(ފަހުބައި)
"ދެން؟" އަމްރާ ސުވާލުން ފުރިގެންވާ ގޮތަކަށް އަރީޝަށް ބަލައިލިއެވެ.
މިއަދަކީ ނަޒީރުގެ އާއިލާއަށް އުފާވެރި ދުވަހެކެވެ.
އާމިރާއި އުމަރާއި އަނީސާ ތިބީ އެއާޕޯޓުގައެވެ. ނަޒީރުމެންގެ އިންތިޒާރުގައެވެ. އެތައް ދުވަހެއް ފަހުން ބައްދަލުވާތީ ހިތްހަމަ ޖެހިފައެވެ. ފުރޮޅުލީ ގޮނޑި ކުރިއަށް ކޮށްޕަމުން އަރީޝް ބޭރަށް ނުކުންނަ މަންޒަރު ފެނުމުން އަނީސާ ހިނިތުންވެލިއެވެ. ގޮނޑީގައި އިނީ ނަޒީރެވެ. އެމީހުންގެ ފަހަތުން ޓްރޮލީތައް ކޮށްޕަމުން އަމްރާއާއި އަހުނާ ނުކުންނަ މަންޒަރު ފެނިގެން ދިޔައެވެ. އަހުނާ ހުރީ އަމްރާގެ މުލައްދަނޑީގައި ހިފަހައްޓައިލައިގެންނެވެ. އާމިރާއި އުމަރުގެ މޫނު މައްޗަށް ހިނިތުންވުމުގެ އަސަރުތައް ވެރިވެގެން ދިޔައެވެ.
ބަލައިބެލުމަށް އަހުނާ އިހުނަށް ވުރެ ރީތި ވެފައި ލޫލާފަތި ކަމަށް ދައްކައެވެ. އެ ހިމަ މޫނުން އުފާވެރިކަމުގެ ވިދުންކަނި ބަބުޅަމުން ދެއެވެ.
ދުވަސްތަކެއް ފަހުން އާއިލާ އެއްވުމުން އެންމެން ތިބީ ހިތްހަމަ ޖެހިފައެވެ. އެތައް ދުވަހަކަށްފަހު ބައްދަލުވުމުން ކޮންމެ މީހަކަށް ވެސް ކުރެވެނީ ބަޔާންކުރަން ދަތި އިހުސާސްތަކެކެވެ. އުމަރާއާއި އާމިރުގެ ގައިގައި އަމްރާ އޮޅުލައިގަތެވެ. ދެކުދިންގެ ގައިގައި އޮޅުލަމުން ބޮސްދިނެވެ. އެ ދެކުދިން ވެސް ނަޒީރުގެ އަތުގައި ހިފައި ތިރިވެލަމުން ނަޒީރުގެ ގައިގައި ލޯތްބާއެކު ބައްދާލިއެވެ.
"މުޖުތަމައުން ނުކުޅެންދުންތެރިކަން ހުންނަ މީހުންނާ މެދު ދެކޭ ގޮތް ބަދަލުވާން ފަށައިފި. އަޅުގަނޑުމެންގެ މަގުސަދަކީ ވެސް އެއީ. މުޖުތަމައު ހޭލުންތެރި ކުރުވާ އެ ކުދިންނަށް ލިބިދޭން ޖެހޭ ހައްގުތައް ކަށަވަރު ކޮށްދިނުން. އެކުދިންނަކީ ވެސް މުޖުތަމައުގައި ގަދަރުވެރި ބަޔަކަށް ހެދުން. ހައްގުތަކެއް ލިބިގެންވާ ބައެއްކަން މުޖުތަމައަށް ވިސްނައިދިނުން. މިރޭ އިހުތިފާލު ކުރަމުން މިދަނީ މި މަގަށް މަސައްކަތްކޮށްދޭ ހައްގުވެރީންގެ އަގުވަޒަންކުރުން. އެފަދަ ފަރާތްތަކުގެ ހިދުމަތުގެ އަގުވަޒަންކުރުން. އާދެ، ތިޔަ ބޭފުޅުން ބައްލަވަމުން ތިޔަ ގެންދަވަނީ ނުކުޅެދުންތެރިކަން ހުންނަ ކުދީންނާއި އެކުދީންގެ ވާގިވެރީންގެ ޚިދުމަތުގެ އަގުވަޒަންކުރުމުގެ ހަފުލާ." ހަފުލާ ހުށަހަޅައިދޭން ހުރި މަގުބޫލު ޓީވީ ހުށަހެޅުންތެރިޔާ އޯޑިއަންސްގެ އެކި ދިމަ ދިމާއަށް ބަލައިލަމުން ވާހަކަ ކުރިއަށް ގެންދިޔައެވެ.
