ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

"ވެކްސިނާއެކު ޓޫރިޒަމް ދާއިރާގެ މުވައްޒަފުންނަށް އާ އުންމީދެއް"

ވެކްސިނާއިއެކު ފަތުރުވެރިންގެ ސިނާއަތުގައި މަސައްކަތްކުރާ މުވައްޒަފުންނަށް އާ އުންމީދެއް ލިބިގެން ހިނގައްޖެ ކަމަށް ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ވިދާޅުވެއްޖެ އެވެ.

ފަތުރުވެރިންގެ ސިނާއަތުގެ މުވައްޒަފުންނަށް ވެކްސިން ދިނުމަށް މިއަދު ފެށި ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން މައުސޫމް ވިދާޅުވީ، ރާއްޖޭގެ އިގްތިސާދު ބިނާކުރުމުގައި އެންމެ އިސް ރޯލެއް އަދާކުރާ ބަޔަކީ ފަތުރުވެރިންގެ ސިނާއަތުގައި މަސައްކަތްކުރާ މުވައްޒަފުން ކަމަށްވާއިރު، އެމީހުންނަށް ބޭނުންވާ ސަލާމަތާ ރައްކާތެރިކަން ފޯރުކޮށްދިނުމަކީ ވަރަށް ބޮޑު ޒިންމާއެއް ކަމަށެވެ.

ރާއްޖެއަކީ ފަތުރުވެރިންގެ އެންމެ މަގުބޫލު މަންޒިލުކަމަށް ފާހަގަކުރައްވައި މައުސޫމް ވިދާޅުވީ، ފަތުރުވެރިކަމުގެ ސިނާއަތް ހިންގޭނީ މުވައްޒަފުންނަށާއި، ފަތުރުވެރިންނަށް އަދި އާންމު ރައްޔިތުންނަށް ސަލާމަތާއި ރައްކާތެރިކަން ފޯރުކޮށްދީގެން ކަމަށެވެ.

އެންމެ ފުރަތަމަ ވެކްސިން ދޭން ނިންމާފައި ވަނީ މިދާއިރާއިން ފަތުރުވެރިންނާ އެންމެ ކައިރީގައި މަސައްކަތްކުރާ މުވައްޒަފުންނަށް ކަމަށް މިނިސްޓަރު ވަނީ ފާހަގަކުރައްވާފަ އެވެ.

ފަތުރުވެރިންގެ ސިނާއަތުގެ މުވައްޒަފުންނަށް ވެކްސިނިން ދޭން ފެށި ޕްރޮގްރާމުގައި ބައިވެރިވުމަށް މުވައްޒަފުން މާލެ އައިނަމަވެސް، ދެން ތިބި މުވައްޒަފުންނަށް އެމީހުންނާ އެންމެ ކައިރިން ވެކްސިން ދޭ ސެންޓަރަކުން ވެކްސިން ޖެހުމުގެ އިންތިޒާމްތައް ހަމަޖެހިފައިވާކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

މުސްތަގުބަލުގައި ބޮޑެތި ރިސޯޓުތަކަށް ޓީމުން ގޮސް ވެކްސިން ދިނުމުގެ ކަންކަން ކުރިއަށް ގެންދިއުމުގެ ފުރުސަތު އޮތް ކަމަށް ވެސް މައުސޫމް ފާހަގަކުރެއްވި އެވެ.

އެއާލައިނުތަކުގެ 100 ސްޓާފުންނަށް މިއަދު ހުޅުމާލޭގައި ވެކްސިން ދިނުމުގެ ކަންކަން ކުރިއަށްދާނެ ކަމަށް ޓޫރިޒަމް މިނިސްޓްރީން މައުލޫމާތު ދެއެވެ.

ފަތުރުވެރިންގެ ސިނާއަތުގައި މަސައްކަތްކުރާ މީހުންނަށް 10،000 ވެކްސިން ޑޯޒް ދިނުމަށް ވަނީ ހަމަޖެހިފަ އެވެ. މިއަދު ފެށި ޕްރޮގްރާމުގައި މިދާއިރާގެ އެކި ތަންތަނުން 25 މީހަކު ވަނީ މާލެ ގެނެސް ވެކްސިން ދޭން ފަށައިފަ އެވެ. މީގެތެރޭގައި ރިސޯޓް މުވައްޒަފުންނާއި، ގެސްޓް ހައުސްތަކުގައި މަސައްކަތްކުރާ މުވައްޒަފުންނާއި، އެއާޕޯޓް މުވައްޒަފުންގެ އިތުރުން ގެސްޓް ސާވިސް އެޖެންޓުންނާއި ފަންނާނުން ހިމެނެ އެވެ. މިއިން ކޮންމެ ތަނަކުންވެސް މިއަދު ފެށި ޕްރޮގްރާމުގައި ބައިވެރިވެފައި ވަނީ ފަސް މީހުންނެވެ.