(31 ޖަނަވަރީ 2021 އާ ގުޅޭ)
"ނޫން... ނުވާނެ ތިކަމެއް." ސަބީނާގެ ވާހަކައަކަށް ވަގުތުން އަސްލަން ދެކޮޅު ހެދިއެވެ.
"ނަސީބު އައިސް އަތުގައި ހިފީމާ ވެސް ފުރަގަސްދެނީތަ؟ ނޯޔާއަކީ އަހަރެމެންނަށް އެނގޭ ކުއްޖެއް، މަންމަ ލޮލުންބޮލުން ރުހޭ ކުއްޖެއް، ރޫމާ ހަމަ ހުރެފަ އެއްބަސްވިއްޔޭ އަސްލަންއަށް ހީވަނީތަ؟ އަހަރެން ދުށީން އޭނާގެ ދެ ލޮލުން ކަރުނަ ހިލިފައި ހުރިތަން، އެކަމަކު އަސްލަންގެ ކުދީންނަށް ޓަކައި، އަހަންނަށް ޓަކައި... އެ ދެމަފިރިން އެއްބަސްވީ."
"ނޯޔާ... ނޯޔާ އެއްބަހެއްނުވާނެ، އޭނާ މާކުޑަވާނެ..." އަސްލަންއަށް ދެފަރާތަށް ބޯހޫރާލެވުނެވެ.
"އަސްލަން..." ސަބީނާ ވާހަކަ ދެއްކިޔަ އަސްލަން ނުދިނެވެ. ސޯފާގައި އިނދެފައި އޭނާ ކޮޅަށް ވެސް ތެދުވީއެވެ.
"ޔަގީން މަންމައަށް ކޮންމެވެސް އެއްޗެކޭ ބުނެވިގެންކަން އެމީހުން އެއްބަސްވާނީ، އަހަންނަށް އަދި މީހަކު ނުހޯދިފައެއް ނެތެއްނު، ޗުއްޓީ ހަމަވަންވާއިރަށް އަހަރެންގެ ދަރީން ބަލާނެ މީހަކު ގެންނަން ހުރީ، އެކަމަކު މަންމައަށް އެހާތަނަށް ވެސް މަޑުކޮށްނުލެވުނު." އަސްލަންގެ އަޑުގައި ހުރީ ހިތްހަމަނުޖެހުމެވެ.
"އަސްލަން! ދަރިފުޅު! އިށީނދެބަލަ..." ސަބީނާ ތެދުވެ އަސްލަންގެ މުލައްދަނޑީގައި ހިފާލިއެވެ. މަންމައާ ދެބަސްވެ ޒުވާބު ކުރަން ނުކެރޭއިރު އަދި އަމުދުން މަންމަގެ އަތް ފޮޅުވާލަން އަސްލަންއަކަށް ނުކެރޭނެއެވެ. ދެ ލޯ މަރާލައި ފުންނޭވާއެއް ލިއެވެ. ދެން މަންމަ އެދުނީތީ އަލުން ސޯފާގައި އިށީނދެއްޖެއެވެ. އޭނާއާ ޖެހިގެން ކަހަލަ ގޮތަކަށް ސަބީނާ އިށީނެވެ. އަސްލަންގެ ކޮނޑުގައި ސަބީނާގެ ކަނާއަތްތިލަ ބާއްވާލިއެވެ.