މަޑުމައިތިރި މިޔުޒިކުގެ އަޑުގެ ފަހަތުން ވިންދުތަކުގެ އަޑު އިވިއިވި ހުއްޓެވެ. ހުށަހަޅަން ހުރި ޒުވާނާ ވާހަކަ މެދުކަނޑައިލުމުން އެ އަޑުތައް ބާރުވެލިއެވެ. އޭނާ އޯޑިއަންސަށް ބަލައިލުމަށްފަހު ފުން ނޭވާއެއް ދޫކޮށްލިއެވެ.
"ދެން މިގެނެސްދެނީ ވަރަށް މަގުބޫލު ފަރާތެއްގެ ވީޑިއޯ ޕްރޮފައިލް. މިއީ އިންސާނިއްޔަތުކަމުގެ ލާމަސީލު މިސާލެއް. އަމިއްލަ އުފާތަކަށް ވުރެ ބޮޑަށް ފުރާނައިގެ އަގު ވަޒަންކޮށްފައިވާ ޒުވާނެއްގެ ވާހަކަތައް. އޭނާގެ އެ ހިތްވަރުގަދަ ކެރުންތެރިކަމާއި އިސްނެގުމުގެ ސަބަބުން މިއަދު މިވަނީ ފުރާނައެއް ސަލާމަތްކޮށްފަ. އާއިލާއިން ގެއްލެމުން ދިޔަ އުފާވެރިކަމުގެ ހުޅުކޮޅު އަލުން ދިއްލުވާލަދީފަ. ބައްލަވާލައްވާ."
މުޅި މަންޒަރު އެކުގައި އަނދިރިވެގެން ދިޔައެވެ. ދެން ފެނިގެން ދިޔައީ ސްޓޭޖުގެ މެދުގައިވާ ސްކުރީނުން ފެނުނު ދެލޮލެވެ. ރީތި ފުން ދެލޮލެވެ. އޮމާން މޫނާ ދިމާއަށް ހިމަތޮޅި ނޭފަތާއި ތުންފަތާ ހަމައަށް ކެމެރާ އަމާޒުވެގެން ދިޔައެވެ. އިރުކޮޅަކުން އެ ރީތި ތުންފަތުން ވަރު ހުސްވިއެވެ. ތުންފަތުގެ މެދުން ސޮނިތައް ފައިބާން ފެށީއެވެ. އެ މަންޒަރަށް ކެމެރާ ފޯކަސްކޮށްލިއެވެ. ފަހަރަކު ތިއްކެއް މޭމައްޗަށް އޮހެމުން ދިޔަ މަންޒަރަށް ފޯކަސް ކުރެވިގެން ދިޔައެވެ. އެއާއެކު ޕްރޮފައިލްގެ ނެރޭޝަންގެ އަޑު އިވެމުން ދިޔައެވެ.
ޕްރޮފައިލް ރިޕޯޓް ސްޓޭޖުގައި ޕްލޭވަމުން ދިޔައެވެ. ނަމަވެސް ކެމެރާ އަމާޒުވީ އޯޑިއަންސްގައި ތިބި ނަޒީރުމެންގެ އާއިލާ އަށެވެ. ސީދާ ނަޒީރުގެ މޫނަށް ކެމެރާ ފޯކަސްވިއެވެ. އޭނާގެ ދެލޮލަށް ޖަމާވެ ގިނަވެފައިވާ ކަރުނަތައް އޮހިގެން ދިޔަ މަންޒަރުން ޓީވީ ބަލަން ތިބި މީހުންގެ ހިތް ރޮއްވާލިއެވެ. ނަޒީރަށް ހިފައިލެވުނީ އަމްރާގެ އަތުގައެވެ. އަނެއް އަތުން ހިފައިލީ އަހުނާގެ އަތުގައެވެ. އަމްރާގެ ލޮލުން ވެސް ކަރުނަތައް ހިލިގަތެވެ. އޭނާގެ ކޯތާފަތް ކަރުނުން ތެމި ފޯވަމުން ދިޔައެވެ. ނަމަވެސް އަހުނާގެ މޫނު މަތީ ކުރެހެމުން ދިޔައީ ހިނިތުންވުމުގެ އަސަރުތަކެވެ. އޭނާގެ ހިތް އުފަލުން ފޮޅެމުން ދިޔައެވެ.
ސްކުރީނުން ފެންނަމުން ދިޔައީ އަހުނާއެވެ. އިވެމުން ދިޔައީ އޭނާގެ ވާހަކަތަކެވެ. ނަޒީރަށް ބަލައިލެވުނީ އޭނާ ގާތުގައި އިން އަހުނާގެ މޫނަށެވެ. އަނެއް ފަހަރު ސްކުރީނުން ފެންނަމުން ދިޔަ އަހުނާ އަށެވެ. ސްކުރީނުން ފެންނަމުން ދިޔަ އަހުނާގެ ވާހަކަތަކަށް ސަމާލުކަން ދެވުނެވެ.
