މަގު ހެދުން

"މަގުތައް ނިމުމުން ދެން މަގު ކޮންނާކަށް ނުޖެހޭނެ"

މާލޭގެ މަގުތައް ހެދުމުގެ މަޝްރޫއުގައި މިހާރު ހަދާ މަގުތައް އަލުން ކޮންނަން ނުޖެހޭނެ ކަމަށް ރޯޑް ޑެވެލޮޕްމެންޓް ކޯޕަރޭޝަން (އާރްޑީސީ) އިން ބުނެފި އެވެ.

މި ވާހަކަ ބުނަން މިއަދު އާރްޑީސީން ކުރީ ޓްވީޓެކެވެ. އެ ޓްވީޓް މެދުވެރިކޮށް ކުރުކުރުކޮށް ބުނީ މާލޭގެ މަގުތައް މިހާރު ހަދަމުން ދަނީ ޒަމާނީ ފެންވަރަށް ކަމަށެވެ. އަދި ބުނީ މާލޭގެ މަގުތައް ހަދާ ނިމޭއިރު މަގުތައް އަލުން ކޮންނަން ނުޖެހޭނެ ކަމަށާއި މަގުން ހިނގާ މީހުންނަށް ހިނގާނެ ޖާގަ އޮންނާނެހެން ޕޭވްމަންޓްތައް ވެސް ބޮޑުކޮށްފައި ހުންނާނެ ކަމަށެވެ.

އާރްޑީސީން މި ވާހަކަ ޓްވިޓާގައި އާކޮށްލި ނަމަވެސް މީގެ ކުރިން ވެސް ވަނީ މި ވާހަކަ ބުނެފަ އެވެ. ވެރިރަށުގެ މަގުތައް ހެދުމުގެ މަޝްރޫއެއް "މާލޭ ސިޓީ ސްޓްރީޓްސްކޭޕިން" ނަމުގައި ފަށާފައި ވަނީ ފެބުރުއަރީ 17، 2020 ގަ އެވެ. ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ފައްޓަވައި ދެއްވި އެ މަޝްރޫއަށް މި މަހުގެ 17 ވަނަ ދުވަހަށް އެއް އަހަރު ވާނެ އެވެ.

މުޅި މަޝްރޫއުގައި 462 މިލިއަން ރުފިޔާ ހޭދަ ކުރާ ގޮތަށް މަސައްކަތް މާފަންނު ކަނބާއައިސާރަނި މަގާ ހަމައިންނެވެ. އެ މަގު މިހާރު ވަނީ ނިންމާފަ އެވެ. ފުރަތަމަ ފޭހުގައި މާލޭގެ އަށް މަގެއް ހަދާނެ އެވެ.

އާރްޑީސީން މިއަދު ކުރި ޓްވީޓް

މަޝްރޫއު ފެށި ދުވަހު އާރްޑީސީގެ މެނޭޖިން ޑިރެކްޓަރު މޫސާ އަލީ މަނިކު (މޫކޭ) ވިދާޅުވެފައި ވަނީ އަލަށް މާލޭގައި ހަދާ މަގުތައް ނިމޭއިރު ކަރަންޓާއި ފެނާއި ނަރުދަމާ، ޑީވޯޓަރިން އާއި އެހެނިހެން ހިދުމަތްތަކަށް ބޭނުންކުރާ ކޭބަލްތައް، މަގު ނުކޮނެ ފަސޭހައިން ގުޅާލެވޭނެ ގޮތްގޮތަށް ފަރުމާކުރާނެ ކަމަށެވެ. އަދި މިހާރު ހުރި ހޮޅިތަކުގެ އިތުރުން ފަޔާ ހައިޑްރާންޓް ހޮޅިއާއި ގޭސްހޮޅި ހިމެނޭނެ ކަމަށާއި މަ ހަދާ ނިމުމުން އިތުރަށް މަގު ކޮންނަން ނުޖެހޭނެ ކަމަށެވެ.

ޕްރޮޖެކްޓްގައި ހަތަރު ބާވަތެއްގެ މަގު ހަދާނެ

  • އާޓީރިއަލް ރޯޑްސް
  • ސިޓީ ރޯޑްސް
  • ސެކަންޑްރީ ރޯޑްސް
  • ނެއިބާހުޑް ޕެޑެސްޓްރިއަން ރޯޑް

މާލޭގެ މި މަޝްރޫއުގައި މަގުތަކުގެ ޕާކިންއަށް ފުރިހަމަ ނިޒާމެއް ގެންނާނެ އެވެ. އަދި މުދާ އަރުވާ ބާލަން މަގުތައް ބޭނުން ކުރުމުގެ ޒަމާނީ އުސޫލެއް ކަނޑައަޅައި އެކަން ތަންފީޒު ކުރަން ފަށާނެ އެވެ.