އީޕީއޭ

ހަނިފަރު ސަރަހައްދަށް ވަން ޔޮޓެއް ޖޫރިމަނާ ކޮށްފި

ބ. އަތޮޅުގައި ހިމާޔަތް ކޮށްފައިވާ އެ އަތޮޅު ހަނިފަރު ހިމެނޭ ސަރަހައްދަށް ގަވައިދާ ހިލާފަށް ވަން ޔޮޓެއްގެ އޭޖެންޓް ޖޫރިމަނާ ކޮށްފި އެވެ.

އެންވަޔަރަމަންޓަލް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ) އިން ބުނީ މިދިޔަ މަހު ހަތަރު ވަނަ ދުވަހު ޔޮޓެއް ހަނިފަރު ސަރަހައްދަށް ވަތން ކަމަށެވެ. އެ ސަރަހައްދަށް ވަދެފައި ވަނީ "ވިޓާލިއާ 2 ލަންޑަން" އެވެ. އެ ޔޮޓްގެ ޝިޕިން އޭޖެންޓަކީ އޭޝިއާ ޕެސިފިކް ސްޕަ ޔޮޓްސް ޕްރައިވެޓް ލިމިޓެޑެވެ.

އީޕީއޭއިން ބުނީ ޔޮޓް ހަނިފަރަށް ވަނުމުގެ އިތުރުން އޭގައި ތިބި މީހުން އެ ސަރަޙައްދަށް ފައިބައި ކައިޓް ސާފްކޮށް ހަނިފަރަށް އަރައި އެހެން ހަރަކާތްތަކެއް ހިންގައިފައިވާ ކަމަށެވެ. އަދި ހަނިފަރު ރައްކާތެރިކަމުގެ ގަވައިދާ އެ ފަރާތް ހިލާފުވެފައި ވާތީ އެ ޔޮޓްގެ ޝިޕިން އޭޖެންޓް، 6000 ރ. ޖޫރިމަނާ ކޮށްފައިވާ ކަމަށެވެ.

ޖޫރިމަނާ ފައިސާ އިއްޔެއިން ފެށިގެން މަސް ދުވަހުގެ ތެރޭގައި ދައްކަން ވެސް އެޖެންޓަށް އީޕީއޭއިން ވަނީ އަންގާފަ އެވެ.