ރާއްޖޭގެ ހުރިހާ ހޮސްޕިޓަލެއްގައި މާދަމާ ކޮވިޑް-19 އިގެ ވެކްސިން ދޭން ފެށޭނެ ކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން މިއަދު ބުނެފި އެވެ.
ހެލްތު އެމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)ގެ މިހާރު ކުރިއަށްދާ ކުއްލި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. އަހުމަދު ފައިސަލް ވިދާޅުވީ ރާއްޖޭގެ ހުރިހާ ހޮސްޕިޓަލެއްގައި މާދަމާ ކޮވިޑް-19 އިގެ ވެކްސިން ދޭން ފެށުމުގެ އިތުރުން، އުމުރުން 70 އަހަރުން މަތީގެ މީހުންނަށްވެސް މާދަމާ ވެކްސިން ދޭން ފަށާނެ ކަމަށެވެ.
ޑރ ފައިސަލް ވިދާޅުވީ މިއީ ބަލިމަޑުކަމުގެ ދަނޑިވަޅެއްކަމުން ވެކްސިން ދިނުމަށް ހަމަޖެހިފައިވަނީ އެޕޮއިންޓްމަންޓް އުސޫލުން ކަމަށެވެ.
އެގޮތުން ވެކްސިން ޖެހުމަށް ނަން ރެޖިސްޓްރީ ކުރަން ހުޅުވާލި ޕޯޓްގައި ނަންނޯޓު ކުރެއްވި ފަރާތްތަކަށް ގުޅަމުން ގެންދާނެކަމަށް ފައިސަލް ވިދާޅުވި އެވެ.
"ރަޖިސްޓްރީކުރަން މި ޖެހޭނީ އެ ބޭފުޅުންގެ މައުލޫމާތު އަޅުގަނޑުމެނަށް އެނގެންޖެހޭތީ. މި ވެކްސިނަކީ އަޅުގަޑުމެން ކިއު ހަދައިގެން ޖެހޭނެ ވެކްސިނެއް ނޫން. މި ވަކި ގަޑިއަކަށް މީހުންގެ ގެނެސް މީހުން ގިނަނުކޮށް ޖަހަންޖެހޭ ވެކްސިނެއް. އެހެންކަމުން އެ މައުލޫމާތު ލިބުން ވަރަށް މުހިއްމު،" އޭނާ ވިދާޅުވި އެވެ.
ދިފާއީ ނިޒާމު ފުރިހަމަ ވާނީ ދެ ޑޯޒަށް ފަހުން ކަމަށާއި އެހެންކަމުން ވެކްސިންގެ ފުރަތަމަ ޑޯޒަށްފަހު ވެސް ރައްކާތެރިކަމުގެ ފިޔަވަޅު އަޅަންވާނެ ކަމަށާއި، ވެކްސިން ޖެހުމަށްފަހު ސިއްހީ އެއްވެސް މައްސަލައެއް މެދުވެރިވާނަމަ، ލަސްނުކޮށް ހޮސްޕިޓަލަކަށް ދިއުމަށް ފައިސަލް ވަނީ އިލްތިމާސް ކުރައްވައިފަ އެވެ.
އިއްޔެ އިން ފެށިގެން އެ ބަލީގެ ވެކްސިން ޖެހުމުގެ ޕްރޮގްރާމް ވަނީ ފަށައިފަ އެވެ.
މިގޮތުން، އިއްޔެ އެކަނިވެސް 280 އަށް ވުރެ ގިނަ މީހުންނަށް ވެކްސިން ދީފައިވާއިރު، މާލޭގެ އިތުރުން އަތޮޅު ތެރޭގައި ވެސް އެ ޕްރޮގްރާމް ކުރިއަށް ގެންދެ އެވެ.
ވެކްސިން ޕްރޮގްރާމް ފެށި ނަމަވެސް، ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް ފަރުވާކުޑަނުކުރުމަށް ސިއްހީ މާހިރުން ގެންދަވަނީ ތަކުރާރުކޮށް އިލްތިމާސް ކުރައްވަމުންނެވެ.