"ދަރީންނާމެދު މަންމައަށް ވިސްނޭނެ، އަސްލަންއަށް ރަނގަޅަށް އެނގޭނެ އައްޔޫބާއި ރޫމާއަކީ ކިހާވަރެއްގެ ކޮންބައެއްކަން، އެމީހުންނަށް މަންމަ ވަރަށް އިތުބާރުކުރަން، މަންމަ ކަންބޮޑުވާނަމަ އެ ވާހަކައެއް ޚިއްޞާ ކުރަން ވެސް ތިބީ އެމީހުން، އަސްލަން ރުހިއްޖެނަމަ ނޯޔާއާ ކައިވެނި ހަމަޖައްސަންވީ ކަމުގަ އައްޔޫބު ބުނި، އަސްލަން!، ދަރިފުޅުގެ ހަޔާތުން މައިރާ ނެތްތަން ފޫބައްދައިދިނުމެއްނޫން މަންމަގެ މަޤްޞަދަކަށްވީ، އެ ތިބަ ތިން ކުދީންގެ ހައްޤުގައި ވިސްނާ ނިންމި ނިންމުމެއްމީ، ތިން އަންހެން ދަރީން އަސްލަން އެކަނިމާއެކަނި ބަލާނެ ގޮތެއް ބުނެބަލަ، އަންހެން ކުދީން ބޮޑުވާލެއް އަވަސްވާނެ، ބައްޕައަކީ މުހިންމު މީހެއް، އެކަމަކު އަންހެން ދަރީންނަށް އެންމެ މުހިންމީ މަންމައެއް، ސާރާއަށް އަދި މީ އެންމެ ހަ އަހަރު، މިހާރު ވެސް އެކުއްޖާގެ ހުރިހާކަމެއް ކުރަންވީމާ އަންނަނީ މަންމަގެ ގާތަށް، އަންހެން ދަރީން ފެންވެރުވުމާއި އެކުދީން ރީތިކުރުމާއި ކާންދިނުމާއި މިހެން ގޮތަސް ބައްޕައަކަށް ކުރަން ދަތިވާނޭ އެތައްކަމެއް ހުންނާނެ، މިވާހަކަ މިދައްކަނީ މަންމައަށް ކޮށްދޭން ބުރަވެގެންނެއް ނޫން، އެކަމަކު އަސްލަންއާ އިނދެގެން މިގެއަށް އަންނަ ކުއްޖަކާ ދުރުހިލޭ މީހަކާ ތަފާތުވާނެއެއްނު، އޭރުން ނުޖެހޭނެ އަބަދު ކުދީންގެ ކަންކަން ނުވެފައި ހުރެގެން އެކަމާ ފިކުރުކުރާކަށް، އެކުދީންނަށް ހަމަޖެހޭ އުފާވެރި މުސްތަޤުބަލެއް ދޭން އަސްލަން ބޭނުމެއްނޫންތަ؟."
މަންމަގެ ވާހަކައިން އަސްލަންގެ ދޫ ބަންދުވެއްޖެއެވެ. ތިން އަންހެން ދަރީން ބެލުމަކީ ފަސޭހަކަމެއް ނޫން ކަން އަސްލަންއަށް ވެސް އެއްބަސް ވެވެއެވެ. ދުނިޔޭގައި ތިބިއްޔާ އެކުދީން ވެސް ވަނީ ބޮޑެއްޗެވެ. އެހެންވިޔަސް ކައިވެނީގެ ގުޅުމަކަށް އޭނާގެ ނަފްސު ތައްޔާރެއް ނޫނެވެ. މަންމައަށް އެކަން ވިސްނައިދޭނީ ކިހިނެއް ހެއްޔެވެ. ނޫނީ އޭނާއަށް ދަރީންނަށްވުރެ އަމިއްލަ އެދުން އިސްކުރެވެނީ ހެއްޔެވެ. އެކި ޚިޔާލުތަކުގެ ތެރެއިން ސަބީނާއާ ދިމާއަށް މޫނު އަނބުރާލައި އަސްލަންއާ ނަޒަރު ސީދާކޮށްލިއެވެ.
"ނޯޔާއާ ވާހަކަދައްކާލަން ބޭނުން." އަސްލަން ބުންޏެވެ.
"ކައިވެނި ނުކުރަންވެގެންތަ؟" ސަބީނާ އަހާލިއެވެ. ފުންނޭވާއެއް އެހިނދު އަސްލަން ދޫކޮށްލިއެވެ.
"މަންމާ ޕްލީޒް، އަހަރެން ނޯޔާއާ ވާހަކަދައްކާފަ ޖަވާބެއް ދޭނަން." މަންމަގެ ވާހަކަތަކުން އަސްލަންއަށް އިޙްސާސް ކުރެވުނީ މަޖުބޫރު ކުރުމެވެ. އޭނާ ބޭނުންނުވެފައި ހުރި ކަމަކާ ވިސްނަން ޖެހުނީމައެވެ.
"ކޮންއިރަކަށް؟ މިގެއަށް ނޯޔާ ގެންނަންވީތަ؟" ސަބީނާ އަހާލިއެވެ.
"މާދަން، މިގެއަށް ގެންނާނެކަމެއްނެތް... އަހަރެން..." އަސްލަން ބުނަން އުޅުނު ވާހަކަ ހުއްޓާލިއެވެ. ނޯޔާ ގެނައުމުގެ ބަދަލުގައި އެގެއަށް އޭނާއާ ބައްދަލުކުރަން އަސްލަން ދާނީ ކަމުގައި ގަސްދުކުރިއެވެ. ނަމަވެސް އެ ޚިޔާލު ކަމުނުދިޔައީއެވެ. ނޯޔާއާ ކުރިމަތިލާން ޖެހޭނެތީއެވެ. ކަކުލުގައި އުޅަންބޮށިކޮޅު ވިއްދާލައި ނިތްކުރީގައި ވައަތުން ފިރުމާލިއެވެ.
