ކޮލަމްބިއާގެ މީހެއްގެ ކަރުތެރޭގައި ހަތް އިންޗި މަހެއް ތާށިވެއްޖެ އެވެ. މަސް ތާށިވީ މަސް ބާނައިގެން އުޅެނިކޮށް ހިނގި އެކްސިޑެންޓެއްގެ ތެރެއިންނެވެ.
ކޮލަމްބިއާގެ ނޫސްތަކުން ބުނެފައިވާ ގޮތުގައި 24 އަހަރުގެ ޒުވާނާއަކީ ދޮށީގެ މަސްވެރިކަން ކުރާ މީހެކެވެ. އެ ގައުމުގެ މަގްޑަލީނާގެ ޕިވްޖޭ އޭ ކިޔާ ހިސާބެއްގައި އަންނަ ކޯރަކުން މަސް ބާނަން މިދިޔަ ހުކުރު ދުވަހު އެމީހާ ދިޔަ އެވެ. އެމީހާގެ އާއިލާ ކައިބޮއި އުޅެނީ ކޯރުން އެ މީހާ ކޮންމެ ދުވަހަކު ވެސް ބާނާ މަހުންނެވެ.
އެ ދުވަހު އޭނާ ގޮސް ކޯރަށް ދޮށި އެއްލިތާ މާ ގިނައިރެއް ނުވެ މަހެއް ބޭނުނެވެ. މަސް ނައްޓާލާފައި އަނެއްކާ ވެސް ނަނު އެއްލުމާއެކު ދެ ވަނަ މަހެއް ވެސް ހަމަ ވަގުތުން ގަތެވެ. އެ މަސް ބޭނުމަށް އަތުގައި އޮތް މަހަށް ހަދާނެ ގޮތެއް އެމީހާގެ ވިސްނުމަކަށް އެ ވަގުތު ނައެވެ. އޭނާއަށް އެންމެ ރަނގަޅު ގޮތެއް ކަމަށް ހިތަށް އެރީ އަނގައިން މަހުގައި ހިފަހައްޓާފައި ނަނުގައި ޖެހިފައި އޮތް މަސް ބޭނުމެވެ.
ނަމަވެސް މަސް އަނގަޔަށް ލީއިރު އެސޮރު މަރުނުވާތީ ވަރަށް ބާރަށް ތެޅެން ފެށުމުން އެމީހާގެ ކަރު ތެރެއަށް މަސް ވަދެގެން ގޮސް ކަރުތެރޭގައި ތާށިވީ އެވެ.
އެހިސާބުގަނޑުގައި ހުންނަ ސަންޓަންޑާ ހެރޭރާ ހޮސްޕިޓަލަށް އެމީހާ އަމިއްލައަށް ހިނގާފައި ދިޔައީ އެވެ. ނަމަވެސް ހޮސްޕިޓަލުގައި ތިބި ޑޮކްޓަރުން ކައިރީ ވެސް އޭނާއަށް ވެގެން އުޅޭ ގޮތެއް އެމީހާއަކަށް ބުނެއެއް ވެސް ނުދެވުނެވެ. އޭރު އެމީހާއަށް ނޭވާ ނުލެވިގެން ހާސް ވެގެން ތެޅިފޮޅެނީ އެވެ. އަދި އެއްގޮތަކަށް ވެސް ވާހަކައެއް ނުދެއްކެ އެވެ.
ވަގުތުން އެމީހާގެ ކަރުގެ އެކްސްރޭ އެއް ނެގުމުން ކަރުތެރޭގައި މަހެއް ތާށިވެފައި އޮތްކަން ޑޮކްޓަރުންނަށް ޔަގީން ކުރެވުނެވެ. އަދި މަސް ނެގުމުގެ މަސައްކަތް ވަގުތުން ޑޮކްޓަރުން ފެށި އެވެ.
އެމީހާގެ އަނގައިން މަސް ނަގަން ޑޮކްޓަރުން މަސައްކަތްކުރާ މަންޒަރުގެ ވީޑިއޯއެއް މިހާރު ސޯޝަލް މީޑިއާގައި ދަނީ ދައުރުވަމުންނެވެ. މި ވީޑިއޯގައި ފެންނަނީ ޑޮކްޓަރަކު އެއް އަތުން އެމީހާގެ އަނގަ ތަން މިނަށް ހުޅުވާފައި އަނެއް އަތުން މަސް ނަގަން މަސައްކަތްކުރާ ތަނެވެ. އަދި އިރުކޮޅެއްގެ މަސައްކަތުން މަސް ނެގުނުއިރު އޭތި އޮތީ ލެޔާއި ދަވައިން ތަތްތެޅިފަ އެވެ. މަހުގެ ދިގުމިނުގައި 18 ސެންޓިމީޓަރު ހުއްޓެވެ.
މަސްވެރިޔާއަށް ހަފުތާ ބަންދުގައި ހޮސްޕިޓަލުގައި އޮވެ ފަރުވާ ހޯދަން ޖެހުނެވެ. ނަމަވެސް މާ ސީރިއަސް އަނިޔާތަކެއް އޭނާއަށް ނުލިބޭ ކަމަށް ކޮލަމްބިއާގެ ނޫސްތަކުން ވަނީ ބުނެފަ އެވެ.
އެމީހާގެ އަނގައިގެ ތެރެއިން ނެގި މަހަކީ މޮޖޯރާ އާއިލާގެ މަހެކެވެ. އެ މަހަކީ ކޮލަމްބިއާގައި ވަރަށް މަޝްހޫރު މަހެކެވެ.