"މިއަދު އެންމެން އުފާވޭ. އާއިލާ އުފާވޭ. މަންމަ އުފާވޭ. ކޮއްކޮމެން އުފާވޭ. އަހަރެން ވެސް ވަރަށް އުފާވޭ. ހިތްހަމަ ޖެހޭ،" އަނގައިން ވަރުނެތިފައިވާ ގޮތަކަށް ކޮށި ގޮތަކަށް އަހުނާ ވާހަކަދެއްކިއެވެ. "ހީކޮށްފާނެ މިއީ ގަދަކަމުން ކުރިކަމެއް ކަމަށް. އެހެންނެއް ނޫން. މަންމަމެން ދެރަވީމަ އަހުނާ ވެސް ދެރަވޭ. ބައްޕަ ރޯތަން ފެނުނީމަ އަހުނާ ވެސް ރޮވޭ. މަންމަ ނަމާދުކޮށްގެން ދުއާކުރާއަޑު އިވުނީމަ އަހުނާ ވެސް ދުއާކުރީ. ބައްޕައަށް އެހީވެވޭތޯ. އެހެންވެ މަންމަ ގާތުބުނީ. މަންމަ ގަބޫލު ނުވީ. ދެން އަނިސާއްތަ ގާތު ބުނީ. އެކަމަކު އެއްބަސް ނުވީ. ދެން ބޭބެ ގާތު ބުނީ."
އަހުނާގެ ވާހަކަތަކަށް ފަހު ނެރޭޓުކުރަމުން ދިޔަ ފަރާތުގެ އަސަރުގަދަ އަޑާއެކު މުޅި ތަން ހިމޭންވެގެން ދިޔައެވެ. ކޮންމެ މީހަކު ލޮލަށް ކަރުނަތައް ޖަމާވަމުން ގޮސް ކޯތާފަތަށް އޮހެމުން ދިޔައެވެ.
ދެން ފެނުނީ އަރީޝާއި އަމްރާއެވެ. ދެ މީހުން ތިބީ ހާސްވެ ކަންބޮޑުވެފައެވެ. އެއް ފަހަރަކު އަރީޝްގެ މޫނަށް އަނެއް ފަހަރު އަމްރާގެ މޫނަށް ކެމެރޭ ފޯކަސްކޮށްލައެވެ.
"ގަދަކަމުން ބިރު ދައްކައިގެން ކުރުންތާ މައްސަލައަކަށް ވާނީ. އަހަރުމެން މި އުޅެނީ އޭނާއަށް އޮޅުވާލައިގެން، މަކަރު ހަދައިގެން، ބިރުދައްކައިގެން އެކަން ކުރާކަށް ނޫނެއްނު،" ލަސްލަހުން އަމްރާ ބުނެލިއެވެ. "އަހަންނަށް ޔަގީން އަހުނާ އެކަމަށް އެއްބަސްވާނެކަން. އޭނާ ވެސް އުފާވާނެ އޭނާގެ ސަބަބުން ބައްޕަގެ ފުރާނަ ސަލާމަތް ކުރެވުނީމަ."
ކެމެރާ އަމާޒުވީ އަމްރާގެ ލޮލުން ހިލެމުން ދިޔަ ކަރުނަތަކާ ދިމާއަށެވެ. އެއާއެކު ފަހަތުން އިވެމުން ދިޔަ ވިންދު ޖަހާ އަޑު ބާރުވިއެވެ. ހީވީ އަމިއްލަ ހިދުގެ އަޑު އިވެމުންދާހެންނެވެ. އަމްރާ ހިތްދަތި ގޮތަކަށް ހިންދިރުވާލިއެވެ. ދެން ކެމެރާ އަމާޒުވީ ސީދާ އަރީޝްގެ މޫނަށެވެ.
"ތިކަން ކުރެވިދާނެ. އެކަމަކު ފަހުން މައްސަލައެއް ދިމާނުވާނެ ގޮތަކަށް ކަންކަން ތަރުތީބުކޮށް ރާވާން ޖެހޭނީ،" އަރީޝް ވެސް ފުން ވިސްނުމެއްގައި އިނދެ ބުނެލިއެވެ. "އެންމެ ފުރަތަމަ ޖެހޭނީ މެޗްވޭތޯ ބަލާކަންނު ދޯ."
އަރީޝްގެ ވާހަކަ ނިމުނު އިރަށް މަންޒަރު އެކުގައި ހިމޭންވިއެވެ. ލަސް މިޔުޒިކެއްގެ އަޑުން މަޑުމަދުން ބާރުވަމުން ގޮސް ހިތުގެ ތެޅުމުގެ އަޑާ މަސްހުނިވިއެވެ. ދެން ފެނުނީ އަހުނާއެވެ.
