ކޮވިޑް-19 އިގެ ވެކްސިނާ ދެކޮޅަށް ގޯސް މައުލޫމާތު ހާއްސަކޮށް ސޯޝަލް މީޑިއާގައި ފަތުރަމުންދާ މައްސަލަ ހާއްސަ އިސްކަމެއް ދީގެން ވަރަށް ގާތުން ބަލަމުން އަންނަ ކަމަށް، ކޮމިޔުނިކޭޝަންސް މިނިސްޓްރީން މިއަދު ބުނެފި އެވެ.
މިދިއަ ހޯމަ ދުވަހުން ފެށިގެން ވެކްސިން ޕްރޮގްރާމް ފަށައި، އޭޑީކޭގެ އާއި ހުޅުމާލޭ ހޮސްޕިޓަލާއި ޓްރީޓޮޕް ހޮސްޕިޓަލާއި ވިލިމާލޭ ހޮސްޕިޓަލުގައި ކުރިޔަށް ގެންދިޔަ އެވެ. ހދ. ކުޅުދުއްފުއްޓާއި އައްޑޫ ހިތަދޫގެ އިކްއެޓޯރިއަލް ހޮސްޕިޓަލްގައި ވެސް ވެކްސިން ޖަހަން ވަނީ ފަށާފަ އެވެ.
އަދި މިއަދު ރާއްޖޭގެ ހުރިހާ ހޮސްޕިޓަލްތަކެއްގައި ވެކްސިން ޖަހަން ފަށާފައިވާއިރު، އިއްޔެ އާ ހަމައަށް 800 އަށް ވުރެ ގިނަ މީހުންނަށް ވަނީ ވެކްސިންގެ ފުރަތަމަ ޑޯޒް ދީފަ އެވެ.
ވެކްސިންގެ ރައްކާތެރިކަމާގުޅޭ ގޮތުން ސައްހަ ނޫން މައުލޫމާތާއެކު ސުވާލު އުފައްދަމުން ދާއިރު، ވެކްސިންގެ ޔަގީންކަން ކަށަވަރުކޮށް ދޭން، ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި އުއްތަމަ ފަނޑިޔާރު މުއުތަސިމް އަދުނާނާއި ބައެއް ވަޒީރުން ވަނީ ޕްރޮގްރާމްގެ ފުރަތަމަ ދުވަހު ވެކްސިން ޖައްސަވާފަ އެވެ.
ނަމަވެސް، ވެކްސިނާ ގުޅޭ ގޮތުން އެކި ގޮތް ގޮތަށް ސައްހަ ނޫން ވާހަކަތައް ހާއްސަކޮށް ސޯޝަލް މީޑިއާގައި ދަނީ ފަތުރަމުންނެވެ.
އެކަމާ ގުޅިގެން ކޮމިޔުނިކޭޝަންސް މިނިސްޓަރު މުހައްމަދު މަލީހް ޖަމާލް މިއަދު އަވަސްއަށް ވިދާޅުވީ، ކޮވިޑް-19 އިގެ ވެކްސިނާ ދެކޮޅަށް ގޯސް މައުލޫމާތު ހާއްސަކޮށް ސޯޝަލް މީޑިއާގައި ފަތުރަމުންދާ ފަރާތްތައް، ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އާ ގުޅިގެން ވަރަށް ގާތުން ބަލަމުން އަންނަ ކަމަށެވެ.
"އެޗްޕީއޭގެ ލަފަޔާއެކު އެފަދަ ފަރާތްތައް ދެނެގަނެ، އެހެން ގައުމުތަކުގައިވެސް އަމަލު ކުރާ އުސޫލުން، ސޯޝަލް މީޑިއާ ކުންފުނިތަކާ ގުޅިގެން ހުއްޓުވުމުގެ މަސައްކަތް ހާއްސަ އިސްކަމެއް ދީގެން ކުރެވޭނެ،" މަލީހް ވިދާޅުވި އެވެ.
ކޮވިޑް-19 ވެކްސިން ޖަހަން ފެށުމާ ގުޅިގެން، އެކަމާ ގުޅޭ މައުލޫމާތު ޒިންމާދާރު ކަމާއެކު ގެނެސްދިނުމަށް މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) އިން ވެސް ވަނީ އިލްތިމާސްކޮށްފަ އެވެ.
އަދި ކޮވިޑް-19 އިގެ ވެކްސިން ޕްރޮގްރާމް ސިޔާސީ ނުކުރުމަށް ސިއްހީ މާހިރުން ގެންދަވަނީ ތަކުރާރުކޮށް އިލްތިމާސް ކުރައްވަމުންނެވެ.