"ރޫމާއަށް ގުޅާފައި ބުނަންވީތަ އަސްލަން ދާނެއޭ." ދަރިފުޅު އެއްޗެކޭ ނުބުނުމުން ސަބީނާ ފުރިހަމަ ކޮށްލިއެވެ.
"ނޫން... އޭނާއާ ގުޅޭނެ ނަންބަރެއް މަންމަ ގެނެސްދީ، އަހަރެން ވާހަކަދައްކަފާނަން." ނިކަން އަވަހަށް އަސްލަން ބުނެލިއެވެ.
އިތުރު ވާހަކައެއް ދައްކަން ނެތުމުން ސަބީނާގެ ބައިން އަސްލަން ނުކުތީ ހަލުވިކޮށެވެ. މަންމަގެ ކުރިމަތިން ފިލަން ބޭނުންވެފައި ހުރި މީހަކު ފަދައިންނެވެ. އޭރު އޭނާގެ ބޮލުގައި ވެސް ރިއްސަނީއެވެ. ހިތަށް ތަކުލީބު ލިބެނީއެވެ.
* * * * *
ރޫމާއަށް ރަނގަޅަށް ނުނިދެއެވެ. ހަށިގަނޑަށް ލޮޑުކަމެއް ވެރިވެފައިވީ އެހެންވެއެވެ. އޭނާގެ އުނދަގޫ ކުރަނީ ނޯޔާގެ ޚިޔާލުތަކެވެ. އެކުއްޖާގެ ކައިވެނި ހަމަޖެހެން އުޅޭތީ އެކަމުގެ ފިކުރެވެ. އޭނާ ކޮޓަރިން ނުކުތްއިރު ދުނިޔެ މައްޗަށް ކިރިޔާ އަލިވީއެވެ. ބަދިގޭގައި އުޅެނިކޮށް އައްޔޫބާއި އިޔާން ވެސް އަތުވެއްޖެއެވެ. އެމީހުންނަށް ކޮފީ ތައްޔާރުކުރަން އުޅެނިކޮށް ނެހާ އެބަޔަށް އަތުވެއްޖެއެވެ.
"ހަތަރެއް ޖެހިއިރު ނިދުފިލުވާލައިފި، ވަރުބަލިވެއްޖެ ހުވާ." އައްޔޫބުގެ އަތަށް ދަރިފުޅު ލައިދެމުން ނެހާ ބުނެލިއެވެ. ދެން އޭނާ އައީ މަންމަގެ ގާތަށެވެ. ނޯޔާ ކޮބާތޯ މަންމަ ގާތުން ނެހާ އަހާލިއެވެ.
"ހޭލާ އުޅޭނީ، އަދި ނުނިކުމޭ." ރޫމާ ބުންޏެވެ.
ހަތަރު ފާރުގެ ތެރޭގައި ވަނީ ހިމޭންކަމެވެ. އެނދުގެ އެއްއަރި މަތީ އިސްޖެހިފައި ނޯޔާ އިނެވެ. ތިރީތުންފަތުގެ އެއްކޮޅު ހަފާލަހަފާލައެވެ. އެމޫނު މަތިން ދިރުން ގެއްލިފައިވާ ކަހަލައެވެ. ދެ ލޮލުން ފާޅުވޭވޭ ހުރީ ނުތަނަވަސްކަމެވެ. ދޭތެރެއަކުން ދޮރާ ދިމާއަށް ކަޅި ހިންގާލާއިރު ކޮޓަރިން ނުކުތުމާމެދު ދެ ފިކުރެއްގައި އިން ކަހަލައެވެ. އަސްލަން ވާހަކަދައްކާލަން ބޭނުންވާކަން ބުނީއްސުރެ ވަކިން ނޯޔާގެ ހާސްކަން އިތުރެވެފައި ވެއެވެ.
"ޕޮއް..." ކުއްލިއަކަށް ހުޅުވާލި ދޮރާއެކު ނެހާގެ މޫނު އެތެރެއަށް ދިއްކޮށްލިއެވެ.
"ތާތި... ހާދަ ހެނދުނަކާ." ނޯޔާގެ މޫނުގައިވި އަސަރުތައް ބަދަލުކޮށްލަން ސުކުންތެއް ވެސް ނުނެގިއެވެ. ހިނިތުންވުމަކުން ހުރިހާ އުދާސްކަމެއް ފޮރުވާލިއެވެ. ނެހާގެ ފަހަތުން ދޮރުފަތް ލައްޕާލާފައި އޭނާ އައިސް ކޮއްކޮއާ ޖެހިގެން އިށީނެވެ.
"ކިހިނެއްވީ؟" މަޑުމައިތިރިކަމާއެކު ނެހާ އަހާލިއެވެ. އަމިއްލަ ކޮނޑުން ނޯޔާގެ ކޮނޑުގައި ޖެހިލައި މަޑުމަޑުން ކޮއްޕާލިއެވެ.
