65 އަހަރުން މަތީގެ މީހުން ވެކްސިން ޖެހުމަށް ސެންޓަރުތަކަށް ދިއުމުން ވެކްސިން ޖެހޭނެ އިންތިޒާމު ހަމަޖެހިފައިވާ ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފި އެވެ.
ރާއްޖޭގައި ކޮވިޑް ވެކްސިން ދޭން ފަށާފައިވަނީ މިދިޔަ ހޯމަ ދުވަހުއެވެ. ކޮވިޑް ވެކްސިން ޖަހަން ރަޖިސްޓްރީވާން ވަނީ ހުޅުވާލާފައެވެ. މިވަގުތު ވެކްސިން ޖަހައިދެނީ ޕޯޓަލްގައި ރަޖިސްޓްރީވެފައިވާ ފްރަންޓްލައިން މުވައްޒިފުންނާއި އުމުރުން 70 އަހަރުން މަތީގެ މީހުންނަށެވެ.
ނަމަވެސް އެޗްޕީއޭއިން ބުނީ މާލޭގައި ދިރިއުޅޭ އުމުރުން 65 އަހަރުން މަތީގެ މީހުންނަށް ކޮވިޑް ވެކްސިން މިއަދު ޖަހަން ފަށާފައިވާ ކަމަށެވެ. މި އުމުރުގެ މީހުން ސޯޝަލް ސެންޓަރުގައި ގާއިމުކޮށްފައިވާ ވެކްސިން ސެންޓަރަށާއި ހުޅުމާލެ ވެކްސިން ސެންޓަރަށް ދިއުމަށް ވަނީ އެދިފައެވެ. ކޮންމެ ދުވަހެއްގެ ހެނދުނު 9 ކުން ހަވީރު ފަހަކަށް ވެކްސިން ޖަހައިދޭނެ ކަމަށްވެސް ބުންޏެވެ.
ވެކްސިން ޖަހަން ދާއިރު އައިޑީކާޑު ގެންދިއުމަށާއި ބޭނުންކުރާ ބޭހެއް ވާނަމަ އެ ބޭހެއްގެ މައުލޫމާތު އެނގޭނެހެން ދިއުން އަދި ގަޔަށް ދޫ ހެދުމެއްގައި އައުމަށް ވަނީ އެދިފައެވެ. މީގެ އިތުރުން ރަނގަޅަށް ކައިގެން އައުމަށާއި ފެންފުޅިއެއް ގެނައުމަށްވެސް އެޗްޕީއޭއިން އެދިފައިވެއެވެ. ވެކްސިން ޖަހަންދާ މީހަކީ ބަލީގެ އެއްވެސް އަލާމާތެއް ހުރި އަދި ކަރަންޓީންގައި ހުރި މީހަކަށް ވެގެން ނުވާނެ އެވެ.
އެޗްޕީއޭއިން ބުނީ ވެކްސިނަށް ރަޖިސްޓްރީ ނުކުރާ މީހުންނަށް ވެކްސިން ސެންޓަރުތަކުން ރަޖިސްޓްރީވުމަށް އެހީތެރިވެދޭނެ ކަމަށެވެ. ވީހާވެސް ގިނަ ބަޔަކު ވެކްސިން ޕޯޓަލްގައި ރަޖިސްޓްރީވުމަށް އިލްތިމާސް ކުރަމުން އެޗްޕީއޭއިން ބުނީ ވެކްސިން ޖެހުމަށް ހުޅުވާލާއިރު ރަޖިސްޓްރީވެފައިވާ ތަރުތީބަށް ބަލާނެ ކަމަށެވެ.