ކުޅިވަރު

ޓޫހުލްގެ ފުރަތަމަ މޮޅު، ލިވަޕޫލް ތިނަކަށް

ބާންލީއާ ދެކޮޅަށް ކުޅުނު މެޗު 2-0 ގެ ނަތީޖާ އަކުން ކާމިޔާބު ހޯދައި، ތޯމަސް ޓޫހުލްގެ ކޯޗް ކަމުގެ ދަށުން ޗެލްސީ ފުރަތަމަ މޮޅު ހޯދައިފި އެވެ.

ޓޫހުލްގެ ކޯޗް ކަމުގެ ދަށުން ޗެލްސީގެ ގޭމަށް ވަނީ ބޮޑު ބަދަލެއް އައިސްފަ އެވެ. ޗެލްސީ އަތުގައި މެޗުގެ ކޮންޓްރޯލް އޮވެ ކްރިއޭޓިވީޓީ ފެނުނެވެ. މައުރީޒީއޯ ސާރީގެ ކޯޗް ކަމަށް ފަހު އުފެއްދުންތެރި ފުޓްބޯޅައެއް ޗެލްސީން ކުޅޭތަން ފެނުނެވެ.

ޓޫހުލްގެ ދައުރުގެ ފުރަތަމަ ގޯލް ކާމިޔާބު ކުރީ ކެޕްޓަން ސެޒާ އަޒްޕްލިކްއޭޓާ އެވެ. ޓޫހުލްގެ ޓީމުން ފެނުނު އަނެއް ބަދަލަކީ، އެޓޭކާއި ކޮމްބިނިނޭޝަންގައި ގޭމްގައި ސާފް އައިޑިއާއެއް އޮތްކަން ހާމަވެގެން ދިއުމެވެ. އަދި ބޯޅަ ގެއްލުމުން ވެސް ޓެކްޓިކަލް ޑިސިޕްލިން ހިފަހައްޓައިގެން ކުޅޭ ގޭމް ވެސް ފާހަގަ ކުރެވެ އެވެ.

ޗެލްސީގެ ދެ ވަނަ ލަނޑު ޖެހި މާކޯސް އޮލޮންސޯ އެވެ. ބާންލީގެ ކޯޗް ސީން ޑައިކް ބުނީ، ޗެލްސީގެ ގޭމް ކުޅުނު ގޮތުން އޭނާގެ ޓީމަށް ވަރަށް ބޮޑަށް އުނދަގޫ ކުރިމަތި ވެގެން ދިޔަ ކަމަށެވެ.

ޓޫހުލް ބުނީ، އޭނާގެ ޓީމުގެ ފަރާތުން ފެނުނީ، ކޮމްޕްލީޓް ޕާފޯމަންސެއް ކަމަށެވެ. "ޑިފެންސިވް އަދި އޮފެންސިންވް ކޮށްވެސް އަހަރެމެން ކުޅުނީ ވަރަށް ރަނގަޅު ގޭމެއް،" ޓޫހުލް ބުންޏެވެ. "އަހަރެމެން ޖެހޭ ބޮޑު ބޯޅަ އާ ދެކޮޅަށް ވަރަށް ރަނގަޅަށް މަސައްކަތް ކުރަން. އަދި ސެކެންޑް ބޯލްއަށް އަށް މަސައްކަތް ކުރަން ޖެހޭ."

ވެސްޓްހަމް އާ ދެކޮޅަށް ކުޅުނު މެޗު 3-1 ކާމިޔާބު ކޮށް ލިވަޕޫލް ވަނީ ތާވަލުގެ ތިން ވަނައަށް ޖެހިލާފަ އެވެ. މުހައްމަދު ސަލާހް ދެ ލަނޑު ކާމިޔާބު ކުރި މެޗަށް ފަހު ލިވަޕޫލްގެ ކޯޗް ޔާގަން ކްލޮޕް ސިފަ ކުރީ ސަލާހް އަކީ "އާދަޔާ ހިލާފް" ކުޅުންތެރިޔެއްގެ ގޮތުގަ އެވެ.

ސަލާހް ލަނޑު ޖަހަން ފެށީ ހަ މެޗުގައި ލަނޑެއް ނުޖެހި ދިއުމަށް ފަހު އެވެ. ރޭ އޭނާ ލަނޑު ކާމިޔާބު ކުރީ ޑިސެމްބަރުގެ ފަހުން ލަނޑެއް ނުޖެހި ހުރުމަށް ފަހު އެވެ. ލިވަޕޫލްގެ އަނެއް ލަނޑު ކާމިޔާބު ކުރީ ޖޯޖީނިއޯ ވައިނަލްޑަން އެވެ. ވެސްޓްހަމްގެ ލަނޑު ކާމިޔާބު ކުރީ ކްރައިގް ޑޯސަން އެވެ.