެ އެވެ.
އަވަސް އޮންލައިންގެ އިނގިރޭސި އެޑިޝަނުގައި ޗައިނާގެ ސަފީރު ޖޭންގް ލީ ޖޮންގް ލިޔުއްވެއްވި އޮޕް-އެޑް މަޒުމޫނެއް މެދުވެރިކޮށް ވިދާޅުވީ ކޮވިޑްގެ ބަލާއާފަތާ ގުޅިގެން ރާއްޖެއަށް ކުރިމަތިވި ގޮންޖެހުންތައް ޗައިނާއަށް ވަރަށް ކައިރިން ބަލައި ތަޖުރިބާ ކުރި ކަމަށެވެ. އަދި އެ ބަލިމަޑުކަމުން އަރައިގަތުމަށް ޗައިނާއިން އެހީތެރިވެ ދީ ރާއްޖޭގެ ޕްރޮޖެކްޓްތައް އަލުން ކުރިޔަށް ގެންދަން މަސައްކަތްތައް ފަށާފައިވާ ކަމަށެވެ.
ރާއްޖެއަށް އެހީތެރި ވެދޭން ޗައިނާއިން ހުށަހަޅާ އާ ދާއިރާތަކުގެ ތެރޭ ތައުލީމާއި ދަނޑުވެރިކަމާއި ކަނޑުގެ ދިރުންތަކުގެ ދާއިރާ ހިމެނޭ އިރު ޒުވާނުންނަށާއި ސަގާފީ ކަންކަމުގައި އެހީތެރިވެދެ ކަމަށް ވެސް ސަފީރުގެ އެ ލިޔުއްވުމުގައި ވިދާޅުވެފައި ވެއެވެ.
ލިޔުއްވުމުގައި ރާއްޖެއާއި ޗައިނާގެ ގުޅުން ސިފަ ކޮށް ދެއްވާ ސަފީރު ވިދާޅުވި ގޮތުގައި ދިވެހި ޗައިނާގެ ގުޅުމަކީ އެހެން ގައުމުތަކަށް މިސާލެކެވެ. ކުދި ގައުމުތަކާ ބޮޑެތި ގައުމުތަކުން ވެސް އެއް ގައުމު އަނެއް ގައުމަށް އެއްް ހަމައަކުން ބަލައި ދެ ގައުމަށް ވެސް ފައިދާ ކުރާނެ ގޮތަށް މަސައްކަތް ކުރަން ޖެހެ އެވެ.
"... ދިވެހި ރާއްޖެ ކޮވިޑުން އަރައިގަތުމަަށް ވެކްސިން ދިނުމުގައި އެއްބާރުލުން ދީ ފަގީރުކަން ނައްތާލަން އެހީވެ ދޭނެ ކަމުގެ ޔަގީންކަން ދެން. އޭގެ އިތުރުން ފުޑް ސެކިއުރިޓީއާއި ސިއްހީ ކަންކަންކަމުގައި ޗައިނާއިން އެއްބާރުލުން ދޭނަން" ސަފީރުގެ އާޓިކަލްގައި ވެއެވެ.
ޗާއިނާ ބެލްޓް އެންޑް ރޯޑް އިނީޝިއޭޓިވްގެ ބިޔަ ބޮޑު މަޝްރޫއުގެ ތެރޭގައި ރާއްޖެ ވެސް ހިމެނެ އެވެ. އޭގެ ތެރެއިން ފަށާފައިވާ ޕްރޮޖެކްޓްތައް ތާވަލާ އެއްގޮތަށް ނިންމަން މަސައްކަތް ކުރަން ޖެހޭ ކަމަށް ސަފީރު ފާހަގަ ކުރައްވާފައި ވެއެވެ.
ސަފީރު ލިޔުއްވާފައިވާ ގޮތުގައި ގައުމުތަކުގެ ދަރަނި މާފު ކުރުމަށް އެކުލަވާލައިފައިވާ "ޖީ 20 ޑެޓް ސާވިސް ސަސްޕެންޝަން އިނީޝިއޭޓިވް" ދަށުން 40 އަށްވުރެ ގައުމުތަކަށް ދަރަންޏަށް މިހާތަަނަށް ވަނީ ލުއި ދީފަ އެވެ. އެ އިނީޝިއޭޓިވަށް އަމަލު ކުރުމަށް ރާއްޖެއާ ޗައިނާ ގުޅިގެން އިތުރަށް މަސައްކަތް ކުރާނެ އެވެ.
ލިޔުމުގައިވާ ގޮތުން ދާދި ފަހުން ނިމިގެން ދިޔަ ވޯލްޑް އިކޮނޮމިކް ފޯރަމް އިވެންޓްގައި ޗައިނާގެ ލީޑަރު ޝީ ޖިން ޕީ ވަނީ ދުނިޔެއަށް ދިމާވެފައިވާ ގޮން ޖެހުންތަކުން އަރައިގަތުމަށް ހަތަރު ކަމެެއް ހުށަހަޅުއްވާފަ އެވެ. އޭގެ ތެރޭގައި ދުނިޔޭގެ އިގްތިސޯދީ ކުރިއެރުން އިތުރަށް ފުޅާކޮށް އެކި ގައުމުތަކާ ދޭތެރޭ ދެކޭ ނުރަނގަޅު ވިސްނުން ބަދަލުކޮށް ދުނިޔޭގެ އުތުރާއި ދެކުނުގެ ތަރައްގީގައި ފަރަގު ކުޑަކޮށް ދުނިޔެއަށް ކުރިމަތިވެފައިވާ އެކި ގޮންޖެހުންތަކުން އަރައިގަންނަން ގުޅިގެން މަސައްކަތް ކުރުން ހިމެނެ އެވެ.
ޗައިނާ ސަފީރު ލިޔުއްވާފައިވާ ގޮތުގައި ރާއްޖެއަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކުން އަރައިގަތުމަށް ވެސް ޝީ ހުށަހެޅުއްވި އެ ކަންކަން ވަރަށް މުހިންމެވެ.