"ކަމެއްނުވޭ." ނޯޔާ ނިކަން އަވަހަށް ބުންޏެވެ.
"އަހަރެން މީ ކާކު؟" ނެހާ އަހާލިއެވެ. އެއާއެކު ނޯޔާ ހީނގަތެވެ. ތީ ތާތިއޭ ބުނެލިއެވެ. އެނދުން ތެދުވި އިރަށް އޭނާގެ އަތުގައި ނެހާ ހިފާލުމާއެކު އަލުން އެނދުގައި ބައިންދައިފިއެވެ.
"ޓެލް މީ... މަންމަ ބަލީތަ؟ މިއަދު ވަރަށް ސައިލެންޓް." ނެހާ ބުންޏެވެ. ނޯޔާ ލަސްގޮތަކަށް ދެ ފަރާތަށް ބޯހޫރާލިއެވެ. އެއާއެކު ނެހާ ދައްކާލީ އޭނާގެ ބުރަކަށްޓެވެ.
"ސްޕިލް އައުޓް... ނައު." ނެހާ އަމުރެއް ކޮށްލި ކަހަލަ އެވެ. ވަކިން ބޮޑަށް ނޯޔާ އިސް އޮބާލިއެވެ. އުނގުތެރޭ ޖޯޑުކޮށްލެވިފައި އޮތް ދެއަތްތިލަ ގަޔާ ކައިރިކޮށްލިއެވެ. ދައްތަ ގާތުގައި ބުނަން އުޅެފައި ވެސް ނޯޔާ ނުބުންޏެވެ. އޭނާ ގަސްދުކުރީ އަސްލަންގެ ފޯނުކޯލަށް އިހަށް މަޑު ކުރާށެވެ. މައިންބަފައިންގެ ބަހާ އޭނާ ދެކޮޅު ނުހެދިޔަސް އަސްލަން ތަފާތު ވެދާނެއެވެ. ފަހަރެއްގައި އޭނާ ކައިވެނި ކުރަން ބޭނުންނުވެދާނެތީ އެވެ. އޭރުން ބޮޑުކަމަކަށްނުވެ މިކަން ވެސް ނިމޭނެތާއެވެ. ނެހާ ގާތު މަންމަ އެ ވާހަކަ ނުދައްކާނީ ވެސް ސަބަބަކާ ލައިގެންކަން ނޯޔާއަށް ވިސްނުނެވެ.
"ސްޕިލް ކުރާނޭ ވާހަކައެއްނެތް، ހިނގާ." ނޯޔާ ތެދުވީއެވެ. ނެހާ ޤަބޫލެއްނުކުރިއެވެ. ނަމަވެސް ނޯޔާ ކޮޓަރިން ނުކުންނަން ފެށުމުން އޭނާގެ ފަހަތުން ނެހާ އައެވެ.
* * * * *
އަސުރުގެ ފަހުން އަސްލަން އެޕާޓްމެންޓުގައި އެކަނިވިއެވެ. އަނުމްއަށް ވެސް އޮތީ ނިދިފައެވެ. ސާރާއާއި މަލްސާ ވީ ސަބީނާގެ ގާތުގައެވެ. ކުޑައެނދު ކައިރީ ހުރި ގޮނޑިން އަސްލަން ތެދުވިއެވެ. ސިޓިންރޫމުން ލާފައި އައިސް އޭނާ ނުކުތީ ބެލްކަންޏަށެވެ. ކުރިމަތިން ފެންނަން ހުރި ފެހިއާބާދުގެ ގެއަށް އޭނާ ބަލާލިއެވެ. ފޯނުގައި ސޭވްކުރި ނޯޔާގެ ނަންބަރަށް އޭނާ ކުރީ މެސެޖެކެވެ. މިވަގުތު ވާހަކަދައްކާލަން އުނދަގޫވާނެތޯ އަހާފައެވެ. ނޯޔާގެ ޖަވާބު އައީ އޭނާ ހިކުރިވަރަށްވުރެ އަވަހަށެވެ. ނޯޔާއަށް ގުޅަމުން ކަންފަތަށް "އެއަރޕޮޓް" ހެޔޮވަރުކޮށްލިއެވެ.
"ނޯޔާ..." އަސްލަން ގޮވާލުމުން އަނެއްކޮޅުން އިވުނީ ހޫމްއެއްގެ އަޑެވެ. ވާހަކަ ކުރިއަށް ގެންދަން ވަގުތުކޮޅެއް އަސްލަން ނެގިއެވެ. ނޯޔާ ހުރީ ވާހަކަދައްކަން ނުކެރިފައި ކަހަލައެވެ.
