ރިޕޯޓް

ރާއްޖެ ޗައިނާގެ ރަން ދަރިއަށް ވީތަ؟

ދެކުނު އޭޝިއާގައި ޗައިނާގެ ބާރު ގަދަވުމަކީ އިންޑިއާ ކަންބޮޑުވާ ކަމެއް ނޫން ކަމަށް އިންޑިއާގެ ސިޔާސީ ވެރިން "މަތި އޮމާންކޮށްލަން" ވިދާޅުވި ނަމަވެސް ސްރީ ލަންކާގެ ވެރިކަން ބަދަލުވުމާ އެކު މިހާރު މި ވަނީ ބުޅާ ގޯނިން ބޭރުވެފަ އެވެ. ރާޖަޕަކްސަގެ ވެރިކަން ވެއްޓި، ޗައިނާއާ ގާތް ގުޅުމެއް ބާއްވަން ބޭނުން ނުވާ ވެރިޔަކު ސްރީ ލަންކާ އަށް އައުމާ އެކު އިންޑިއާގެ ސިޔާސީ ބޭފުޅުންނާއި އިންޑިއާގެ މީޑިއާ ވެސް އުފަލުން ކެކި އަރަނީ އެވެ. ހީވަނީ އީދެއް އައިސްގެން އުޅޭހެންނެވެ. މި އީދު ކުޅިވަރު ގޮސް ނިމޭނީ މި ކުޑަކުޑަ ދިވެހިރާއްޖެއާ ހިސާބުންނެވެ.

ދެކުުނު އޭޝިއާ ސަރަހައްދަށް ޗައިނާގެ ފިޔަގަނޑު ފަތުރާލުމުގެ ވިސްނުމުގައި އަބަދުވެސް ދިޔައީ މަސައްކަތް ކުރަމުންނެވެ. ނަމަވެސް ޗައިނާ އަކީ އެހާ ބަސް ގިނަ ގައުމަކަށް ނުވުމާއި އެހެން ގައުމުތަކުގެ ސިޔާސީ ކަންކަމުގެ ތެރެއަށް ސީދާ ގޮތުން އަތް ނުބޭނުމުގެ ސިޔާސަތުގެ ސަބަބުން އެ ގައުމުގެ ބާރުތައް މޫލައި ހެދެމުން ދިޔައީ މަޑުމަޑުން އެކަމަކު ވަރުގަދައަަށެވެ. މުލުހުން ލުހެ އެއްލައިލަން ފަސޭހަ ގޮތަކަށް ނޫނެވެ.

