ހަބަރު

ބޭރުގެ މަސްބޯޓެއް ސިފައިން ހިފަހައްޓައިފި

ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް ވަދެ އުޅުނު ބޭރުގެ މަސްބޯޓެއް ސިފައިން ހިފަހައްޓައިފި އެވެ.

އެމްއެންޑީއެފް އިން ދެންމެ ބުނީ ސ. ގަމުގެ ދެކުނުން 15 ނޯޓިކަލް މޭލު ބޭރުގައި ބޭރުގެ މަސްބޯޓެއް ހަރަކާތްތެރިވާކަމުގެ މައުލޫމާތު ލިބިގެން ކޯސްޓްގާޑުން ހަރަކާތް ތެރިވަމުންދާ ކަމަށެވެ. މި ބޯޓްގެ މައުލޫމާތު ސިފައިންނަށް ދީފައިވަނީ އެ ސަރަހައްދުގައި މަސްވެރިކަން ކުރަން އުޅުނު "ރަސްކުރި" ނަމަކަށް ކިޔާ ދޯނީގައި ތިބި މަސްވެރިންނެވެ.

އެމްއެންޑީއެފްގެ އިސް ތަރުޖަމާން މޭޖާ އިބްރާހިމް އާޒިމް ވިދާޅުވީ ސިފައިން އެ ބޯޓަށް އަރާ މައުލޫމާތު ހޯދަމުންދާ ކަމަށެވެ.

މީގެ ކުރިންވެސް ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ގަވާއިދާ ހިލާފަށް މަސްވެރިކަން ކުރަން އުޅޭ އެކި ގައުމުތަކުގެ މަސްބޯޓުތައް ވަނީ އަތުލައިގެންފަ އެވެ. އެކަމުގައި މަސްވެރިންގެ އެހީތެރިކަން ބޮޑެވެ.