"އަހަރެންގެ މަންމަ ބުނީމަތަ ކައިވެންޏަށް އެއްބަސްވީ؟" އަސްލަން އަހާލިއެވެ. އެއާއެކު ނޫނެކޭ ނޯޔާ ބުންޏެވެ.
"ކީއްވެ ކައިވެނި ކުރަން ބޭނުންވަނީ؟" އަސްލަން އަނެއްކާ ވެސް ސުވާލުކުރިއެވެ.
"ތިކޮޅުން ބޭނުމެއްނޫންތަ؟" ނޯޔާ ވާހަކަދެއްކިއެވެ.
"އަހަރެން އަނތްބަކަށް ބޭނުން ނުވިޔަސް އަހަރެންގެ ދަރީންނަށް މަންމައެއް ބޭނުންވޭ، އަހަރެންގެ އެބަތިބި ތިން ކުދީން... އެކަން އެނގޭތަ؟ އަހަރެން ބުނަން މިއުޅޭ އެއްޗެއް ނޯޔާއަށް ވިސްނޭތަ؟" އަސްލަންގެ ފަރާތުން ނޯޔާ އުންމީދުތަކެއް ކޮށްފާނޭ ހީވާތީ ބުންޏެވެ.
"އަނތްބަކު ބޭނުމެއްނޫނޭ، ދަރީންނަށް މަންމައެކޭ ބޭނުމީ." ނޯޔާ ބުންޏެވެ.
"ނޯޔާ އެއްބަސްވީ ކީއްވެ؟ މިބުނީ މަށާ ކައިވެނި ކުރަން." ނޯޔާގެ ގޮތް ދެނެގަނެވޭތޯ އަސްލަން ބެލިއެވެ.
"މަންމައާއި ބައްޕަގެ އެދުމެއްމީ، އެމީހުން އަހަރެންނަށް ނުވާވަރުކަމެއް ކުރާކަށް ނުބުނާނެ... މަންމައާއި ބައްޕަ އެކުއެކީ އަހަރެން ގާތުން ކަމަކަށް އެދުނު ފުރަތަމަ ފަހަރު، އެއްބަސްވީ އެ ސަބަބާ ހުރެ."
"ތީގެ މާނައަކީ ނޯޔާއަށް އެއްވެސް ޗޮއިސްއެއް ނެތޭ." އަސްލަން ބުނެލިއެވެ.
"ނޫން، އެމީހުން ކުރިމަތީ އަހަރެންނަށް ދެކޮޅު ހެދޭނެ، ނޫނެކޭ ބުނެފިއްޔާ ޤަބޫލު ވެސް ކުރާނެ، އެކަމަކު އެއީ އަހަރެން ބޭނުންވާގޮތެއްނޫން، އަހަރެންނަށް އަންދާޒާ ނުކުރެވޭވަރަށް މަންމައާއި ބައްޕަ މިކަމާމެދު ވިސްނާނެކަން ޔަގީން، މިކަމުގައި ގޯހެއްވޭތޯ ނުބުލައެއް ނުތިބޭނެ، އަހަރެން އެމީހުންނަށް ފުރިހަމައަށް އިތުބާރުކުރަން، އެހެންވެ އަމިއްލަ އިޚްތިޔާރުގަ އެމީހުންގެ އެދުން ފުރިހަމަކޮށްދޭން އާނއެކޭ ބުނީ." މައިންބަފައިންނަށް ނޯޔާ ކުރާ ޤަދަރު އަސްލަންއަށް ވިސްނުނެވެ. ލޮލަށް ނޯޔާ ހުންނާނޭ ގޮތް ސޫރަ ނުކުރެވުނަސް އަސްލަންއަށް ނޯޔާގެ އަޚުލާގު ފެނެއެވެ.
"ކުއްޖަކާ ރައްޓެހިވެގެންތަ އުޅުނީ." އިރުކޮޅަކު މަޑުކޮށްލާފައި އަސްލަން އަހާލިއެވެ. އެފަދަ ގުޅުމަކަށް ހަޔާތުން ވަގުތު ހުސްކުރެވިފައި އަދި ނުވާކަން ނޯޔާ ހާމަކުރިއެވެ.