ޗައިނާގެ މި މައިތިރި ސިޔާސަތުގައި ކުރިއަށް ދަނިކޮށް ނަސީބަކަށް މެދުވެރިވީ 2005 ވަނަ އަހަރު ލަންކާގެ ވެރިކަމަށް މަހިންދަ ރާޖަަޕަކްސަ ވަޑައިގަތުމެވެ. ޖެހިލުން ކުޑަ، ހަރުކަށި ސިޔާސަތެއް ގެންގުޅުއްވި ރާޖަޕަކްސަ ވެރިކަމަށް ވަޑައިގަތީ އޭރު ލަންކާގައި ތަމަޅައިންނަށް ވަކި ދައުލަތެއް ގާއިމުކޮށްދިނުމަށް ހަނގުރާމަކުރަމުން ދިޔަ ޓައިގަރުންގެ ދުވަސް ދުއްވާލާނެ ކަމުގެ ވައުދާ އެކުގަ އެވެ. އެ ވައުދު ފުއްދެވުމަށް އަސްކަރީ ހަރަކާތްތައް އިތުުރުކުރައްވައި، ޓެރަރިޒަމާ ގުޅުން ހުރި ގާނޫނުތައް ހަރުކަށިކުރެއްވުން ވެގެން ދިޔައީ އިންސާނީ ހައްގުތަކުގެ ފުޅާ މަގުގައި ރާޖަޕަކްސަ އަށް އަޑިގުޑަންތައް ކުރިމަތިވި ކަމަކަށެވެ. އެމެރިކާ އާއި ޔޫރަޕުން އެކި ގޮތްގޮތުން ފިއްތުން ކުރިމަތިކުރަން ފެށި އެވެ. މި ދަނޑިވަޅުގައި ލަންކާ އަށް ބައިނަލްއަގުވާމީ ސިޔާސީ މައިދާނުގައި އެހީވެފައި ޗައިނާ އިން ހުއްޓާލީއެއް ނޫނެވެ. ލަންކާ ސިފައިންނަށް ބޮޑެތި އެހީތައް ދިނެވެ. މި އެހީތެރިކަމާ އެކު ޓައިގަރުންގެ ދުވަސް ދުއްވާލުމުގެ ވައުދު 2009 ވަނަ އަހަރުގެ މެއި މަހުގެ 18 ވަނަ ދުވަހު ރާޖަޕަކްސަ ފުރިހަމަކުރެއްވީ ޓައިގަރުންގެ ލީޑަރު ވެލުޕިއްލައި ޕްރަބާކަރަން މަރާލައިގެންނެވެ. ލަންކާގެ އެއްވެސް ވެރިޔަކަށް ނުކުރެއްވުނު ކަމެއް ރާޖަޕަކްސަ ކުރެއްވި އިރު ޗައިނާގެ އެހީއާ އެކު ލަންކާގައި ދިޔައީ ބިޔަ މަޝްރޫއުތައް ހިންގަމުންނެވެ. ޗައިނާ އިން އޭޝިއާ ސަރަހައްދަށް ރާވާފައިވާ މުހިންމު މަޝްރޫއުތަކުގައި ލަންކާ ވަނީ މުހިންމު ބައިވެރިއެއްގެ ގޮތުގައި ޗާޓުގައި ހިމަނައިފަ އެވެ. މިކަމުން ރާޖަޕަކްސަގެ ވެރިކަން ދަމަހައްޓަން ފަސޭހަވި އިރު ޗައިނާގެ ނުފޫޒު ފަތުރާލުމަށް ވެސް މަގުތައް ހުޅުވި ފުޅާވެގެން ދިޔަ އެވެ. އެކަމަކު މިދިޔަ ބުރާސްފަތި ދުވަހަކީ އެ މުހިންމު މަގު ޗައިނާ އަށް ހަނިވިވެގެން ދިޔަ ދުވަހެވެ. ޗައިނާގެ މަންދޫބެއް ފަދައިން ލަންކާގައި ވެރިކަންކުރެއްވި ރާޖަޕަކްސަގެ ވެރިކަން ރައްޔިތުންގެ ވޯޓަކުން ނިމުމަކަށް ގެނައީ އެވެ.

ލަންކާގެ އާ ރައީސް މައިތުރިޕަލާ ސިރިސޭނާ ކެމްޕޭނު ތެރޭގައި ވެސް އެންމެ ބޮޑަށް ރާޖަޕަކްސަ އަށް ހަމަލާ ދެއްވީ ލަންކާގެ އިގްތިސާދު ޗައިނާގެ މައްޗަށް މާބޮޑަށް ބަރޯސާ ކޮށްފައި އޮތުމުން އެކަމާ ގުޅުވައިގެންނެވެ. ޗައިނާ އިން ދަނީ "ދަރަނީގެ ދަންދުރައެއްގައި" ލަންކާ ޖައްސަމުން ކަމަށް ބުނަމުން ސިރިސޭނާގެ އިއްތިހާދުން ވަނީ ޗައިނާ އިން 1.4 ބިލިއަން ޑޮލަރު އިންވެސްޓްކޮށްގެން، ހިއްކައިގެން ހަދަން ނިންމާފައިވާ ޕޯޓް ސިޓީ ޕްރޮޖެކްޓް ވެސް ހުއްޓުވާނެ ކަމަށް ބުނެފަ އެވެ.

