ފާއިތުވި ހަފްތާއެއްހާ ދުވަހުގެ ތެރޭގައި، ހާއްސަކޮށް މާލެ ސަރަހައްދުގައި ކޮވިޑް-19 ޖެހޭ މީހުންގެ އަދަދު އިންތިހާއަށް އިތުރުވެފައިވާތީ، ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށް ރައްކާތެރިކަމުގެ ފިޔަވަޅުތައް ކުރިއަށް އޮތް ދެ ހަފްތާއަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން އަނެއްކާވެސް ހަރުކަށިކޮށްފި އެވެ.
މި ފަހުން ދުވާލަކު ބަލި ޖެހޭ މީހުން އަދަދު ސަތޭކައަށް ވުރެ މަތީގައި ހުރުމަށްފަހު، އިއްޔެ ވަނީ ރެކޯޑް އަދަދަކަށް މީހުން ޕޮޒިޓިވްވެފަ އެވެ. މިގޮތުން، އިއްޔެ 215 މީހުން އެ ބައްޔަށް ޕޮޒިޓިވްވެފައިވާއިރު، މިއީ މިދިއަ އޯގަސްޓް މަހުގެ ފަހުން، އެއް ދުވަހުގެ އަދަދު ދުއިސައްތަ ހުރަސްކުރި ފުރަތަމަ ފަހަރެވެ.
ބަލި ޖެހޭ މީހުންގެ ނިސްބަތް އިތުރުވާން ފެށުމުން އެޗްޕީއޭއިން ފިޔަވަަޅުތައް ވަރުގަދަ ކޮށް، މާލެ، ހުޅުމާލެ އަދި ވިލިމާލޭގައި ރޭގަނޑު 12 އިން ފެށިގެން ފަތިހު ހަތަރަކަށް އެއްގަމު އުޅަނދުފަހަރު ދުއްވުމާއި މަގުމައްޗާއި އާންމު ތަންތަނަަށް ނިކުމެ އުޅުން ވަނީ މަނާކޮށްފަ އެވެ.
ނަމަވެސް، އެ ފިޔަވަޅު އިތުރަށް ހަރުކަށިކޮށް، އެޗްޕީއޭ އިން މިއަދު ވަނީ މާލެ ސަރަހައްދުގައި އެއްގަމު އުޅަނދުފަހަރު ދުއްވުން ރޭގަނޑު 8.30 އިން ފެށިގެން ފަތިހު 4.30 އަށް މަނާކޮށްފަ އެވެ.
އަދި ރޭގަނޑު 11:00 އިން ފެށިގެން ފަތިހު 4:30 އަށް ކުރިއަށް އޮތް ދެ ހަފްތާއަށް ކާފިއު އިއުލާނުކުރަން ނިންމައިފަ އެވެ.
ކަސްރަތު ކުރާ މީހުންނާއި އުމުރުން ދުވަސް މީހުންނަށް ފިޔަވައި، ޕާކުތައްވެސް ވަގުތީ ގޮތުން ބަންދުކުރަން އަންގާފައިވާއިރު، ގިނަ ބަޔަކު އެއްވެގެން ކުރިއަށް ގެންދާ ކުޅިވަރު ހަރަކާތްތަކާއި ޓީމު ކުޅިވަރުތައް ވެސް މިހާރު ވަނީ މަނާކޮށްފަ އެވެ.
މީގެ އިތުރުން، ކުރު މުއްދަތަކަށް ޒަރޫރީ ބޭނުމެއްގައި އަތޮޅު ތެރެއަށް ދަތުރުކުރާ ފަރާތްތަކަށް ކޮވިޑް-19 އިގެ ނެގެޓިވް ޕީސީއާރު ނަތީޖާއެއް ބޭނުންވާނެކަމަށް އެޗްޕީއޭއިން އުސޫލަށް ގެނައި ބަދަލުގައި ބުންޏެވެ.
އަދި ނާސަރީ އާއި ޕްރީ-ސްކޫލް ހިދުމަތްދޭ ތަންތަން ބަންދުކުރުމުގެ އިތުރުން ޔުނިވާސިޓީތަކާއި ކޮލެޖުތައް އޮންލައިންކޮށް ކިޔަވައި ދިނުމަށް ވަނީ އަންގައިފަ އެވެ.
މިހާރުވެސް ޕާޓީތަކާއި ހަފްލާތައް އަދި ރަސްމިއްޔާތުތައް ބޭއްވުންވެސް މަނާކޮށްފައިވާއިރު، ފަތުރުވެރިން ފިޔަވައި ރާއްޖެއިން ބޭރުން އަންނަ މީހުން 10 ދުވަހުގެ މުއްދަތަށް ކަރަންޓީނުކުރުމަށްވެސް ވަނީ ނިންމާފައެވެ.
ކޮވިޑް-19 ޖެހޭ މީހުންގެ އަދަދު އިތުރުވެފައިވާއިރު، އިއްޔެ އިން ފެށިގެން އެ ބަލީގެ ވެކްސިން ޖެހުމުގެ ޕްރޮގްރާމް ވަނީ ފަށައިފަ އެވެ.
މިގޮތުން، އިއްޔެ އެކަނިވެސް 280 އަށް ވުރެ ގިނަ މީހުންނަށް ވެކްސިން ދީފައިވާއިރު، މާލޭގެ އިތުރުން އަތޮޅު ތެރޭގައި ވެސް އެ ޕްރޮގްރާމް ކުރިއަށް ގެންދެ އެވެ.
ވެކްސިން ޕްރޮގްރާމް ފެށި ނަމަވެސް، ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް ފަރުވާކުޑަނުކުރުމަށް ސިއްހީ މާހިރުން ގެންދަވަނީ ތަކުރާރުކޮށް އިލްތިމާސް ކުރައްވަމުންނެވެ.