ވިޔަފާރި

ބިދޭސީން ވަޒީފާ އަދާކުރުމާބެހޭ ގަވާއިދު ނެރެފި

Feb 1, 2021
1

ރާއްޖޭގައި މަސައްކަތް ކުރަން އަންނަ ބިދޭސީންގެ އަތުން ނަގާ ފީތައް އިކޮނޮމިކް މިނިސްޓްރީ އަށް ދައްކަން ޖެހޭ ގޮތަށް، ބިދޭސީން ވަޒީފާ އަދާކުރުމާ ބެހޭ ގަވާއިދު ގެޒެޓުކޮށްފި އެވެ.

އިކޮނޮމިކް މިނިސްޓްރީން ގެޒެޓުކޮށްފައިވާ "ބިދޭސީން ވަޒީފާ އަދާކުރުމާބެހޭ ގަވާއިދު" ގައިވާ ގޮތުން ރާއްޖެ އަށް ބިދޭސީން ގެނައުމުގެ ހުއްދަ ދިނުމުގެ ކަންތައްތައް ކުރިއަށް ދާނީ، އެކްސްޕެޓް ސިސްޓަމް މެދުވެރިކޮށެވެ.

ގަވައިދުގައިވާ ގޮތުން ބިދޭސީން ރާއްޖޭގައި ވަޒީފާ އަދާކުރުމަށް ބޭނުންވާ ހުއްދަ ދޭނީ ކޯޓާ ފީގެ ގޮތުގައި އަހަރަކު 2،000ރ. ދެއްކުމުންނެވެ. މި ފައިސާ ދައްކަން ޖެހެނީ އިކޮނޮމިކް މިނިސްޓްރީ އަށް ނުވަތަ މިނިސްޓްރީން ކަނޑައަޅާ ތަނަކަށެވެ.

ވޯކް ޕާމިޓް ފީގެ ގޮތުގައި ކޮންމެ މަހަކު 350ރ. މީހެއްގެ އަތުން ދައްކަން ޖެހޭނެ އެވެ. މި ފައިސާ ވެސް ދައްކަން ޖެހެނީ އިކޮނޮމިކް މިނިސްޓްރީ އަށް ނުވަތަ މިނިސްޓްރީން ކަނޑައަޅާ ތަނަކަށެވެ.

މި ގަވައިދުގައި ބިދޭސީން މަސައްކަތް ކުރުމުގެ ހުއްދަ ނުވަތަ ވާކް ޕާމިޓް ބާތިލް ކުރެވޭނެ ހާލަތް ތަކެއް ކަނޑައަޅާފައިވެ އެވެ.

ރާއްޖޭގައި ގިނަ އަދަދެއްގެ ބިދޭސީން މަސައްކަތް ކުރެ އެވެ. އަދި މީގެތެރޭގައި ގަވައިދާ ހިލާފަށް އުޅޭ ގިނަ ބަޔަކު ވެސް ހިމެނެ އެވެ.