"އަހަރެން ބުނެލަން ބޭނުންވަނީ ނުކުޅެދުންތެރިކަން ހުންނަ ކޮންމެ މީހަކީ ވެސް އިންސާނެކޭ. އަހަރުމެންނަށް ވެސް މުޖުތަމައަށް، ގައުމަށް ހިދުމަތްކޮށްދެވޭނޭ. އިންސާނިއްޔަތު ކަމަށް ހިދުމަށް ކޮށްދެވޭނޭ. އަހަރުމެންނަށް ވެސް ފުރުސަތު ދޭށޭ. މިއީ އަހަރުމެން ގަސްތުގައި ކުރި ކަމެއް ނޫނޭ. އަހަރުމެން ބާކީ ނުކުރާށޭ." އަހުނާގެ އެ ޖުމުލަތަކާއެކު އިވުނު ޖަޒުބާތީ މިޔުޒިކުގެ ސަބަބުން ކޮންމެ މީހަކު ހިތުގެ ވިންދު ވެސް އާދަޔާ ހިލާފު ގޮތަކަށް ތެޅި ގަތެވެ.
ރާގުކޮޅާއެކު ސްކުރީނުން ކަޅުވިއެވެ. މުޅިތަން އެކުގައި ހިމޭންވިއެވެ. ކޮންމެވެސް ވަރަކަށް ގިސްލުމުގެ އަޑު ވެސް އޯޑިއަންސް ތެރެއިން އިވުނެވެ. އޯޑިއަންސްގެ ކުރީގައި ތިބި ޝަރަފުވެރިން ކޮޅަށް ތެދުވިއެވެ. އަތްތިލަ ބަޑި ޖަހަން ފެށިއެވެ. މުޅި އޯޑިއަންސް އެކުގައި ކޮޅަށް ތެދުވިއެވެ. ކޮންމެ މީހެއްގެ ލޮލަށް ވެސް ޖަމާވެފައިވާ ކަރުނަތައް އަތުގެ ނުފުށުން ފޮހެލަމުންނެވެ. މުޅިތަން އެކުގައި ގުގުމައިލިއެވެ. އަތްތިލަ ބަޑީގެ ތަރުހީބުންނެވެ. އެންމެން އެކުއެކީގައި އަހުނާގެ ހިތްވަރަށް ތައުރީފުކުރިއެވެ.
"ވަޑައިގެން ތިއްބެވި އެންމެހާ ހާޒިރީން. ނުކުޅެދުންތެރިކަމުގެ ދުވަސް ފާހަގަ ކުރުމަށް ކުރިއަށް ގެންދެވޭ މި ހާއްސަ ހަފުލާގެ އެންމެ ޝަރަފުވެރި އެވޯޑު. އާދެ، ނުކުޅެދުންތެރިންގެ ތެރެއިން އިންސާނިއްޔަތަށް ހިދުމަތްކުރުމުގެ ދާއިރާއިން ޝަރަފުވެރިކަމުގެ އެވޯޑު ހާސިލުކުރަނީ، އަހުނާ ނަޒީރު."
ޝޯވ ހުށަހަޅަން ހުރި ޒުވާނާގެ ހިތްގައިމު އަޑާއެކު މުޅިތަން އެކުގައި ގުގުމައިލިއެވެ. އަހުނާއާއެކު އޭނާގެ ބައްޕައާއި މަންމަ ވެސް ކޮޅަށްތެދުވިއެވެ. އެދެމީހުންގެ އަތުގައި ހިފައިގެން އަހުނާ ސްޓޭޖަށް އެރިއެވެ. ލުއި ހިނިތުންވުމަކާއެކު އަހުނާ އިނާމާ ހަވާލުވިއެވެ. އަހުނާގެ ބޮލުގައި ރީތި ތާޖެއް އެޅުވިގެންދިޔައެވެ. ތާޖުގެ ވިދުންކަނިތަކާއެކު އަހުނާ ފެންނަނީ ރީތީގެ ރާނީއެއް ފަދައިންނެވެ.
"ލޭޑީސް އެންޑް ޖެންޓަލްމަން! އާދެ، އެ ނަމެއްގެ މާނައާއި އެންމެ ގުޅޭ ހިދުމަތެއްކޮށްދެވި ޒުވާނާ. އަހުނާގެ މާނައަކީ 'އޯގާތެރިކަން ބޮޑު މީހާ'، މިއީ ހުރިހާ ޒުވާނުންނަށް ނަމޫނާ ޒުވާނެއް، ޒުވާން ޚިދުމަތްތެރިޔާ އަހުނާ ނިޒާރު."
(ނިމުނީ)