ރާޖަޕަކްސަގެ ވެރިކަމުގައި ޗައިނާ ވަނީ ލަންކާގައި އެންމެ ބޮޑު ފޮރިން އިންވެސްޓަރަށް ވެފަ އެވެ. އަދި ދެ ވަނަ އަށް އެންމެ ގިނައިން ވިޔަފާރި ކުރަނީ ވެސް ޗައިނާއާ އެކުގަ އެވެ. ޗައިނާގެ ވިޔަފާރީގެ ސަގާފީ މަގު ކަމަށްވާ "ސިލްކް ރޯޑް" ގައި ލަންކާ ބައިވެރިވެ އެ ވިޔަފާރީގެ ވިއުގައާ ލަންކާ އޮތީ ގުޅިފަ އެވެ. މިދިޔަ 10 އަހަރު ތެރޭ ޗައިނާ އިން ލަންކާ އަށް ދިން އެހީ 50 ގުނަ އިތުރުވެގެން ދިޔަ އެވެ. މިގޮތުން 2012 ވަނަ އަހަރާ ހަމަޔަށް 490 މިލިއަން ޑޮލަރުގެ އެހީ ދީފައިވެ އެވެ. މިއީ އެމެރިކާ އާއި އެހީގެ ޖަމާއަތްތަކާއި އެހެން ގައުމުތަކުން ދިން ހުރިހާ އެހީއެއް އެއްކޮށްލިޔަސް އެއާ ނުބައްދަލު ބޮޑު އަދަދެކެވެ.

ރާޖަަޕަކްސަ ޗައިނާ އަށް ބަރޯސާވާލެއް ބޮޑުކަމުން ރުޅި މޫނު ހަދާފައި އޮތް އިންޑިއާ އަށް ހިނިތުންވުން ލިބުނީ ޗައިނާ އާއި އިންޑިއާއާ އެކު ވެސް ލަންކާގެ އާ ސަރުކާރުން ގެންގުޅޭނީ ހަމަހަމަ ގުޅުމެއް ކަމަށް ބުނުމުންނެވެ. އަދި ސިރިސޭނާ ވެރިކަމާ ހަވާލުވެ ވަޑައިގަތުމަށް ފަހު ފުރަތަމަ ވަޑައިގަންނަވާ ގައުމަކީ އިންޑިއާ ކަމަށް ހަމަޖެއްސުމުން ޗައިނާ އަށް އެ ދެވެނީ މެސެޖެކެވެ. އެހެންވެ ހުރިހާ ކަމެއް އެނބުރިގެންދާ ވަގުތެއްގައި ބޭނުންކުރާނެ ޕްލޭން ބީއެއް ނެތި ޗައިނާ އިން ލަންކާގައި ބިލިއަނުން އިންވެސްޓްކުރާނެ ކަމަށް ގަބޫލުކުރާނީ މޮޔައެކެވެ. ޕްލޭން ބީ ގައި އޮންނާނީ އިންޑިއާ އާއި ޗައިނާއާ އެކު މި ހުރިހާ ދުވަހެއް ވަންދެން ހަމަހަމަ ގުޅުމެއް ބޭއްވި ދިވެހިރާއްޖެ ކަމަށް ވުމީ އެންމެ ގާތް ގޮތެވެ.

ރައީސް އަބްދުﷲ ޔާމީން ރާއްޖޭގެ ވެރިކަމާ ހަވާލުވެ ވަޑައިގެން ހިސާބުން ޗައިނާއާ އެކު ގުޅުން ބަދަހިވާން ފެށުމުގެ ނަތީޖާއެއްގެ ގޮތުން ލަންކާ ފަަދައިން ޗައިނާގެ ސިލްކް ރޯޑްގައި ބައިވެރިވެއްޖެ އެވެ. ރައީސް ޔާމީންގެ ވެރިކަމުގެ ވައުދުތައް ފުރިހަމަ ކުރުމުގެ މުހިންމު ފާލަމަކަށް ޗައިނާ ވެއްޖެ އެވެ. ޔާމީންގެ ސަރުކާރާ ހިލާފަށް އިދިކޮޅު އެމްޑީޕީ އަކީ ޗައިނާ އަށް ވުރެ އިންޑިއާއާ ދޯޅު ޕާޓީއަކަށް ވުމުން ލަންކާ ގެއްލިގެން ދިޔަ ގޮތަށް ރާއްޖެ ގެއްލިދާނެ ކަމަށް ޗައިނާ އިން ފިޔަވަޅުތައް އަޅާނެ އެވެ. އެހެންވެ ރާއްޖެ އަކީ ޗައިނާގެ ރަންދަރިއަށް ނުވާންވީ ސަބަބެއް ނުފެނެ އެވެ.