ހަބަރު

ޔޫމެޓް ކޮންސްޓްރަކްޝަންގެ އޮފީހުން ވައްކަން ކުރި ދެ މީހުން ޖަލަށްލާން ހުކުމްކޮށްފި

Jan 12, 2015

ޔޫމެޓް ކޮންސްޓްރަކްޝަންގެ އޮފީހުން ވައްކަން ކުރި ދެ މީހުންގެ ޖަލަށްލުމަށް ކްރިމިނަލް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.

އޮގަސްޓް، 2013 ގައި ޔޫމެޓް ކޮންސްޓްރަކްޝަންގެ އޮފީހަށް ވަދެ އެތަނުން ވައްކަން ކުރި މައްސަލައިގައި ޖަލު ހުކުމެއް އައީ ސ. ފޭދޫ ނަލަރީތިގޭ މުހައްމަދު އައިމަނާއި ސ. ހުޅުދޫ ރައިހާނުގޭ ޝިމްތާން އަލީގެ މައްޗަށެވެ. އޭގެ ތެރެއިން އައިމަންގެ މައްޗަށް ހަ އަހަރާއި ތިން މަސް ދުވަހުގެ ޖަލު ހުކުމެއް އިއްވިއިރު ޝިމްތާންގެ މައްޗަށް އިއްވީ ތިން އަހަރާއި ނުވަ މަސް ދުވަހުގެ ޖަލު ހުކުމެކެވެ.

އެ ދެ މީހުންނަށް އައި އަދަބު ތަފާތުވީ އޭގެ ތެރެއިން އައިމަނަކީ ކުރިން ވެސް ވައްކަމުގެ ކުށް ސާބިތުވެފައި ހުރި މީހަކަށްވެފައި ޝިމްތާންގެ މައްޗަށް އެފަދަ ކުށެއް ކުރިން ސާބިތުވެފައި ނެތުމުންނެވެ.

އެ ދެ މީހުން އެ އޮފީހަށް ވަދެ ނަގާފައިވަނީ 18،000ރ. ގެ އަގުހުރި ލެޕްޓޮޕަކާއި 3،500ރ. ގެ އަގުހުރި ހަތް ކަރަންޓް ނަރު ރޯލެވެ. އެ އޮފީހުން ވައްކަން ކުރުމުގެ އިތުރުން އެ އޮފީހުގައި އަލިފާން ރޯކުރި ކަމަށް ބުނެ އައިމަންގެ މައްޗަށް ދައުލަތުން ވަނީ ޓެރަރިޒަމްގެ ދައުވާއެއް ވެސް ކޯޓުގައި އުފުލައިފަ އެވެ. އެ ކުށް ސާބިތުވެއްޖެ ނަމަ 10 އަހަރާއި 15 އަހަރާ ދެމެދުގެ ޖަލު ހުކުމެއް ނުވަތަ އަރުވާލުމުގެ ހުކުމެއް އައިމަންގެ މައްޗަށް އަންނާނެ އެވެ.