ބޮލީވުޑް

އެކްޓަރުން އުމުރާ ގުޅޭ ފިލްމު ކުޅެބަލަ: ސަންޖޭ

ސަންޖޭ ދަތުގެ އާ ފިލްމު "ކޭޖީއެފް ޗެޕްޓަ 2"ގައި އޭނާ ކުޅޭ ނުބައިބައި މީހާ އަދީރާ ހުންނަ ސިފަ ވަނީ ދައްކާލާފަ އެވެ. އެއާއެކު އިންޓަނެޓުގައި ގިނަ ބައެއްގެ ސަމާލުކަން މި ސިފަޔަށް ލިބި ވަރަށް ބޮޑަށް މި ސިފަ މަޝްހޫރުވެފައި ވެއެވެ.

މި ފިލްމު ޕްރޮމޯޓް ކުރުމުގެ ގޮތުން އިންޑިޔާ ނޫހަކަށް ދިން އިންޓަވިއު އެއްގައި ސަންޖޭ ދަތާ ނޫސްވެރިޔަކު ވަރަށް މުހިއްމު ސުވާލެއް ކުރި އެވެ. އޭނާ އާ ދާދި އެއް އުމުރެއްގެ ގިނަ އެކްޓަރުން ތަކެއް އަދިވެސް ވަރަށް ޒުވާން ބަތަލާއިންނާއެކު ރޮމެންޓިކް ރޯލުތައް ކުޅޭއިރު އޭނާ ވެސް އެފަދަ ރޯލުތައް އަދިވެސް ކުޅެފާނެތޯ އެވެ؟

ސަންޖޭ ބުނީ އުމުރާ އެއްގޮތަށް ކޮންމެ މީހަކުވެސް ބަދަލުވާން ޖެހޭނެ ކަމަށް ގަބޫލު ކުރާ ކަމަށެވެ. އޭނާގެ އުމުރުގެ ގިނަ އެކްޓަރުން އަދިވެސް ޒުވާން ފިރިހެނުންގެ ރޯލުތައް ކުޅޭނޫންތޯ ނޫސްވެރިޔާ ސުވާލު ކުރުމުން ސަންޖޭ ދަތު ބުނީ އޭނާއަށް އެ އުމުރުގައި އާލިއާ ބަޓް އާ ރޮމެންސް ކުރެވޭނެ ކަމަށް ގަބޫލު ނުކުރާ ކަމަށެވެ. އަދި ކޮންމެ އެކްޓަރަކު ވެސް އެމީހެއްގެ އަސްލު އުމުރާ ގުޅޭ ރޯލުތައް ކުޅެން ޖެހޭނެ ކަމަށް ދެކޭ ކަމަށް ސަންޖޭ ދަތު ބުންޏެވެ.

"ސަޅަކް 2" ގައި ސަންޖޭ ދަތު ވަނީ އާލިއާ އާއެކު މަސައްކަތް ކޮށްފަ އެވެ. ނަމަވެސް ސަންޖޭގެ ލޯބިވެރިޔާގެ ރޯލު އެ ފިލްމުގައި ކުޅެފައިވަނީ އާލިއާގެ ދައްތަ ޕޫޖާ ބަޓް އެވެ. އާލިއާ ކުޅެފައި ވަނީ މާ ހަގު އަންހެންކުއްޖެއްގެ ކެރެކްޓާ އެކެވެ.

ސަންޖޭ ދަތު މިހާރު ގިނައިން ކުޅެނީ އޭނާގެ އުމުރާ ގުޅޭ ވަރަށް ވަރުގަދަ ކެރެކްޓާ ތަކެވެ. އެގޮތުން "ކޭޖީއެފް 2"ގައި ވެސް އޭނާ ކުޅެނީ ވަރަށް ބިރުވެރި ސިފައެއް ޖަހާ ނުބައިބައި މީހެއްގެ ރޯލެވެ.

އެޕްރީލް 14 ގައި ރިލިޒް ކުރަން ހަމަޖެހިފައިވާ މި ފިލްމުގައި ރަވީނާ ޓަންޑަން އާއި ޕްރަކާޝް ރާޖް އަދި މަލްވިކާ އަވިނާޝް ބައިވެރިވެ އެވެ.