އާމިރު ހާން އޭނާގެ މޮބައިލް ފޯނު ނިއްވާލާ އެއްގޮތަކަށް ވެސް އެ ބޭނުން ނުކުރަން މިހާރު ވަނީ ނިންމާފަ އެވެ. ސަބަބަކީ ފޯނަށް ދެވި ހިފައިގެން މަސައްކަތަށާއި ޒާތީ ދިރިއުޅުމަށް އޭގެ ނޭދެވޭ އަސަރު ކުރާ ކަމަށް ގަބޫލު ކުރެވޭތީ އެވެ.
"ކޮމިއުނިކޭޝަން ޑިޓޮކްސް" ނުވަތަ މުވާސަލާތީ ވިހަތައް މުޅިން ބޭރުކޮށްލުމުގެ ގޮތުން ކަމަށް އާމިރު މިކަން ސިފަ ކުރެ އެވެ. އާމިރުގެ ތަރުޖަމާނު ބުނި ގޮތުގައި "ލާލް ސިންގް ޗައްޑާ" ގެ ޝޫޓިންގް އިން އާމިރު މިހާރު ވަނީ ބްރޭކެއް ނަގާފަ އެވެ. އެއީ އެއީ އޭނާގެ އެކުވެރިޔާ އަމީން ހާޖީ ޑައިރެކްޓަރެއްގެ ގޮތުގައި އަލަށް މަސައްކަތްކުރާ ފިލްމު "ކޮއި ޖާނޭ ނާ" ގައި މެހެމާނެއްގެ ރޯލު ކުޅެދިނުމަށެވެ.
ޖައިޕޫރުގައި އޮތް މި ފިލްމުގެ ޝޫޓިންގް ނިންމާފައި އާމިރު މުމްބާއިއަށް އެނބުރި އައިސް ވަރަށް އަވަހަށް "ލާލް ސިންގް ޗައްޑާ" ގެ މަސައްކަތް އަލުން ފަށަން ވަނީ ހަމަޖެހިފަ އެވެ. އަދަވައިތު ޗަންދަން ޑައިރެކްޓްކުރާ މި ފިލްމުގެ ޝޫޓިން ނިންމާލުމަށް ފަހު ޑައިރެކްޓަރަކާއެކު ފިލްމުގެ ޕޯސްޓް ޕްރޮޑަކްޝަން މަސައްކަތުގައި ވެސް އާމިރު ބައިވެރި ވާނެ އެވެ. މިހާރު މަސައްކަތް ކުރަމުން ދަނީ މިއަހަރުގެ ޑިސެމްބަރު ފަހުކޮޅު ފިލްމު ރިލީޒްކުރެވޭތޯ އެވެ.
އެހެންވެ މަސައްކަތްތައް ބަރާބަރަށް ކުރިޔަށް ގެންދިއުމަށްޓަކައި ފޯނުގައި އެއްގޮތަކަށް ވެސް އަތް ނުލަން އާމިރު ނިންމީ އެވެ. އެގޮތުން މިދިޔަ ހޯމަ ދުވަހުން ފެށިގެން އާމިރުގެ ފޯނު އޮތީ ނިވާލާފަ އެވެ. އަދި "ލާލް ސިންގް ޗައްޑާ"ގެ މަސައްކަތް ނިންމާފައި ނޫނީ އަލުން ފޯނު ނުހުޅުވާނެ ކަމަށް އޭނާ ބުނެފައި ވެއެވެ.
"އާމިރަށް ހީވަނީ އޭނާ ފޯނަށް މާބޮޑަށް ދެވިހިފާފައިވާހެން. އެކަމުގެ ސަބަބުން އޭނާގެ ޕްރޮފެޝަނަލް އަދި ޒާތީ ދިރިއުޅުމަށް ނޭދެވޭ އަސަރުކުރާ ކަމަށް ވެސް އާމިރު ގަބޫލު ކުރޭ. އެހެންވެ މޯބައިލް ފޯނު އީޖާދު ނުކުރާ ޒަމާނުގައި މީހުން އުޅުނު ގޮތަށް އުޅެން އާމިރު ނިންމީ،" ތަރުޖަމާނު ބުންޏެވެ.
ފިލްމީ ރޮނގުން އާމިރު ކުރާ މަސައްކަތްތަކާ ގުޅޭ ގޮތުން އޭނާ އާ ގުޅަން ބޭނުން މީހުންނަށް މެނޭޖަރާ ގުޅައިގެން ކުރިޔަށް ގެންދިއުމަށް އާމިރު ވަނީ އަންގާފަ އެވެ. އަދި އޭނާގެ ސޯޝަލް މީޑިއާ އެކައުންޓްތައް މިހާޜު ބަލަހައްޓަނީ އޭނާގެ ޓީމުންނެވެ. "ލާލް ސިންގް ޗައްޑާ" ރިލީޒް ވަންދެން މިގޮތުގައި އާމިރު ދެމި ހުންނާނެ އެވެ.