ރާކީ ސާވަންތު އަކީ މީހުންގެ ސަމާލުކަން ހޯދަން ވަރަށް އަޖައިބުވާ ކަހަލަ ކަންތައްތައް އަބަދުކުރާ އެކްޓަރެކެވެ. ކަލާޒް ޓީވީގެ ރިއަލިޓީ ޝޯ "ބިގް ބޮސް"ގެ 14 ވަނަ ސީޒަންގައި ބައިވެރިވެ ރާކީ މިހާރު ހުރީ މި ޝޯގައި ބައިވެރިވާ އެހެން މީހުންނާއެކު ބިގް ބޮސްގެ ގޭގަ އެވެ.
މި ޝޯގެ ފަހުގެ އެޕިސޯޑެއްގައި ރާކީ އޭނާގެ ޒާތީ ދިރިއުޅުމާ ގުޅޭ ވަރަށް ތަފާތު ވާހަކަތަކެއް ޝޯގެ އެހެން ބައިވެރިއެއް ކަމަށްވާ ލަވަކިޔުންތެރިޔާ ރާހޫލް ވައިދިޔާ އާ ހިއްސާ ކޮށްފައި ވެއެވެ.
ރާކީ ބުނި ގޮތުގައި އޭނާ އާ ކައިވެނި ކުރިއިރުވެސް އޭނާގެ ފިރިމީހާގެ އެހެން އަންބަކާއި ދަރިއަކު ހުރެ އެވެ. އަދި ކައިވެނި ކުރިއިރު ރާކީ އަށް އެކަން ނުވެސް އަންގާ ކަމަށާއި އޭނާއަށް އެނގުނީ ކައިވެނި ކުރިތާ އެތައް ދުވަހެއް ފަހުން ކަމަށް ވަރަށް ބާރަށް ރޮމުން ރާކީ ބުނެފައި ވެއެވެ.
ރާހޫލް އާ މި ވާހަކަތައް ޝެއާ ކުރެވުމުން ރާކީގެ ހިތަށް ލުއިވެ ހަމަޖެހުން ލިބުނު ކަމަށް ބެލެވެ އެވެ. ސަބަބަކީ އިރުކޮޅަކުން އޭނާ ކުރިން އުޅޭ ސްޓައިލަށް އެހެން މީހުންނާ ދިމާލަށް ހިތަށް އެރި އެއްޗެއް ކިޔައި މީހުން ރުޅި އަރުވާތަން ފެނިފައި ވާތީ އެވެ.
ކުރިން ރާކީ އަބަދު އުޅެނީ ދެވޮލީނާ އާ ޖައްސާލައިގެންނެވެ. ނަމަވެސް ރާހޫލް އާ ވާހަކަ ދައްކާފައި ރޮއިރޮއި އުޅެފައި އިރުކޮޅަކުން ފެނުނީ އަބިނެވް ޝުކްލާ އާ ދިމާކޮށްލި ތަނެވެ. އެއީ ކުޑައިރުކޮޅެއް ކުރިން ހިތުޖެހިގެން ރޮއިރޮއިފައި އުޅުނު ރާކީ ހެން ފަހުން ހިއެއް ވެސް ނުވެ އެވެ.
ކުރިއަށް ދައްކަން އޮތް އެޕިސޯޑުގެ ޕްރޮމޯގައި ވެސް ފެންނަނީ އަބިނެވް އާ ދިމާލަށް ހިތު ހުރިހާ އެއްޗެއް ރާކީ ގޮވާ ތަނެވެ. އަދި އޭނާ އާ ވާހަކަ ދެއްކުން އަންހެނުން ރޫބީނާ މަނާ ކުރީތޯ ވެސް ރާކީ އަބިނެވް ކުރަން އަހަ އެވެ. އެންމެ ފަހުން އަބިނެވް ގާތަށް ރުޅިއައިސްގެން ހަޅޭއްލަވައިގަތުމުން ދެން ރާކީ ދަނީ ރޫބިނާ ކައިރިއަށެވެ.
ރޫބީނާ އާ ޖައްސާލުމުން އޭނާ ކައިރިއަށް ރުޅިއައިސްގެން ބޮޑު ފެންބާލިދީ އެއް ރާކީގެ ގަޔަށް ޖަހާ ތަން ވެސް ފެނެ އެވެ.
"ބިގް ބޮސް"ގެ ފޭނުންނަށް ކުރިޔަށް ހުރި އެޕިސޯޑުތަކަކީ ވަރަށް މުނިފޫހިފިލާނެ މަޖާ އެޕިސޯޑުތަކަކަށް ވާނެކަމަށް ގަބޫލުކުރެވެ އެވެ.