ފިނިޕޭޖް

ޖޯކާގެ ފުލް ކޮސްޓިއުމްގައި ޖޭރެޑް ލެޓޯ ފެނިލައިފި

ޑީސީ ކޮމިކްސް އިން އަންނަ އަހަރަށް ތައްޔާރުކުރަމުން އަންނަ ފިލްމު "ސުއިސައިޑް ސްކޮޑް" އަކީ އެއްގޮތަށް ވުރެ ގިން ގޮތްގޮތުން ފާހަގަކޮށްލެވޭ ފިލްމެކެވެ. އެހެން ނަމަވެސް މި ފިލްމުގެ އެންމެ ހާއްސަ ސިފައަކީ މި ފިލްމުން ޖޯކާ އަލުން ބޮޑު ސްކްރީނަށް ގެނެސްދޭތީ އެވެ.

ޑީސީ ކޮމިކްސްގެ ސުޕަވިލަންތަކަށް ބަލާއިރު އެންމެ ގިނަ ބައެއްގެ ލޯބި ހޯދާފައިވާ ވިލަން އަކީ ޔަގީނަށް ވެސް ޖޯކާ އެވެ. ވަކިން ހާއްސަކޮށް "ދަ ޑާކް ނައިޓް" ގައި އެކްޓަރު ހީތު ލެޖާ، ޖޯކާގެ ރޯލު ތަމްސީލުކޮށްދިން ގަދަފަދަކަމުން މި ކެރެކްޓާއެއްގެ މަގްބޫލުކަން އޮތީ ބޮޑު ސްކްރީނުގައި ކުރިއަށް ވުރެ ބޮޑުވެފަ އެވެ.

އަނެއްކޮޅުން ޖޯކާގެ ގޮތުގައި ހީތު ލެޖާ އަލުން ނުފެނި އޭނާ މަރުވެ ދިއުމަކީ ވެސް ޖޯކާ އަލުން ބޮޑު ސްކްރީނުން ބަލައިލުމަށް ގިނަ ބަޔަކު ކެތްމަދުވެފައި ތިބި ސަބަބެކެވެ.

މިހެން ތިއްބައި ޖޯކާގެ ރޯލުން ދެން ފެނިގެންދާނީ ޖޭރެޓް ލެޓޯކަން އިއުލާނުކުރުން ވެސް ވެގެން ދިޔައީ ގިނަ ބައެއްގެ ޝައުގުވެރިކަމާ ކުޅެލި ކަމަކަށެވެ. އެއް ބަޔަކު ފާޑު ވެސް ކި އެވެ. އެހެން ނަމަވެސް "ސުއިސައިޑް ސްކޮޑް" ގެ ފުރަތަމަ ޓީޒާއާ އެކު ލެޓޯ ޖޯކާގެ ގޮތުގައި ފެނިގެން ދިޔަ ހިސާބުން އެންމެންގެ ގައިން ހީބިހި ނަގައިގެން ދިޔައީ އެވެ.

ނަމަވެސް ޖޯކާގެ ފުލް ކޮސްޓިއުމްގައި މިވީ ދުވަސްތަކުގައި ލެޓޯ ދައްކާލާފައެއް ނުވެ އެވެ. އެކަމަކު ވެސް މިހާރު އެ ކަމަކަށް ކުރި އިންތިޒާރު ވެސްމި ވަނީ ނިމުމަކަށް އައިސްފަ އެވެ. މަޝްހޫރު ފިލްމު މެގަޒިން "އެމްޕަޔާ" ގެ ކަވަރުގައި ލެޓޯ މި ވަނީ ޖޯކާގެ ފުލް ކޮސްޓިއުމުގައި ފުރަތަމަ ފަހަރަށް ފޭނުންނަށް ފެނިލައިފަ އެވެ.

ކޮންމެއަކަސް މި ފެނިލުމެއްގައި އޭނާގެ "ޖޯކާ" މީގެ ކުރިން ފެނިފައިވާ ބޮޑު ސްކްރީން ޖޯކާ ކެރެކްޓާތަކަށް ވުރެ ވަރަށް ވެސް ތަފާތެވެ. އެހެން ނަމަވެސް ޖޯކާގެ އަސްލެއް ނުގެއްލެ އެވެ. އޭނާގެ ކޯޓުގަ އެވެ.

އެކަމަކު ލެޓޯގެ ކޮސްޓިއުމް މީގެ ކުރީގެ ޖޯކާ ކޮސްޓިއުމްތަކަށް ބަލާއިރު ވަކިން ސްޓައިލިޝްކަން ފާހަގަކޮށްލެވެ އެވެ. މިޖޯކާ ގިނަ ބަޔަކު ސިފަކުރަނީ ކޮމިކް ފޮތްތަކުން އާންމުކޮށް ފެންނަ ޖޯކާގެ ކެރެކްޓާއާ އެއްގޮތް ސިފަތަކެއް ޖެހިފައިވާ ރަހުމް ކުޑަ އަނިޔާވެރިއެއްގެ ގޮތުގަ އެވެ.

"ސުއިސައިޑް ސްކޮޑް" ސިނަމާތަކަށް ނެރޭނީ އަންނަ އަހަރުގެ އޯގަސްޓް މަހު އެވެ.