ބޮލީވުޑް

"މުންނާބާއީ 3"ގެ މަސައްކަތް އެބަ ކުރޭ: ޕްރޮޑިއުސަރު

"މުންނާބާއީ" ސީރީޒްގެ ފިލްމުތަކަށް ބެލުންތެރިން އާދަޔާޚިލާފު ތަރުހީބެއް ދީފައި ވެއެވެ. އަދި މި ސިލްސިލާގެ ތިން ވަނަ ފިލްމަކަށް ގިނަ ބަޔަކު ކެތްތެރިކަމެއް ނެތި އިންތިޒާރު ކުރަމުން ދެއެވެ.

ސަންޖޭ ދަތާއި އަރްޝަދު ވާރްސީ ލީޑް ރޯލުތައް ކުޅެފައިވާ މި ސީރީޒްގެ ފުރަތަމަ ދެ ފިލްމަކީ ވަރަށް މަޖާ އެހާމެ މޮޅު ޑައިލޯގްތަކެއް ހިމެނުނު ފިލްމުތަކެވެ. ފިލްމު ބެލި މީހުންނަށް ފިލްމާ އެހާ ގަޔާ ވެވުނީ އެހެންވެ އެވެ.

ފިލްމު އުފެއްދުމުގެ މަސައްކަތް ލަސްވަމުން ދިއުމުން އިތުރަށް މިސިލްސިލާގެ ފިލްމެއް ނުފެންނާނެ ކަމަށް މިހާރު ގިނަ ބަޔަކަށް އޮތީ ހީވެފަ އެވެ. ނަމަވެސް ފިލްމުގެ ޕްރޮޑިއުސަރު ވިދޫ ވިނޯދް ޗޯޕްޅާ ދާދިފަހުން އިންޑިޔާ ނޫހަކަށް ބުނެފައިވާ ގޮތުގައި "މުންނާބާއީ 3"ގެ މަސައްކަތް މިހާރު ވެސް އެބަ ކުރެ އެވެ. ފިލްމު ނުފެށީގެން އުޅެނީ ހިތްހަމަޖެހޭ ސްކްރިޕްޓެއް މިހާތަނަށް ލިބިފައި ނުވާތީ ކަމަށް ވެސް ޕްރޮޑިއުސަރު ބުންޏެވެ.

"ސްކްރިޕްޓްގެ މަސައްކަތް ޑައިރެކްޓަރު ރާޖް ކުމާރު ހިރާނީ އާއި ލިޔުންތެރިޔާ އަބިޖާތު ޖޯޝީ އެބަ ކުރޭ. ހީވަނީ އަހަރު ނިމޭ ހިސާބުގައި ފިލްމުގެ ސްކްރިޕްޓް ފުރިހަމަ ކުރެވޭނެކަމަށް އުންމީދު ކުރަނީ،" ޕްރޮޑިއުސަރު ބުންޏެވެ.
ވިދޫ ވިނޯދް ޗޯޕްޅާ އިތުރަށް ބުނީ ފިލްމު ނޫފައްދާނެ ކަމަކަށް އޭނާ އެއްފަހަރު ވެސް ނުބުނެ އެވެ. އޭނާ ބުނީ ނަމަކަށް އެއްޗެއް ހަދަން ބޭނުން ނުވާ ވާހަކަ އެވެ.

"މުންނާބާއީ"ގެ ފިލްމުތަކުގައި އެންމެ މުހިއްމު އެއް ރޯލު އަދާކުރި އަރްޝަދު ދާދިފަހުން ބުނެފައިވަނީ ފިލްމުގެ މަސައްކަތް ނުފެށިގެން އުޅޭ ސަބަބެއް އޭނާއަށް ނޭނގޭ ކަމަށެވެ. ތިން ސްކްރިޕްޓެއް ލިޔެ ތައްޔާރުވެފައި އޮތް ކަމަށާއި ނަމަވެސް އެއްވެސް ސްކްރިޕްޓަކަށް ފިލްމެއް އުފެއްދޭ ގޮތް ނުވެފައިވާ ކަމަށް އަރްޝަދު ބުންޏެވެ.