ކުޅިވަރު

ތިންވަނަ ޑިވިޝަން: ބުރު ސްޕޯޓްސް ތައްޓަށް

އަންނަ އަންގާރަ ދުވަހު ފަށާ، ތިން ވަނަ ޑިވިޝަންގެ ތައްޓަށް އަމާޒު ކޮށް ބުރު ސްޕޯޓްސް ވަރުގަދަ ކޮށްފި އެވެ.

ތިން ވަނަ ޑިވިޝަނަށް އަމާޒުކޮށް ބުރުން ވަނީ ޓީމު ވަރުގަދަ ކޮށްފަ އެވެ. ފުރަތަމަ ޑިވިޝަންގައި ކުރިން ކުޅުނު ފަސް ކުޅުންތެރިޔަކު ވެސް އެ ޓީމުގައި ހިމެނެ އެވެ. އެ ޓީމުގެ ކޯޗް ކަމަށް ހަމަޖައްސާފައި ވަނީ، ކުލަބު އީގަލްސްގެ އެސިސްޓެންޓް ކޯޗް އަހްމަދު ނިމާދު (ނިމާ) އެވެ. ނިމާ އާ އެކު އީގަލްސްގައި ކުރިން މަސައްކަތް ކުރި އިބްރާހިމް މުބީން (މުއްކި) ވެސް ބުރު ޓީމުގައި ހިމެނެ އެވެ.

ގުރީން ސްޓްރީޓްގައި ކުރިން މޮޅަށް ކުޅުނު، ޔޫކްރޭންގެ ފޯވަޑް ސޮބްލް އިލިއާ ވެސް ވަނީ ބުރަށް ގެނެސްފަ އެެވެ. އަދި ޔޫކްރޭންގެ ޑިފެންޑަރެއް ކަމަށްވާ ރޯމަން ކުޑްޗެންކޯ ވެސް ވަނީ ސޮއި ކުރުވާފަ އެވެ.

"އަޅުގަނޑުމެން ޕްލޭން ހެދީ ދެ ވަނަ ޑިވިޝަނާ އެއްކޮށް ތިން ވަނަ ޑިވިޝަންގައި އަމާޒަކީ ތަށި،" ކުލަބުގެ އިސް އޮފިޝަލެއް ކަމަށްވާ އަރުޝަދު އަޝްރަފް ބުންޏެވެ. "ތިން ވަނަ ޑިވިޝަނަށް އޮންނަ ވަސީލަތްތައްވެސް މަދުވާނެ އެހެންނަމަވެސް މުބާރާތަށް އެންމެ ރަނގަޅަށް ތައްޔާރު ވެވޭނެ މިންވަރަށް ކުލަބު ދަނީ ތައްޔާރު ވަމުން"

ތިން ވަނަ ޑިވިޝަންގައި ބުރު ކުޅޭ ފުރަތަމަ މެޗުގައި މި މަހު 12 ވަނަ ދުވަހު އެ ޓީމު ނުކުންނާނީ ލިނިއޭޖް ސްޕޯޓްސް ކުލަބާ ދެކޮޅަށެވެ.