ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް ވެކްސިން

ޓޫރިޒަމް ސިނާއަތުގެ މުވައްޒަފުންނަށް އަންނަ ހަފްތާގައި ވެކްސިން ޖަހަން ފެށޭނެކަމަށް ބެލެވޭ: މައުސޫމް

ރާއްޖޭގެ ޓޫރިޒަމް ސިނާއަތުގައި މަސައްކަތް ކުރާ މުވައްޒަފުންނަށް އަންނަ ހަފްތާގައި ވެކްސިން ދޭން ފެށޭވަރުވާނެކަމަށް ބެލެވޭ ކަމަށް ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ވިދާޅުވެއްޖެ އެވެ.

"އަވަސް" އާ ވާހަކަ ދައްކަވަމުން މިނިސްޓަރު ވިދާޅުވީ ޓޫރިޒަމް ސިނާއަތުގެ މުވައްޒަފުންނަށް 10،000 ވެކްސިން ޑޯޒް މިހާރު ހާއްސަކޮށްފައިވާ ކަމަށެވެ.

އިންޑިއާގައި ތައްޔާރުކުރި ކޮވިޑް ވެކްސިން އިއްޔެ ރާއްޖޭގައި ދޭން ފެށިއިރު އެންމެ ފުރަތަަމަ އިސްކަންދީފައިވަނީ ފްރަންޓްލައިންގައި މަސައްކަތްކުރާ ސިއްހީ ހިދުމަތްތެރީންނަށެވެ. ނަމަވެސް ޓޫރިޒަމް ސިނާއަތުގެ އިސް ބައެއް ބޭފުޅުންވެސް އިއްޔެ ވެކްސިން ޖެހިއެވެ. އިއްޔެ ދޭން ފެށީ އިންޑިއާގެ ސަރުކާރުން ހަދިޔާކުރި 100،000 ޑޯޒްގެ ވެކްސިންތަކެވެ.

މައުސޫމް ވިދާޅުވީ ވެކްސިން ދޭން ފެށުމަށް ތައްޔާރުވުމުގެ ގޮތުން ޓޫރިޒަމް ސިނާއަތުގައި މަސައްކަތްކުރާ މުވައްޒަފުންގެ ލިސްޓްތައް މިހާރު ތައްޔާރުކުރަންމުންދާ ކަމަށެވެ. އޭގެ ތެރޭގައި އެއާޕޯޓް ރެޕުންނާއި ރިސޯޓްތަކާއި ގެސްޓުހައުސްތަކުގައި މަަސައްކަތްކުރާ މުވައްޒަފުން ހިމެނެ އެވެ.

"އުއްމީދަކީ މިއަހަރު ޓޫރިޒަމް ދާއިރާގެ އެންމެނަށް މިއަހަރު ވެކްސިންދީ ނިންމުން. ދެން ދެ ޑޯޒް ވެކްސިން ޖެހީމަ ވަރަށް ބޮޑަށް ބެލެވޭ ދެން ރިސޯޓްތަކުގެ މުވައްޒަފުންނަށް އެމީހުންގެ ރަށްރަށަށް ދެވޭނެކަމަށް. ވެކްސިންދޭއިރު އެންމެ ފުރަތަމަ އިސްކަންދޭނީ އުމުރުން ދުވަސްވީ ސްޓާފުންނަށް ވެކްސިން ދޭން" މައުސޫމް ވިދާޅުވި އެވެ.

ސްޓާފުން ވެކްސިން ޖަހަން މާލެ އަންނަން ނުޖެހޭނެކަމަށާއި އެ ސްޓާފަކު ދިރިއުޅޭ ސަރަަހައްދުން ވެކްސިން ޖެހޭނެ އިންތިޒާމް ހަމަޖެއްސުމަށް މަސައްކަތް ކުރަމުންދާކަމަށް އޭނާ ވިދާޅުވި އެވެ.