އެމެރިކާގެ ލަވަކިޔުންތެރިޔާ އަދި ސޯންގް ރައިޓާ ނިކް ޖޯނަސްގެ ހުވަފެނަކީ އަންހެނުން ޕްރިޔަންކާ ޗޯޕްޅާ ޖޯނަސް އާއެކު ވީހާ ވެސް ގިނަ ދަރިން ހޯދައިގެން އެ ދަރިން ބޮޑެތި ކުރުމެވެ.
ބެލެވޭ ގޮތުގައި ދަރިން ހޯދަން ނިކް އާއި ޕްރިޔަންކާ ވެސް ވަރަށް ބޭނުމެވެ. މިކަމުގައި އެ ދެ މީހުންގެ ޚިޔާލު ވަރަށް އެއްގޮތެވެ.
ނިއުސް ޕޯޓަލް "ސަކާ" އަށް ދިން އިންޓަވިއު އެއްގައި ނިކް ބުނީ އެއް ދުވަހަކުން އަންހެނުން ޕްރިޔަންކާ އާއެކު ގިނަ ދަރިން ތަކެއް ހޯދުމަކީ އޭނާގެ އުންމީދެވެ. ނިކް، 28، ބުނީ އޭނާ އެންމެ އިސްކަމެއް ދެނީ ޕްރިޔަންކާ އުފާވާނެ ގޮތްގޮތަށް ކަންތައް ކުރަން ކަމަށެވެ.
"ޕްރިޔަންކާ އަކީ އަހަރެންގެ ހަޔާތުގެ އެންމެ މުހިއްމު މީހާ. ދަރިން ހޯދުމަކީ އަހަރެމެން ދެ މީހުންގެ ވެސް އުންމީދެއް. އިރާދަކުރެއްވިއްޔާ ކޮންމެވެސް ދުވަހަކުން އެކަން ފުރިހަމަ ވާނެ،" ނިކް ބުންޏެވެ.
ނިކް ބުނީ އެ ދެ މީހުންނަށް ކައިވެނީގެ ގުޅުމުން ގުޅެވި އެކުގައި ދިރިއުޅުމުގެ ފުރުސަތު ލިބުމަކީ ވެސް ލެއްވި ވަރަށް ބޮޑު ރަހުމަތެކެވެ. ނަމަވެސް މުސްތަގްބަލްގައި ވާނެ ކަންތައްތަކަކީ އެއްވެސް މީހެއްގެ ކޮންޓްރޯލްގައި އޮންނަ ކަމަކަށް ނުވާތީ ދަރިން ވެސް ލިބޭނީ ކޮން އިރަކުން ކަން އެމީހުންނަށް ބުނަން ނޭނގޭ ކަމަށެވެ.
ޕްރިޔަންކާގެ އެންމެ ފަހުގެ ފިލްމު "ދަ ވައިޓް ޓައިގާ" އަށް ބޮޑު ތަރުހީބެއް ލިބުމުން އުފަލުން ހުރި ޕްރިޔަންކާ ބުނީ އޭނާގެ ހަޔާތުގައި ވެސް މުހިއްމު ދައުރެއް އާއިލާއިން އަދާކުރި ކަމަށެވެ. އަދި އާއިލާއެއް ބިނާކުރުމަކީ އޭނާ ދެކެމުން އައި ހުވަފެންތަކުގެ ބައެއް ކަމަށެވެ.
ޕްރިޔަންކާ ބުނީ އޭނާ އަށް ކުރެވުނުހާ ރަނގަޅަކަށް ކަންކަން ކުރަމުންދާ ކަމަށާއި ބާކީ ހުރިހާ ކަމެއް އޮތީ ހެއްދެވި ފަރާތުގެ އިރާދަފުޅާ ގުޅިފައި ކަމަށެވެ.
ޕްރިޔަންކާ މި ވަގުތު ބިޒީކޮށް އުޅެނީ އޭނާގެ އޮޓޮބައިގްރޮފީ މެމްއާ "އަންފިނިޝްޑް" ޕްރޮމޯޓް ކުރުމުގަ އެވެ. އަދި ޖިމް ސްޓްރޫސް ޑައިރެކްޓްކުރާ އަލަށް ފަށާ ފިލްމެއް ކަމަށްވާ "ޓެކްސްޓް ފޯ ޔޫ" ގައި ވެސް ޕްރިޔަންކާ ވަރަށް މުހިއްމު ރޯލެއް ކުޅެން ވަނީ ހަމަޖެހިފަ އެވެ.