ދުވަހަކުވެސް ފިރިހެންކުއްޖާ ގާތްކަމެއް ނޯޔާ ނުބާއްވައެވެ. އެފަދަ ޚިޔާލުތަކެއް ކުރާވަރަށްވުރެ އޭނާގެ ސަމާލުކަން ދެވިފައިވީ ކިޔެވުމަށެވެ. ހާޞިލު ކުރަން ބޭނުންވީ ލަނޑުދަނޑިތަކަށެވެ. އޭނާ ކޮންމެ ފިޔަވަޅެއް އެޅީ އޭނާގެ ހުވަފެން ތެދުކުރުމަށް ޓަކައި އޮތް ރާސްތާ ކުރުކުރުމަށެވެ. ނަމަވެސް އެ ހުރިހާ ތަފްޞީލެއް އޭނާ އަސްލަންއަކަށް ނުދެއެވެ. މިއަދު އޭނާގެ މައިންބަފައިން އިސްކަން އެދިނީ، ދުނިޔެއާ ގުޅިފައިވި ހުވަފެނެއް ސީދާ ކުރަން އުޅުމަށްވުރެ ސުވަރުގެއާ ނޯޔާއާ ދެމެދު އޮތް ރާސްތާ ކުރުކުރަން މަސައްކަތް ކުރުމަށެވެ. ހެޔޮކަން ބޮޑުވެފައި ފައިދާ އޮތީ އެ ގޮތުގައެވެ. ޚުދު ނޯޔާ ވެސް ވަރަށް ވިސްނައިފިއެވެ. ނުވާނޭ ހީކުރެވުނަސް އެއީ ހަމައެކަނި ކުރެވޭ ހީއެއްކަން ޟަމީރު ބުނެދިނީއެވެ. ކުރިމަތި ނުލައި ނުވާނޭކަން ނިންމަން ވެދާނެ ހެއްޔެވެ. ވަންޏާ ނުވަންޏާ ވެސް އެނގޭނީ އެކަމާ ކެރިހުރެގެން ކުރިމަތިލީމައެވެ. ޔަގީނުން ވެސް އޭނާގެ މައިންބަފައިންނަށް މަގު ދެއްކެވި ގޮތަށް ނޯޔާއަށް ވެސް ﷲ މަގު ދައްކަވާނެކަން ގައިމެވެ. ނިންމުމާ ދެކޮޅުވުމަށްވުރެ ﷲއަށް ވަކީލު ކުރުން ހެޔަކަން ބޮޑެވެ.
"ކައިވެންޏަށް ފަހު ނޯޔާއަށް ބުރަވެއްޖެއްޔާ، ދެން ކިހިނެއް ހަދާނީ... ވަރިވާނީތަ؟"
"ވަރީގެ ލަފުޒަކީ އެހާ އާދައިގެ ގޮތަކަށް ބޭނުންކުރެވޭ ލަފުޒަކަށް ވެގެންނުވާނެ، އަހަރެން ބޭނުންނުވުމަށްވުރެ، ފަހަރެއްގައި ތިކޮޅުން ވަރިކުރަން ބޭނުންވުމަކީ ވެސް ވެދާނެ ގޮތެއްނު، ކައިވެނި ނުކުރަނީސް ކަންތައް ވާނޭ ގޮތެއް ލަފާ ކުރާކަށް އަހަރެންނަކަށް އަސްލު ނޭނގެ." އަސްލަންގެ ތުންފަތަށް ހިނިތުންވުމެއް ވެރިވީ ކީއްވެކަމެއް ނޭނގެއެވެ. އެހެންވިޔަސް އޭނާއަށް ނޯޔާގެ ވާހަކަ ހުރި ގޮތް ކަމުދިޔައެވެ.
"އަންނަ މަހު ކައިވެނި ކުރަން ބޭނުން..." އަސްލަން އެނބުރިލީ ފަހަތުގައި މީހަކު ހުރިހެން ހީވެގެންނެވެ. ދެ ލޯ ބޮޑުކޮށްލައިގެން މޮޔައެއްހެން ހެވިފައި ހުރީ ރިދާނެވެ.
"އެންމެ ރަނގަޅުތަ؟" ދެ ބުމަ ކައިރިކޮށްލަމުން ރިދާންއަށް ބަލަން ހުރެ އަސްލަން ބުނަން ގަސްދުކުރި ޖުމްލަ ނިންމާލިއެވެ. އެކޮޅުން ޖަވާބު ލިބުނީއެވެ. އަސްލަން ހޫން ލައްވާލާފައި ކޯލު މިވަގުތަށް ކަނޑާލަނީކަން ބުންޏެވެ.
"ސިއްރުން އަޑުއަހާކަށްނޫން، އެހެންވިޔަސް މިއޮތީ އިވިފަ، ދެން ބުނެބާ... ކާކު އެއީ؟" އޮޅުން ފިލުވާ ހިތުން ރިދާން ހުރީ ހިތްއަވަސްވެފައެވެ. އަސްލަންގެ ނަޒަރު އަމާޒުވީ ފެހިއާބާދު ގެއަށެވެ. ދެން އޭނާ އެތެރެއަށް ވަދެގެން އައިސް ސޯފާގައި އިށީނީއެވެ. ފަސްފަހަތުން ރިދާން އައެވެ.
