ހަބަރު

އަހަރުގެ ފުރަތަމަ މަހު މަކަރާ ހީލަތުގެ 18 މައްސަލައެއް

މަކަރާ ހީލަތުގެ މައްސަލަތައް ފުލުހުންނަށް ހުށަހެޅޭ މިންވަރު ގިނަ ވަމުންދާ ކަމަށާ މިއަހަރުގެ ފުރަަތަމަ މަހު 18 މައްސަލައެއް ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށް މޯލްޑިވްސް ޕޮލިސް ސާވިސް އިން ބުނެފި އެވެ.

ފުލުހުން ބުނީ، މި މައްސަލަތަކުގެ ތެރޭގައި ގިނައީ އޮޅުވާލައިގެން މަކަރާއި ހީލަތުން ތަކެތި ސަޕްލައިކޮށްފައިވާ މައްސަލަތައް ކަމަށެވެ. އަދި މިފަދަ މައްސަލަތަކަކީ މިހާރަށްވުރެ ބޮޑަށް ސަމާލުކަން ދީ ހޭލުންތެރިވެ މަސައްކަތްކޮށްފިނަމަ ހުއްޓުވިދާނެ ފަދަ މައްސަލަތައް ކަމަށެވެ.

މިދިޔަ އަހަރު މަކަރާ ހީލަތުގެ 482 މައްސަލައެއް މާލެ ސަރަހައްދުން ހުށަހަޅާފައިވާއިރު އަތޮޅުތެރެއިން 127 މައްސަލައެއް ފުލުހުންނަށް ވަނީ ހުށަހަޅާފައެވެ. 2019 ވަނަ އަހަރު މާލެ ސަރަހައްދުން 397 މައްސަލައެއް ފުލުހުންނަށް ހުށަހެޅިފައިވާއިރު، އަތޮޅުތެރެއިން 101 މައްސަލައެއް ވަނީ ހުށަހަޅާފަ އެވެ.

" ތަންތަން ކުއްޔަށް ދޭނެ ކަމަށް ބުނެ އެޑްވާންސްގެ ގޮތުގައި މީހުންގެ އަތުން ބޮޑެތި އަދަދުތަކުން ފައިސާ ނެގުމާއި ޑެލިވަރީ ކޮށްދޭނެކަމަށް ބުނެ ފައިސާ ނެގުމަށްފަހު ތަކެތި ޑެލިވަރީ ކޮށްނުދިނުމާއި ރާސްޓަސް އަދި ރީލޯޑް ކުރުމާއި އޮންލައިންކޮށް ވިޔަފާރިކުރުމަށްފަހު ސައްހަނޫން ޓްރާންސްފަރ ސްލިޕް ފޮނުވުމާއި ރާއްޖެއިން ބޭރުން މުދާ އެތެރެކޮށްދޭނެކަމަށްބުނެ ފައިސާ ހޯދައި މުދާ އެތެރެކޮށް ނުދޭ މައްސަލަތަކުގެ އިތުރުން އެކި ޕްރޮމޯޝަންތަކުގެ ނަމުގައި ފައިސާ ހޯދުމުގެ މައްސަލަތައް ހިމެނޭ. މީގެއިތުރުން ނުދަންނަ ނަންބަރުތަކުން ގުޅައި އެއީ އާއިލާ މީހެއް ކަމަށް ބުނެ ރަހުމަތްތެރި ރާގަކަށް ވާހަކަދައްކައި ފައިސާއަށް ޑިމާންޑުކުރާ މައްސަލަތައްވެސް ފަހަކަށް އައިސް ހިނގާފައި އެބަހުރި" ފުލުހުން ބުންޏެވެ.