ބާސެލޯނާ

މެސީގެ ކޮންޓްރެކްޓް ލީކުކޮށްލި މައްސަލަ ބަލަނީ

އެފްސީ ބާސެލޯނާގެ ކެޕްޓަން ލިއޮނެލް މެސީގެ އަގުބޮޑު ކޮންޓްރެކްޓް ލީކް ކޮށްލި މައްސަލަ ބަލާނެ ކަމަށް ބާސާގެ ވަގުތީ ބޯޑުން ބުނެފި އެވެ.

ސްޕެއިންގެ ދުވަހު ނޫސް "އެލް މުންޑޯ" އިން މެސީގެ ކޮންޓްރެކްޓް ލީކް ކޮށްލީ މިދިޔަ އާދިއްތަ ދުވަހު އެވެ. އެ ނޫހުން ޝާއިއު ކުރި ރިޕޯޓްގައި ބުނެފައި ވަނީ ބާސެލޯނާގެ ކޮންޓްރެކްޓް 2017 ވަނަ އަހަރު މެސީ އާ ކުރީ އޭނާ އަށް ޖުމުލަ 555 މިލިއަން ޔޫރޯ ދޭން ކުލަބުން ހުށަހެޅުމުން ކަމަށެވެ. އެ ކޮންޓްރެކްޓްގެ ދަށުން މެސީ ވެގެންދާނީ އެންމެ ބޮޑު މުސާރަ ލިބޭ އެތުލީޓަށެވެ.

އީއެސްޕީއެން އިން ބުނީ، އެލް މުންޑޯ އާ ދެކޮޅަށް ގާނޫނީ ގޮތުން އެޅޭނެ ފިޔަވަޅެއް އޮތްތޯ ބެލުމަށް މެސީގެ ގާނޫނީ ޓީމުން މަސައްކަތް ކުރާ ކަމަށެވެ. މެސީގެ ކޮންޓްރެކްޓް ލީކް ކޮށްލި ކަމުގެ ތުހުމަތު ބާސާގެ ކުރީގެ ރައީސް ޖޯސެފް މާރިއާ ބާޓޮމެއުގެ މައްޗަށްވެސް ކުރެވުނެވެ. މެސީ ލައްވައި ހަތަރު އަހަރުގެ އެ ކޮންޓްރެކްޓްގައި ސޮއި ކުރުވީ ބާޓޮމެއު އެވެ.

ނަމަވެސް ބާޓޮމެއު ވަނީ އެ ތުހުމަތުތައް ދޮގު ކޮށްފަ އެވެ. އޭނާ ވިދާޅުވީ މެސީގެ ކޮންޓްރެކްޓާ ބެހޭގޮތުން އޭނާ އާ ގުޅުވައި ދައްކާ ވާހަކަ އަކީ ކަނޑައެޅިގެން ދޮގެއް ކަމަށެވެ.

"ތުހުމަތުތައް ކުރަން ފަސޭހަ ވާނެ. އެހެންނަމަވެސް މިއީ ޖޯކެއް ނޫން މިމައްސަލަ ހިފައިގެން ކޯޓަށް ދާން ޖެހޭ،" ސްޕެއިންގެ ޓީވީ ތިނަކަށް ދިން އިންޓަވިއުގައި ބާޓޮމެއު ވިދާޅުވެފައި ވެއެވެ. "މެސީއަށް ލިބޭ އެއްޗަކީ އޭނާ އަށް ހައްގުވާ އެއްޗެއް އެއީ ސްޕޯޓިންގެ ގޮތުންނާއި ކޮމާޝަލީވެސް މެސީއަށް ހައްގުވާ މިންވަރެއް. ކޮވިޑްގެ ބާލާ އާފްތް ކުރިމަތި ނުވިނމަ އެ މުސާރަ ދޭން ބާސާއަކަށް އުނދަގުލެއް ނުވާނެ."