"މަންމަގެ ކަންތައް، އެ އަންހެން ކުއްޖާ ވެސް މޮޔައީ." އަސްލަން ބުނެލިއެވެ.
"މަންމަ ކީއްކުރީ؟ ކޮން އަންހެންކުއްޖެއްތަ؟" ރިދާން އިނީ އަސްލަންގެ ވައަތް ފަރާތުގައި ހުރި ސޯފާ ގޮނޑީގައެވެ.
"އަހަރެންގެ ކައިވެނި ހަމަޖެއްސީ، އާނއެކޭ ބުނަން މަޖުބޫރުވީ... އަދި އެވެސް އެގޭ ކުއްޖަކާ." އަސްލަން ބޮލުން އިޝާރާތްކޮށްލީ ބެލްކަންޏާ ދިމާއަށެވެ. ރިދާން އެ ދިމާއަށް ބަލާލާފައި އަސްލަންގެ މޫނަށް ބަލާލިއެވެ. ކުރިން ހުރި ޖޯޝު އެ މޫނުން ހިނދިގެން ހިނގައްޖެއެވެ.
"އެގޭ... ނޯޔާތަ؟" ރިދާން އަހާލިއެވެ. އަސްލަން ބޯޖަހާލީއެވެ. ކަނދުރާ ސޯފާގައި ޖައްސާލަމުން ދެ އަތުގެ އިނގިލިތައް އިސްތަށިގަނޑުގައި އޭނާ ހިންގާލިއެވެ.
"ބޭނުންނުވެ ހުރެ ކައިވެނި ކުރަން ޑޭޓް ފިކްސް ތިކުރީ، ކީއްވެ؟ ނޯޔާ ވީމަތަ؟" ރިދާންގެ އަޑުގައި ހުރީ ސީރިއަސްކަމެވެ.
"ރިދާން ވެސް މީހަކާ އިނދެ ދަރީން ލިބުނީމަ ވިސްނޭނެ، މަންމަ ދެއްކީ ތެދު ވާހަކައެއް، އަހަރެންގެ ބޭނުންވާ ގޮތަށްވުރެ މިހާރު ވިސްނަންވީ އެ ތިން ދަރީންނަށް ރަނގަޅުވާނޭ ގޮތެއް، މަންމަގެ ޗޮއިސް ނޯޔާއަކީ، އެމީހުން ވެސް ތިބީ މިކަން އަވަހަށް ނިންމަން ބޭނުންވެފައި، އެގޮތް އަހަރެންނަށް ވެސް ރަނގަޅީ... އަހަރެންނަށް ނޭނގެ މިހާރު ނޯޔާ ހުންނަ ގޮތެއް ވެސް، ނުދެކޭތާ ވެސް އެތައް އަހަރެއް ވެދާނެ، ރިދާންއާ ރައްޓެހި ދޯ." އަސްލަން ބުންޏެވެ.
ރިދާން ހޫންއެއް އަޅުވާލިއެވެ. ދެން އޭނާ ތެދުވީ ކަމެއް ހަނދާންނެތިފައޭ ބުނެއެވެ. ނިކަން ހަލުވިކޮށް އަސްލަންގެ އެޕާޓްމެންޓުން އޭނާ ނުކުތެވެ.
ކޮޓަރިއަށް ވަން ގޮތަށް ރިދާން ވަގުތުން ނެހާއަށް ގުޅިއެވެ. ކައިވެންޏެއް ހަމަޖެހިގެން ދިޔައިރު އަންގާނުލިތާއޭ ރިދާން ބުނިއިރު އެ އަޑުގައި ހިތްހަމަނުޖެހުން ވިއެވެ. ނަމަވެސް އެ އަސަރު ފިލައިގެން ދިޔައީ ނެހާއަށް ވެސް ހިލަމެއް ވެފައި ނެތްކަން އެނގުމުންނެވެ.
* * * * *
ފޯނުކޯލު ނިންމާލުމާއެކު ސޯފާގައި އިން އިޔާން ގާތު މަންމަމެން އުޅޭ ބަޔަށް ދަނީ ކަމުގައި ބުނެ ނެހާ ނުކުތެވެ. އިޔާން ވެސް އިނީ ނެހާ ފޯނުން ދެއްކި ވާހަކަ އިތުރަށް އޮޅުންފިލުވަން ބޭނުންވެފައެވެ. ނަމަވެސް ނެހާ އަވަސްއަރުވާލާފައި ހުރިއިރު އެ މޫނުމަތިން ފެންނަން ހުރީ ނުރުހުމުގެ ކުލައެވެ.
