ހަބަރު

ރާއްޖޭގެ ކަނޑުން ހިފެހެއްޓީ ލަންކާ މަސްބޯޓެއް

ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ހިފެހެއްޓީ ސްރީލަންކާ މަސްބޯޓެއް ކަމަށް އެމްއެންޑީއެފުން ބުނެފި އެވެ.

މި ބޯޓަކީ ސ.ގަމުގެ ދެކުނުން 15 ނޯޓިކަލް މޭލު ބޭރުން ސިފައިން ހުއްޓުވި ބޯޓެކެވެ. މި މަސްބޯޓު ސިފައިންގެ ބެލުމުގެ ދަށަށް ގެނެސްފައިވާއިރު، އޭގައި ތިބީ ލަންކާގެ ފަސް ފަޅުވެރިންކަމަށް މައުލޫމާތުދެއެވެ.

މި ބޯޓުގެ މައުލޫމާތު ސިފައިންނަށް ދީފައިވަނީ އެ ސަރަހައްދުގައި މަސްވެރިކަން ކުރަން އުޅުނު "ރަސްކުރި" ނަމަކަށް ކިޔާ ދޯނީގައި ތިބި މަސްވެރިންނެވެ.

މި މައްސަލަ ސަރުކާރުގެ ކަމާބެހޭ ފަރާތްތަކުން ބަލަމުން އަންނަ ކަމަށް އެމްއެންޑީއެފުން މައުލޫމާތު ދެއެވެ.

މީގެ ކުރިންވެސް ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ގަވާއިދާ ހިލާފަށް މަސްވެރިކަން ކުރަން އުޅޭ އެކި ގައުމުތަކުގެ މަސްބޯޓުތައް ވަނީ އަތުލައިގެންފަ އެވެ. އެކަމުގައި މަސްވެރިންގެ އެހީތެރިކަން ބޮޑެވެ.