އިންޓަގްރޭޓެޑް ނޭޝަނަލް ޕަބްލިކް ފެރީ ނެޓްވޯކު

ޕަބްލިކް ފެރީގެ ފުރަތަމަ ފިޔަވަހީގެ އެގްރިމެންޓްގައި ސޮއިކޮށްފި

Feb 1, 2021
4

އިންޓަގްރޭޓަޑް ނޭޝަނަލް ޕަބްލިކް ފެރީ ނެޓްވޯކްގެ ފުރަތަމަ ފިޔަވަހި ފެށުމަށް ޕްލޭނިން މިނިސްޓްރީ އާއި އެމްޓީސީސީ ދެމެދު އެއްބަސްވުން ހަދައި ސޮއިކޮށްފި އެވެ.

ޕްލޭނިން މިނިސްޓްރީން އެއްބަސްވުމުގައި މިއަދު ސޮއި ކުރެއްވީ ނޭޝަނަލް ޕްލޭނިން ޑިޕާޓްމަންޓްގެ ޑިރެކްޓަރު ޖެނެރަލް މުހައްމަދު އިމާދެވެ. އެމްޓީސީސީން ޗީފް އޮޕަރޭޝަންސް އޮފިސަރު ޝާހިދު ހުސެއިނެވެ.

މި އެއްބަސްވުމާއެކު ފުރަތަމަ ފިޔަވަހީގައި ހއ. އަތޮޅާއި ހދ. އަތޮޅާއި ށ. އަތޮޅުގައި ޒަމާނީ ފެންވަރުގެ، ހައި ސްޕީޑް ފެރީގެ ހިދުމަތް މި އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭ އަގު ހެޔޮކޮށް ފަށާނެ އެވެ. އެއީ ފުރަތަމަ ފިޔަވައްސެވެ. މި ފިޔަވައްސަކީ 157 މިލިއަން ރުފިޔާގެ ޕްރޮޖެކްޓެކެވެ. އޭގެ ތެރެއިން 52 މިލިއަން ރުފިޔާއަކީ ސަރުކާރުން އިންވެސްޓްކުރާ އަދެވެ.

ނޭޝަނަލް ޕަބްލިކް ފެރީ ނެޓްވޯކަކީ ފަސިންޖަރުންނާއި މުދާ އުފުލާ ފެރީ ހިމެނޭ ގޮތަށް މުޅި ރާއްޖެއަށް ތިން ޒޯނާއި ހަ ރީޖަނަކަށް ގުޅުވައިދޭ ފެރީ ނިޒާމެކެވެ. ހުރިހާ ރަށްތަކެއް ގުޅާލާއިރު އެއް ރީޖަން އަނެއް ރީޖަންއާ ވެސް ގުޅުވާނެ އެވެ. އެއީ އެއީ ކޮމިއުޓް ލިންކާއި ނަން-ކޮމިއުޓް ލިންކާއި ހައިވޭ ލިންކް ހިމެނޭ ގޮތަށެވެ. -- ކޮމިއުޓް ލިންކަކީ އެ ރީޖަންއެއްގައި ހިމެނޭ ރަށްތައް ގުޅުވައިދޭ އާންމުކޮށް ކުރަންޖެހޭ މަސައްކަތް ނުވަތަ ޒަރޫރީ ބޭނުންތަކަށް ކުރާ ކުރު ދަތުރުތަކެވެ. ނަން-ކޮމިއުޓް ލިންކަކީ ދެ ރަށެއްގެ ދެމެދުގައި ކުރާ، ދިގު ދަތުރުތަކަވެ. ހައިވޭ ލިންކަކީ އެއް ރީޖަން އަނެއް ރީޖަން ގުޅޭ ދަތުރުފަތުރުގެ ހަބެވެ.