ހަރުކޮށް ހިނގާފައި އައިސް ނެހާ ވަނީ ނޯޔާގެ ކޮޓަރިއަށެވެ. އެނދުމަތީ ދެފައި ވަށްކޮށްލައިގެން ފިކުރު ބޮޑުވެފައި ނޯޔާ އިނެވެ. ހެނދުނު ފެނުނު ފަދައިން ނޯޔާގެ އުދާސްކަން ހިނިތުންވުމަކުން ފަރުދާކުރި ގޮތް ނެހާއަށް ފެނުނެވެ. ދޮރު ލައްޕާލުމާއެކު ނެހާ އައިސް ހުއްޓުނީ އެނދު ކައިރީއެވެ. ދެފަރާތުން ހަށިގަނޑުގައި ދެއަތް ވިދެލައިގެން ނޯޔާއަށް ބަލަން ހުރީއެވެ.
"ތާތި..." ބުމަ އަރުވާލަމުން ނޯޔާ ގޮވާލިއެވެ.
"ތާތިއޭ ކިޔާނެކަމެއްނެތް، ކާކަ އިންނަން ތިއުޅެނީ؟ ކޮންއިރަކު ހަމަޖެހުނު ކައިވެންޏެއް؟" ނެހާގެ ދެބުމަ ހުރީ ގުޅިފައެވެ. ކިހިނެއްކަންވީ ނޯޔާއަށް ވަގުތުން އެނގުނެވެ. އޭނާ އެނދުގައި އަތް ޖަހާލަމުން ނެހާ ގާތު އަންނާށޭ ބުންޏެވެ. ނަމަވެސް ވަގުތުން ނެހާ ބޯހޫރާލީއެވެ.
"ސަބިއްތަގެ އަސްލަންއާ... އެޔެއްނު މިގެއަށް އަންނަ ކުދީންގެ ބައްޕައަކީ." ނެހާއަށް ބަލަން އިނދެ ނޯޔާ ބުންޏެވެ.
"މޮޔަވީތަ؟" ނެހާއަށް ބުނެވުނީ ބާރަށެވެ. އެއީ ދުވަހަކުވެސް ނެހާ ވާހަކަދެއްކި ގޮތެއްނޫނެވެ.
"ވެދާނެ..." މަޑުމަޑުން ނޯޔާ ބުނެލިއެވެ.
"އޭނާދެކެ ލޯބިވީތަ؟ ކޮންއިރަކު؟" ނޯޔާ ދިން ޖަވާބުން ހިމޭނުން ވިސްނަން ހުރެފައި ނެހާ އަހާލިއެވެ. އޭނާއަށް ނޭނގުނަސް އަސްލަންއާއި ނޯޔާއާ ދެމެދު ގުޅުމެއް ހިނގާފާނޭ ހީކުރެވޭތީއެވެ.
"ނުވޭ ބައްދަލެއް، ހަމައެކަނި އިންނަން މިއުޅެނީ." ނޯޔާ ދިން ޖަވާބުން ނެހާގެ އަރުތެރެއިން ބާރު އަޑެއް ނުކުތީ ރުޅިގަނޑު އުތުރިއަރައިގަތީމައެވެ.
"ލޯބިވާނޭ މީހަކު ނުލިބުނީތަ؟ ކިޔަވައިގެން އައިތާ މަހެއްނުވޭ އަދި، މަށަށްވުރެ ވެސް އޭނާ ބޮޑުވާނެ، އަނެއްކާ އެންމެ ކުއްޖެއްނޫން، ތިން ދަރީން އެބަތިބި... ނޯޔާ ޕްލީޒް، ކީއްވެ ނިންމި ނިންމުމެއްތީ؟ މަންމަ ބުނީތަ؟ ބައްޕަތަ؟" ކޮއްކޮގެ ގޮތް އެނގޭތީވެ ނެހާއަށް ސުވާލުކުރެވުނެވެ.
އެނދުން ފޭބި ގޮތަށް ނޯޔާ އައިސް ދައްތަގެ ގައިގާ ބައްދާލިއެވެ. އަނގަޔަކުން ނުބުނެއެވެ. ފުންނޭވާއެއް ދޫކޮށްލި ނެހާ ކޮއްކޮގެ ގައިގާ މަޑުމަޑުން ޖަހާލިއެވެ. ރުޅި ނާންނާށޭ ނޯޔާ ބުނެލީ ދެނެވެ. ނެހާއާ ދުރަށް ޖެހިލައި ދައްތަގެ އަތުގައި ހިފާލައިގެން ހުރެ އައިސް އެނދުގައި ދެބެން އިށީނެވެ. ނޯޔާގެ ލޮލުން ފައިބަން ތައްޔާރަށް ހުރި ކަރުނަ ފެނުމުން ނެހާގެ ރުޅި ފިނިވެއްޖެއެވެ.
(ނުނިމޭ)