ލައިފްސްޓައިލް

ފޯނު އެކްސިޑެންޓެއްގައި 12 އަހަރު ކުއްޖަކު މަރު

އަނަސްޓާސިއާ ސޮސްނޮވްސްކާޔާ، 39، އަކީ ރަޝިޔާގެ އާޓް ބްލޮގާ އެއް އަދި ލެކްޗަރާ އެކެވެ. ދާދިފަހުން އަނަސްޓާސިއާގެ 12 އަހަރުގެ ފިރިހެންދަރިފުޅު ވަނީ ވަރަށް ހިތާމަވެރި ހާދިސާއެއްގައި މި ދުނިޔެ ދޫކޮށްފަ އެވެ. އެ ކުއްޖާ މަރުވީ އޭނާ ގެންގުޅުނު އައިފޯން 4 ޗާޖަށް ޖަހާފައި އޮއްވާ ބާތުޓަބް ތެރެއަށް ވެއްޓުމުން ގަޔަށް ކަރަންޓު އައިސްގެންނެވެ.

ދަރިފުޅު މަރުވުމުން ހިތް ހަލާކުވެފައިވާ މަންމަ ބުނި ގޮތުގައި އޭނާގެ ދަރިފުޅަށް ދިމާވި މައްސަލަ ސޯޝަލް މީޑިއާގައި ޝެއާ ކުރަން ނިންމީ އޭނާ ފަދަ އެހެން މަންމައިންނަށް މިކަމުގައި ސަމާލުކަން ދޭން އިންޒާރު ދިނުމުގެ ގޮތުންނެވެ.

ބާތުޓަބްގައި އޮންނަ ވަގުތު ފޯނު ބޭނުން ނުކުރުމަށާއި ޚާއްސަކޮށް އެފަދަ ތަންތަނުގައި ފޯނު ޗާޖަށް ޖަހައިގެން ބޭނުން ނުކުރުމަށް މައިންބަފައިން ވެސް ދަރިންނަށް ވިސްނައިދިނުމަށް އެނަސްޓާސިއާ އެދިފައި ވެއެވެ.

"އަހަރެމެންގެ 12 އަހަރުގެ ދަރިފުޅު އަހަރެމެންނަށް ގެއްލިއްޖެ. އެއީ ސިއްހަތު ސަލާމަތުން ހުރި އުފާވެރި މިޒާޖެއްގެ ކުއްޖެއް. އޭނާ މުސްތަގްބަލަށްޓަކައި ވަރަށް ފޮނި ހުވަފެންތަކެއް ދުއް،" އެންސްޓާސިއާ ބުނެފައި ވެއެވެ.

ދަރިފުޅު ބާޓުޓަބް ތެރޭގައި ހަރަކާތެއް ނެތި އޮއްވާ ފެނުމުން އެނަސްޓާސިއާ އަކަށް ފުރަތަމައިނުން ވެގެން އުޅޭ ގޮތެއް ނުވެސް އެނގުނެވެ. އޭނާ ނަގައިގެން ނޭވާ ލާތާ 40 ވަރަކަށް މިނިޓް މަސައްކަތް ކުރި ކަމަށް އެ ކުއްޖާގެ މަންމަ ބުންޏެވެ.

ކުއްޖާ މަރުވި ސަބަބު އެނގުނީ އޭނާ މަރުވިތާ ދެ ހަފުތާ ފަހުން އެމީހުންނަށް ލިބުނު ފޮރެންސިކް އެނަލައިސިސް އިންނެވެ.

ބާތުރޫމްގައި ފޯނު ޗާޖަށް ޖަހައިގެން އޭނާ އުޅެނިކޮށް ކަރަންޓު ޝޮކެއް ލިބިގެން އޭނާ މަރުވެފައިވަނީ. ޗާޖަށް ޖަހާފައި ބާތުޓަބް މަތީގައި ބާއްވައިގެން އުޅެނިކޮށް އެ ޓަބް ތެރެއަށް ވެއްޓުނީކަމަށް ޑިޓެކްޓިވުން ބުނެފައިވަނީ. ފޯނުން ފެންގަނޑަށް ކަރަންޓު އައުމާއެކު ކުއްޖާ ވަނީ ފޯނު ނަގާ ބޭރަށް އެއްލާލާފައި. ނަމަވެސް ކަރަންޓުގައި ޖެހިގެން އެ ވަގުތު ކުއްޖާ މަރުވީ،" ފޮރެންސިކް ރިޕޯޓާ ހަވާލާ ދީ ކުއްޖާގެ މަންމަ ބުންޏެވެ.

އަނަސްޓާސިއާ ބުނި ގޮތުގައި އޭނާގެ ދަރިފުޅަށް ވީ ގޮތް އެހެން އެއްވެސް މީހެއްގެ ދަރިއަކަށް ވާކަށް އޭނާ ނޭދެ އެވެ. އެހެންވެ ފާޚާނާއަށް ވަންނައިރު ފޯނު ނުގެންދަން ހުރިހާ ކުދިންނަށް ވެސް މައިންބަފައިން އިރުޝާދުދިނުމަށް އޭނާ އެދުނެވެ.

އެނަސްޓާސިއާގެ ކުޑަ އަންހެންކުއްޖެއް ވެސް ހުރެ އެވެ. އޭނާ ބުނީ އޭނާ އަށާއި އޭނާގެ އަންހެންދަރިފުޅަށް ފުލުހުން ވަނީ އެ ގޮތަށް ފާޚާނާގައި ފޯނު ޗާޖްކުރުމުގެ ތެރޭގައި ހިނގި ތަފާތު އެކްސިޑެންޓްތަކުގައި މަރުވި އެތައް ބައިވަރު މީހުންނެއްގެ ފޮޓޯތައް ދައްކާފަ އެވެ.

"ވަރަށް ގިނަ މީހުން އެފަދަ އެކްސިޑެންޓްތަކުގައި މަރުވެފައިވޭ. ވީމާ އޭގެ ނުރައްކާ ކުޑަކަމަށް ހިތާ ފަރުވާ ކުޑަ ނުކުރޭ،" އަނަސްޓާސިއާ ބުންޏެވެ.

ފާޚާނާ ތެރޭގައި ކަރަންޓަށް ޖަހައިގެން އެކި ކަހަލަ ޑިވައިސް ބޭނުންކުރުމުގެ ތެރޭގައި ފެނުގެ އަސަރު އެ އެއްޗިއްސަށް ކޮށްގެން އިލެކްޓްރިކް ޝޮކް ލިބި މަރުވާ މީހުންގެ އަދަދު ރަޝިޔާގައި ފާހަގަކޮށްލެވޭ ވަރަށް ގިނަ ކަމަށް އެ ގައުމުގެ ފުލުހުން ވެސް ބުނެފައި ވެއެވެ. ޚާއްސަކޮށް ފޯނު ޗާޖަށް ޖަހައިގެން ފާޚާނާ ތެރޭގައި އުޅެނިކޮށް ދިމާވާ އެކްސިޑެންޓުތަކުގައި ވަރަށް ގިނަ މީހުން މަރުވެފައި ވެއެވެ.